އަހުމަދު މަސްނޫމް   17 ސެޕްޓެމްބަރު 2020 - 19:42
މާލެ ސަރަހައްދުގެ ސްކޫލުތައް ކުރިއަށް އޮތް ދެ ހަފުތާގައި ވެސް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިގޮތަށް ނިންމާފައިވަނީ، ކޯވިޑް-19ގެ ހާލަތަށް ރިޢާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެމަތިން ކަމަށެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 1 ވަނަ ދުވަހާ ހަމައަށް މާލޭ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭގޮތަށް ނިންމައި ފިލާވަޅުތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް މިނިސްޓްރީންވަނީ ނިންމަވާފައެވެ. އަދި އެ ނިންމެވުން ދެ ހަފްތާފަހުން މުރާޖަޢާ ކުރައްވާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް މިދިޔަ މާޗު 12 އިން ފެށިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވައި ކިޔަވައިދޭން ފެށީ ޖުލައި 1 ގަ އެވެ. އެކަމަކު، ކޮވިޑުގެ ކޭސްތައް އަލުން އިތުރުވާން ފެށުމާ އެކު، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލުތައް އިތުރު ދެ ހަފުތާ އަށް ބަންދުކޮށް މިދިޔަ މަހުގެ 9 އިން ފެށިގެން ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.

ސްކޫލްތަކާ ގުޅުން ހުރި ކްލަސްޓާއެއް ނެތް ކަމަށް އެޗްޕީއޭ އިން ކުރިން ބުންޏަސް ލޮކްޑައުނަށް ދިން ބޮޑެތި ލުއިތަކާއެކު ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ އެ ބަލީގައި މަރުވާ މީހުންގެ ރޭޓް މަތިވެފައި ވެ އެވެ. ކޮވިޑް ޖެހުނު މީހުންގެ އަދަދު 9،000 އިން މައްޗަށް އަރައި އެ ބަލީގައި 33 މީހުން މަރުވެފައި ވެ އެވެ. އެކަމަކު ކުރިއަށްވުރެ، މިހާރު އެ ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވެފައި ވެ އެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގައި މީގެ ކުރިންވެސް ސްކޫލްތައް ބަންދުކޮށް އޮންލައިންކޮންނާއި ޓެލިކިލާސް މެދުވެރިކޮށް ދިޔައީ ކިޔަވައިދެމުންނެވެ. އަދި މިހާރުވެސް އަންނަނީ ޓީވީއާއި އޮންލައިންކޮށް ކިޔަވއިދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން