އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަގު ވައްޓާލަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ބުނެ ދެކެވޭ ވާހަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވި ވާހަތަކަށް ތާއީދުކުރަށްވާ މުސްތަފާބެގެ ރައްދު އަކްރަމް ކަމާލުއްދީނަށް އަމާޒު ކުރައްވައިފިއެވެ.

ބަލިވެ އުޅުއްވާތާ ދުވަސްތަކަކަށްފަހު ޓްވީޓެއްވެސް ނުކުރައްވާތާ އެތައް ދުވަހަކަށްފަހު ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުސްތޮފާބެ މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިނިސްޓަރ ފައްޔާޒްއަކީ ޕާޓީ ފަސާދަކޮށް ޕާޓީތެރޭގައި ހާޖާނު ހައްދައި، ޕާޓީގެ ވެރިންގެ އަގުވައްޓާލަން މަައްކަތް ކުރައްވާނެ ބޭފުޅެއް ނޫންކަމަށެވެ. އެކަން ކުރައްވަނީ މިނިސްޓަރ ފައްޔާޒްގެ ބޮލުގައި އެކަން އަޅުވަން މަސައްކަތް ކުރައްވާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންކަމަށް މުސްތޮފާ ވިދާޅުވިއެވެ.

މުސްތޮފާ ވިދާޅުވީ އަކްރަމަކީ އަމިއްލަ ގޭތެރެވެސް ފަސާދަ ކުރަށްވާފައިވާ ބޭފުޅެއްކަމަށެވެ. އެހެންވުމުން އުޅުއްވާ ޕާޓީތެރެ ފަސާދަކޮށް ފިތުނަ ކުރުމަކީ އެހާ އުނދަގޫ ކަމަކަށް ނުވާނެކަމަށެވެ. އަކްރަމް ކަމާލުއްދީނަކީ ރާއްޖެ ޓީވީގެވެސް ކުރީގެ ހިއްސާ ދާރެކެވެ.

"މިނިސްޓަރ ފައްޔާޒް އަކީ ޕާޓީތެރެ ފަސާދަ އުފައްދަން އުޅުއްވާ މީހެއްނޫން. އަކްރަމް ތީ ގޭތެރެވެސް ފަސާދަ ކޮށްފައި ހުރި މީހެއް. ރައީސް ތި ވިދާޅުވީ ރަނގަޅަށް." ދުވަސް ތަކަކަށްފަހު މުސްތަފާ ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދުގެ ބަސްފުޅަށް ތާއީދު ކުރައްވަމުން ވިދާޅުވެފައި ވެއެވެ.

"ރާއްޖެއެމްވީ"ގައި ޖެހި ހަބަރަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އަގު ވައްޓާލަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަސައްކަތް ކުރައްވަމުން ނުދާކަމަށެވެ. ރާއްޖެ އެމްވީން ޝާއިޢު ކުރުމަށްފަހު އަނބުރާ ނެގި އެޚަބަރުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ އަގު ވައްޓާލަން ފައްޔާޒު މިލިއަނުން ހަރަދުކުރަމުންދާ ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ސަޕޯޓަރުންނާއި އިސް ބޭފުޅުން ތިއްބަވާ ގުރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނުގެ އަގު ވައްޓާލަން ފައްޔާޒު ނޫޅުއްވާ ކަމަށެވެ. ނަމަވެސް އެކަން ކުރައްވަން އުޅުއްވަނީ އަކްރަމް ކަމާލުއްދީން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން