"މަންޑޭލާ ރޫލްސް"އަށް ޢަމަލުކުރަން ފެށުމުން ޖަލުތަކުގެ ކަންކަން އިޞްލާހުވެގެންދާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ކަރެކްޝަންސް އަށް ހަވާލު ކުރުމަށް މާލޭ ޖަލުގައި ބޭއްވި ރަސްމިއްޔާތައް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން މިނިސްޓަރ އިމްރާން ވިދާޅުވި މީގެ ކުރިން ޖަލުތަކުގައި ގައިދީންނާ މެދު އަމަލު ކުރަމުން އައީ އެ މީހުންނަކީ ވީހާވެސް ބޮޑަށް ބަންދު ކޮށްގެން ގެންގުޅެން ޖެހޭ ބައެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަމުގައި ގެންގުޅޭ ފަލްސަފާ ތަފާތު ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ ގައިދީންނަކީ މުޖުތަމައުއާ އެކަހެރި ކޮށްފައި ތިބި ބައެއް ކަމަށްވިޔަސް އެ މީހުންނަކީ އަމާނާތެއްގެ ގޮތުގައި ބެލެހެއްޓުން ކަމަށެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުންކަމަށެވެ. ބައިނަލްއަޤްވާމީ މިންގަނޑުތަކާއެއްގޮތަށް ޖަލުގެ ވަޞީލަތްތައް ޤާއިމްކޮށް، ޤައިދީންނާމެދު އަމަލުކުރުންކަމަށެވެ. އޭގެ ތެރޭގައި ޖަލުގެ ޞިއްޙީ ނިޒާމާއި ޤައިދީންގެ އަޚްލާޤާއި މުޢާމަލާތް ކުރެވޭގޮތާއި، މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރެވޭ ގޮތް ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެމަގަށް ކުރެވޭ މަސައްކަތްތަކުގައި ޤައިދީންގެ ހައްޤުތައް ރައްކާތެރިކުރުމަށް ނެލްސަން މަންޑޭލާ ރޫލްސް އެހީވެދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނެލްސަން މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ޝާއިއުކުރެވިގެން ދިއުމަކީ މަސައްކަތަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިމަސައްކަތުގެ ތެރެއިން ޞުލްޙަ މަސަލަސްކަމާއި، ޑިމޮކްރަސީއާއި، އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާ ހާޞިލްވުމަށްވެސް އެހީވެދޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޖަލުތަކުގައި ތިބޭ މީހުންނާ މެދު ޢަމަލުކުރަންޖެހޭ ގޮތާއި ކަންކަން އިންތިޒާމުކޮށް ބަހައްޓަންޖެހޭ ގޮތުގެ މިންގަނޑުގެ ގޮތުގައި ނެލްސަން މަންޑޭލާ ރޫލްސްގެ ނަމުގައި އެކުލަވާލާފައިވާ އުސޫލު ދިވެހި ބަހަށް ތަރުޖަމާކޮށް ޢާއްމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ ފަރާތްތަކުންވެސް އަހުލުވެރިވެ މިކަމަށް ދޭ ސަމާލުކަން އިތުރުކުރުމެވެ.

"ނެލްސަން މަންޑޭލާ ރޫލްސް،" މި ފޮތަކީ ދެކުނު އެފްރިކާގައި ހިނގަމުންދިޔަ ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް މަންޑޭލާ ކުރެއްވި މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން މަންޑޭލާގެ ޝަރަފުގައި ލިޔެފައިވާ ފޮތެކެވެ. ދެކުނު އެފްރިކާގައި އޮތް "އެޕާތައިޑް" ނުވަތަ ނަސްލީ ތަފާތުކުރުމުގެ ވެރިކަމާއި ދެކޮޅަށް ކުރެއްވި މަސައްކަތުގެ ތެރެއިން ނެލްސަން މަންޑޭލާ 27 އަހަރު ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. މި ފޮތުގައި ޤައިދީންނާއި މެދު އިންސާފާއި، އިންސާނީ ކަރާމާތް ނުގެއްލޭ ގޮތައް ޢަމަލުތައް ބަހައްޓާނެގޮތް ވަރަށް ތަފްޞީލުކޮށްވަނީ ލިޔެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން