‏ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްމަރުޙޫމް ޙުސައިން މުޙައްމަދުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސް ޞާލިޙް ސޮއިކުރައްވަނީ
‏ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްމަރުޙޫމް ޙުސައިން މުޙައްމަދުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސް ޞާލިޙް ސޮއިކުރައްވަނީ
ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމަށް އެންމެ ބޮޑު ހިތްވަރެއް ލިބިވަޑައިގަތީ އަލްމަރުޙޫމް ޙުސައިން މުޙައްމަދު ދެއްވި ފުރުޞަތެއްގެ ތެރެއިންކަމަށް ރައީސުލްޖުމްޙޫރިއްޔާ އިިބްރާހީމް މުޙައްމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު އަލްމަރުޙޫމް ޙުސައިން މުޙައްމަދުގެ ހަނދާނުގައި ޖުމްހޫރީ ޕާޓީން ބޭއްވި ތައުބީންގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، އަލްމަރުޙޫމް ޙުސައިން މުޙައްމަދަކީ ދިވެހި ޤައުމަށް އެކި ދާއިރާތަކުން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަގުހުރި ބޭފުޅެއްކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ޙުސައިން މުޙައްމަދާއި އެންމެ ފުރަތަމަ ދިމާވީ، މީގެ 32 އަހަރުކުރިން އެމަނިކުފާނު ކިޔަވާ ވިދާޅުވުމަށްފަހު، ޓެލެވިޜަން މޯލްޑިވްސްއާއި ގުޅިވަޑައިގެންނެވި ހިސާބުންކަމަށެވެ. އޭރު ޙުސައިން މުޙައްމަދަކީ އެމަނިކުފާނުގެ ވެރިޔާކަމަށާއި، ޓެލެވިޜަން މޯލްޑިވްސްގައި މަސައްކަތް ކުރެއްވި ދުވަސްވަރު، އެމަނިކުފާނަށް ވަރަށް ބޮޑަށް އިތުބާރުކުރައްވާ ގިނަ މަސައްކަތްތަކެއް ޙަވާލުކުރެއްވެވި ކަމަށާއި، ކުރިއަށްދިއުމަށް އެކި ފުރުޞަތުތައް ފަހިކޮށްދެއްވިކަމަށް ރައީސް ފާހަަގަކުރެއްވިއެވެ.

އެގޮތުން އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފުރުޞަތެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އެދުވަސްވަރު ބާއްވާ އަތޮޅުތަކުގެ ވެރިންގެ ބައްދަލުވުމުގައި ޓެލެވިޜަން މޯލްޑިވްސް ތަމްޞީލުކުރެއްވުމުގެ ފުރުޞަތު އަލްމަރުޙޫމް ޙުސައިން މުޙައްމަދު އެމަނިކުފާނަށް ދެއްވި ފުރުސަތެވެ. އަދި އެ ބައްދަލުވުން ވެގެންދިޔައީ އެމަނިކުފާނަށް ސިޔާސީ ދާއިރާއިން ލޯހުޅުވައިދިން، އަދި އެ ދާއިރާއަށް ނުކުމެވަޑައިގަތުމަށް އެންމެ ބޮޑު ހިތްވަރެއް ލިބިވަޑައިގަތް ފުރުޞަތައްކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

"ބައްދަލުވުންވެގެންދިޔައީ ޤައުމުގައި ހުރި ކަންކަމަށް އަޅުގަނޑުގެ ލޯ ހުޅުވައިދިން ބައްދަލުވުމަކަށް. ސިޔާސީ ދާއިރާއަށް ނުކުތުމުގެ ވިސްނުމާއި ހިޔާލު ލިބުނީ އެ ފުރުޞަތުގެ ސަބަބުން." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަލްމަރުޙޫމް ޙުސައިން މުޙައްމަދަކީ ޚިޔާލު ތަފާތުވާ ކަންކަމުގައިވެސް، ވިސްނުންތެރިކަމާއެކު ޚިޔާލާއި މަޝްވަރާދެއްވާ ނަމޫނާ ބޭފުޅެއްކަމަށެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްޕުޅުކުރެއްވި ދުވަސްވަރާއި، ސިޔާސީ މައިދާނުގައި މަސައްކަތްޕުޅުކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުޞަތުތަކުގައި އެމަނިކުފާނަށް ތަޖުރިބާކުރެވުނުކަމަށް ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، އަލްމަރުޙޫމް ޙުސައިން މުޙައްމަދަކީ ވަރަށް ހިތްޕުޅުހެޔޮ ސާދާ މިޒާޖެއްގެ ބޭފުޅެއްކަމަށާއި، އަބަދުވެސް ކަންކަމުގައި ހިތްވަރުދެއްވާ ބޭފުޅެއްކަމަށެވެ. އަދި ސިޔާސީ މައިދާނުގައިވެސް އެންމެ ގާތްކޮށް މަސައްކަތްކުރެއްވި އެއްބޭފުޅަކީ ޙުސައިން މުޙައްމަދުކަމަށާއި، އެމަނިކުފާނަށް ކުރިމަތިވެ ވަޑައިގެންނެވި އެންމެ އުނދަގޫ ޙާލަތްތަކުގައިވެސް ހިތްވަރުދެއްވި އެއް ބޭފުޅަކީ ޙުސައިން މުޙައްމަދު ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، ދަޢުލަތުގެ އެކިއެކި ޢިދާރާތަކުގައި ގިނަ އަހަރުތަތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ އަލްމަރްހޫމް ޙުސައިން މުޙައްމަދުގެ ހަނދާނުގައި ބޭއްވި ތައުބީނުގެ ޖަލްސާގައި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއި، އެމަނިކުފާނާއެކު އެކި ދާއިރާތަކުގައި މަސައްކަތް ކުރެއްވި ގިނަ ޢަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން