ރާއްޖެއިން ކޯވިޑަށް ޚަރަދުކުރަން ބޭނުންވި ފައިސާ މަޖިލީހުން ފާސްކޮށްދީ، އެޚަރަދު ކޮށްފައިވަނީ އެންމެ ރަނގަޅަށްތޯ އޮޑިޓްވެސް ކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"އިންޓަ ޕަރެސް" އިން މިއަދު ބޭއްވި ވެބިނާއެއްގައި އިނގިރޭސި ވިލާތުގައި ހުންނަވައިގެން ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޯވިޑް19ގެ ލޮކްޑައުންގައިވެސް އަދި ކޯވިޑްގެ މިދުވަސްތަކުގައިވެސް އެންމެބޮޑު ދައްޗަކަށް ވެފައިވަނީ އެއްވެ ބައްދަލުވުން ނުބޭއްވުންކަމަށެވެ. ނަމަވެސް ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ވަނީ ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް މަޖިލިސް ޖަލްސާތައް ބާއްވައި މަޖިލީހުގެ މަސައްކަތްތައް 6 މަސް ވަންދެން ހުއްޓުމެއްނެތި ކޮށްފައި ކަމަށެވެ.

މަޖިލިސް ބޭއްވި ކުރެވިދިޔަ މަސައްކަތްތަކަށް އަލި އަޅުއްވާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ ކޯވިޑްގެ އެހާލަތުގައި ދައުލަތުން ބޮޑެތި ހޭދަތަކެއް ކޮށްފައިވާކަމަށެވެ. އަދި އެހޭދަ ކުރުމަށް މަޖިލީހުން ދޭންޖެހޭ ހުއްދަވެސް ދީފައިވާކަމަށެވެ. ޚަރަދު ކުރުމުގައި ސަރުކާރުން އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށްތޯ ބެލުމަށް އޮޑިޓަ ޖެނެރަލް މެދުވެރިކޮށް އޯޑިޓް ވެސްކޮށްފައިވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"ހަމައެކަނި އިތުރުލާރިތަކެއް ސަރުކާރަށް ދިނުމަކަށްނޫން މަޖިލީހުން ފާސްކުރީ، އެފައިސާ އެންމެ ބޭނުންވި ގަޑީގައި އެ ފޯރުކޮށް ދިނުމަށް އެހީތެރިވިދިނިން. އަޅުގަނޑުމެން އޮޑިޓާ ޖެނެރަލް ގެނެސްގެން ކޯވިޑްގެ ޚަރަދުތައް ކޮށްފައިވަނީ އެންމެ ރަނގަޅަށްތޯ ވަރަށް ކައިރިން ބެލިން. އެއީ ރައްޔިިތުންގެ ފައިސާ އަޅުގަނޑުމެންނަށް ބޭނުންވާ ކޮންމެ ކަމެއް ނުކުރެވޭނެތީ." މަޖިލިސް ރައީސް ވިދާޅުވިއެވެ.

ޑިޖިޓަލް މަޖިލިސް ވެސް އޮތުން މުހިއްމު ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ޑިމޮކްރަސީގެ ތަޖުރިބާ މަދު ގައުމުތަކަށް އަދިވެސް އެންމެ ރަނގަޅު ގޮތަކީ މެންބަރުން އެއްވެ މަޖިލިސް ބޭއްވުން ކަމަށެވެ. ތަސައްރަފު ފުދިފައިވާ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ޑިޖިޓަލްކޮށް ބަހުސް ގެންދެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ވެބިނާގައި ރައީސް ނަޝީދުގެ މުޅި އަމާޒު ބައްޓަން ވެފައިވަނީ މަޖިލީހުން ކޯވިޑް-19 ގައި މަސައްކަތް ކުރެއްވި ގޮތާއި، މަޖިލިސް ކުރިއަށް ގެންދެވިގޮތް ތަފްސީލް ކޮށްދެއްވުމަށެވެ. އެގޮތުން މަޖިލިސް ރައީސް ވިދާޅުވީ ދޮޅު މަސްދުވަހު ވާޗުއަލްކޮށް މަޖިލިސް ބޭއްވުމަށްފަހު މަޖިލިސް ތަޅުމުގައި ޖަލްސާތައް ބާއްވައި ފޯރިގަދަ ބަހުސްތަކެއް މެމްބަރުން ކޮށްފައިވާކަމަށެވެ.

މަޖިލިސް ރައީސް ވަނީ ސަމާސާ ރާގެއްފައި ވާހަކަ ދައްކަވަމުން، މިފަދަ ބަހުސްތަކުގައި އެމަނިކުފާނަށް ނިސްބަތްކޮށްވެސް ތަފާތު ވާހަ ދެއްކުމާއި، ރައްދު ދިނުމާއި ޖަދަލު ކުރުންވެސް ގޮސްފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިގޮތަށް މަޖިލިސް ގެންދަނީ ރައްޔިތުންގެ ޝައުގުވެރިކަން ހޯދައި ގިނަ ކަންތައްތައް ދެފުން ފެންނަ ގޮތަކަށް ގެންދިއުމަށްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ތުއްތު ދީދީ

18-Sep-2020

މި ބަލާވެރިކަމުން ގައުމު ސަލާމަތް ވާނެ ދުވަހެއްގެ އިންތިޒާރުގަ



ޓްރެންޑިން