ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް
ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް
ރާއްޖޭގެ ނިޒާމްތަކުގެ ތެރެއިން ކަންކަން ހައްލު ކުރުމުގެ ވިސްނުން އިދިކޮޅު ކޯލިޝަނުން މިހާރު ދޫކޮށްލާފައިވާ ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީޕިއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މި ސަރުކާރުގެ ނިޒާމްގެ ތެރެއިން ކަންކަން ހައްލު ކުުރުމުގެ ވިސްނުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ސަރުކާރުގެ މުޅި ނިޒާމް އޮތީ ކޮރަޕްޓްވެފައި ކަމަށާއި، ނިޒާމްތަކުގެ ތެރެއިން މައްސަލަތައް ހައްލު ކުރެވެން ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ދިވެހި ރައްޔިތުންގެ ހުރި މައްސަލަތައް ދެން ހައްލުކުރާނީ މަގުމައްޗަށް ނުކުމެގެން ކަމަށާއި، އަނދަގޮނޑި ޖެހިއަސް އިދިކޮޅު ކޯލިޝަނުން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ކޮވިޑްގެ ބިރު ރައްޔިތުންނަށް ދައްކައިގެން ދައުލަތުގެ މާލިއްޔަތު ހުސްކޮށްލާން އިދިކޮޅު ކޯލިޝަނުން އިތުރަށް ދެން ފުރުސަތު ނުދޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މަގުމައްޗަށް ނުކުންނާތީ އަޅުގަނޑުމެން ނަށް ކިތަންމެ ބިރެއް ދެއްކިއަސް އެ މަސައްކަތެއް ނުހުއްޓާނަން، މިއަދު އަޅުގަނޑުމެން ގަބޫލެއް ނުކުރަން މި ސިސްޓަމް ރަނގަޅަށް ހިގާކަމަކަށް. އެހެން ނޫންނަމަ ރައީސް ޔާމިން ޖަލުގައި ނޯންނަވާނެ. ސިސްޓަމުން ބޭރުން ނުފޫޒު ފޯރުވައިގެން އެކަންކަން ކުރަމުންދާތަން މިފެންނަނީ. އެއްވެސް ރައްޔިތަކު ގަބޫލު ކުރާނެ ކަމެއް ނެތް އެއްވެސް ކަމެއް ސިސްޓަމުން ރަނގަޅުވާނެ ކަމަކަށް. ސިސްޓަމް އޮތީ ކޮރަޕްޓްވެފަ، ކޮރަޕްޓްވެފައި އޮތް މިންވަރަކީ 4.16ރ. އަށް ލިބޭ ހަކުރު ކިލޯ ހުރީ 16 ރުފިޔާގައި." ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތައް ބަންނަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ ޝިޔާމް ވަނީ އެމަސައްކަތް ހުއްޓާލުމަށް ކޮމިޝަނަށް ގޮވާލައްވާފައެވެ. މިކަމަކީ ވެސް އިންޑިޔާ އަޑީގައި އޮވެގެން ރާވާ ރޭވުމެއް ކަމަށް ޝިޔާމް ތުހުމަތުކުރެއްވިއެވެ.

"އަޅުގަނޑު ދަންނަވާނީ މިއަދު ސިޔާސީ ޕާޓީތައް ބަންނަން އަޅުގަނޑުމެންގެ އަތްތަށް ބަންނަން ތިޔަކުރާ މަސައްކަތް ހުއްޓާލާށޭ، އަޅުގަނޑުމެންނެއް ނުހުއްޓުވޭނެ ތިޔަކުރާ މަސައްކަތް ހުއްޓާލަން ޖެހޭނީ. މިކަންތައްތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން." ޝިޔާމް ވިދާޅުވިއެވެ.

މިހާރު ދިވެހި ރައްޔިތުން ތިބީ ވަރަށް ނިކަމެތި ޙާލުގައި ކަމަށާއި، އެއީ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދުގެ ވަރުގަދަ ޚާރިޖީ ސިޔާސަތުގެ ނަތީޖާ ކަމަށް ޝިޔާމު ވިދާޅުވިއެވެ. އޭގެ އިތުރަށް ދިވެހި ރައްޔިތުން 7 މަހަށް ގޭ ބަންދުގައި ބޭއްތިބުމަށްފަހު އަތް ދޮންނަން ބުނެފައި ސަރުކާރުން ދައުލަތުގެ ބައިތުލް މާލު ދޮވެލާފައިވާ ކަމުގައިވެސް ޝިޔާމު ވިދާޅުވިއެވެ.

އަދި ރިސޯޓު މުވައްޒަފުން ވަޒީފާ އަދާކޮށް ނިންމާފައި ނިދައިލަން ދިރިއުޅޭ ރަށަށް ދެވޭނެކަމަށް ބުނުމަށްފަހު މިހާރު އެ މުވައްޒަފުން ގެއަށް ފޮނުވައިލީ ތާއަބަދަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތަށް ފޮނުވި ޒުވާނުން މަހަށް ދާން ފެށުމުން މަސްވެރިން ކިރާ މަހަށް އަގު ލިބޭނެ އިންތިޒާމު ސަރުކާރަށް ހަމަޖައްސައިނުދެވުނު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ބައެއް ޒުވާނުން އޮންލައިންކޮށް އެކިކަހަލަ ވިޔަފާރިކުރަން ފެށުމުން ސަރުކާރުން މިއަދު ޒުވާނުން ގާތުގައި ބުނެފައިވަނީ ވިޔަފާރިކުރުމަށް ދުވާލަކު ހެދޭނީ 8 ޑޮލަރު 30 ސެންޓުގެ ޓްރާންސެކްޝަން ކަމަށް ޝިޔާމު ވިދާޅުވިއެވެ. މާކުރީއްސުރެ އިދިކޮޅުގެ މަޖިލިސް މެންބަރުން ޑޮލަރުގެ އަގަށް އަތުވެދާނެ ބަދަލާ ގުޅޭ ގޮތުން ވަޒީރުންނާއި އެމްއެމްއޭގެ ގަވަރުނަރާ ސުވާލުކުރެއްވި ކަމަށް ޝިޔާމު ވިދާޅުވިއެވެ. އެ ބޭފުޅުން އެއިރު ވިދާޅުވީ ދަތިކަމެއް މެދުވެރިނުވެ ޑޮލަރު ލިބޭނެ ކަމަށާއި، ޑޮލަރުގެ އަގަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވި ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ. މީގެ އިތުރުން އިންޑިއާއިން ކަމެއް ނުކޮށްދިނުމުން ދިވެހިރައްޔިތުންނަށް ގޮތެއް ހުހެއް ނުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން