ފާޑުކިޔުންތަކާއެކު ޕްރެޝަރު ބޮޑުވެ، ޕްރިންސްޕަލުންނާ ގުޅޭގޮތުން އަލަށް އެކުލަވާލި އުޞޫލު އަލުން މުރާޖައާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ސިވިލްސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އާންމުކޮށްފައިވާ "ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސުކޫލު ކަނޑައެޅުމުގެ އުޞޫލު" އާއި ގުޅިގެން މިވަގުތު ވަޒީފާގައި ތިއްބެވި ގިނަ ޕްރިންސިޕަލުންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރަމުން ދިއުމާ ގުޅިގެން މި އުޞޫލާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ކަމާގުޅުންހުރި އެހެނިހެން ފަރާތްކަތާއެކު އިތުރަށް މަޝްވަރާކޮށް އުޞޫލު އިތުރަށް ޚަރުދަރާ ކުރުމަށް ބޭނުންވާތީ، މި މަސައްކަތް ނިމި އަލުން އުޞޫލު އާންމު ކުރެވެންދެން މި އުޞޫލަށް ޢަމަލުކުރުން މަޑުޖައްސައި ލެވިފައި ވާކަމަށެވެ.

އެ އުޞޫލްގެ ބައެއް މާއްދާތައް މުރާޖައާ ކުރުމަށް ނިންމަވާފައިވަނީ އުޞޫލާ ގުޅިގެން ޕްރިންސްޕަލުންގެ ކަންބޮޑުވުންތައް ހުރުމާ ގުޅިގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ބުނެފައި ވެއެވެ. އެގޮތުން "ސަރުކާރު ސްކޫލްތަކުގެ ޕްރިންސްޕަލުން ވަޒީފާއަދާ ކުރާ ސްކޫލް ކަނޑައެޅުމުގެ އުޞޫލު"އަށް އެކި ފަހަރުމަތިން ޕްރިންސްޕަލުން ހުށައަޅާފައިވާ ޝަކުވާތަކާ ގުޅިގެން އެ އުޞޫލް މުރާޖައާ ކުރުމުގެ މަސައްކަތާއި އެއާ ގުޅިގެން ހަދާ ޤަވާއިދުގެ މަސައްކަތް ޕްރިންސްޕަލުންނާއި ސީއެސްސީއާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އަދި އުޞޫލާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނީ އުޞޫލްގައިވާގޮތަށް ޤަވާއިދު ޢާއްމުކުރުމަށްފަހު އެއާ އެއްގޮތަށްކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އަލަށް އެކުލަވާލި އުޞޫލްގައިވާގޮތުން ޕްރިންސިޕަލަކު އެއް ސްކޫލެއްގައި ހުންނާނީ ހަތަރު އަހަރުގެ ދެ ޓާމުގައެވެ. އުސޫލަށް އަމަލު ކުރަން ފަށާއިރު މިހާރު ތިބި ޕްރިންސިޕަލުންގެ މަގާމު ދެމި އޮންނާނެ ކަމަށާއި ފުރަތަމަ ހަތަރު އަހަރުގެ ޓާމް ފެށިގެންދާނީ އުސޫލާ އެއްގޮތަށް މަސައްކަތްކުރާ ސްކޫލު ކަނޑައަޅާ 4 އަހަރުގެ ޓެނިއުއާ ހަވާލުކުރާ ތާރީޚުން ފެށިގެންކަމަށް އެޑިއުކޭޝަން މިނިސްްޓްރީން ބުނެފައި ވެއެވެ.

ޕްރިންސިޕަލުންނާ މަޝްވަރާކުރުމެއް ވެސް ނެތި ހަދާފައިވާ އުސޫލާ މެދު ގިނަ ބޭފުޅުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ޕްރިންސިޕަލަން ވިދާޅުވަނީ އެ އުސޫލުގެ ސަބަބުން ވަޒީފާގެ ޔަގީންކަމެއް ނުލިބޭ ކަމަށެވެ. އެހެންވެ ތައުލީމީ ދާއިރާ ދޫކޮށް ދިއުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް ބައެއް ޕްރިންސިޕަލުން ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން