ދައުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި ވަކިބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ އައު ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ރައީސް ނަޝީދާއި، މަޖިލީހުގެ ބައެއް މެމްބަރުންގެ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފިއެވެ.

އޭސީސީން ވިދާޅުވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެއިދާރާއިން ކުރަމުންދާ އެތަހުގީގުގައި ކޮމިޝަނަށް ވަރަށްގިނަ ޝަކުވާތަކެއް މިމައްސަލާގައި ލިބިފައިވާކަމަށެވެ. އެގޮތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ބައެއް މެމްބަރުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ހުށަހެޅި އެކަންކަންވެސް ކޮމިޝަނުން ތަހުގީގް ކުރަމުންދާކަމަށެވެ.

މިމައްސަލާގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޓާމިނަލް ދިނުމަށް ސަރުކާރުން ނިންމި ޓީއެމްއޭގެ ބޯޑު މެމްބަރުންނާއި އެކު 12 ފެބްރުއަރީ 2020 ގައި ރައްޔިތުންގެ މަޖްލީހުގެ އާ އިމާރާތުގެ 7 ވަނަ ފަންގިފިލާގައި ސިއްރު ބައްދަލުވުމެއް ބާއްވަވާފައެވެ. އެ ބައްދަލުވުމަށްފަހުވެސް ޓީއެމްއޭ އަށް ޓާމިނަލް ދޭން ޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ޓުވީޓުވެސް ކުރައްވާފައެވެ.

އައު ސީޕްލޭން ޓަރމިނަލް ހިންގުން ޙަވާލުކުރުމަށް ނިންމާފައިވަނީ ދައުލަތަށް ގެއްލުންވާގޮތަށް، ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ބުނާ މައްސަލައާގުޅޭގޮތުން އެންޓިކޮރަޕްޝަން ކޮމިޝަނުން މިއަދު ހާމަކުރި ސްޓޭޓްމަންޓްގައި ވިދާޅުވެފައިވަނީ މި މައްސަލައިގެ ތަޙްޤީޤަށް މިހާތަނަށް ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް ގިނަކަންތައްތަކެއް އިސްލާހުކުރުމަށް އެ ކޮމިޝަނުން އެމްއޭސީއެލްއަށް މީގެ ކުރިން އަންގާފައިވާ ކަމަށެވެ.

އޭސީސީން ވިދާޅުވެފައިވަނީ މި މައްސަލައިގައި ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް، ނުވަތަ ސީ ޕްލޭން އޮޕަރޭޓަރުންތަކަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމާއި، ދައުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެ ނޫންގޮތަކަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމަށެވެ. އެހެންކަމުން މި މައްސަލައިގެ ޖިނާޢީ ތަޙްޤީޤް ވަކި މައްސަލައެއްގެ ގޮތުގައި ކޮމިޝަނުން ބަލަން ފަށަފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އެމް.އޭ.ސީ.އެލުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓަރމިނަލްއިން 2017 އާއި 2018 ގައި ރިސޯޓްތަކަށް ޖާގަކުއްޔަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުންތަކުގައިވާ އަގުތަކަށްބަލާއިރު، ރިސޯޓްތަކަށް ޖާގަ ކުއްޔަށް ދޫކޮށްފައިވާ އެންމެބޮޑު އަގަކީ އަކަ މީޓަރަކަށް ތިންސަތޭކަ ސާދަ ޑޮލަރެވެ. އަދި އެންމެ ކުޑަ އަގުގައި އެމް.އޭ.ސީ.އެލްއިން ރިޒޯޓަކަށްޖާގަ ކުއްޔަށް ދޫކޮށްފައިވަނީ އަކަމީޓަރަކަށް ސަތޭކަ ހަތްދިހަ ހަތަރު ޑޮލަރުގެ ރޭޓުންކަމަށް އޭސީސީން މީގެ ކުރިން ކުރި ތަހުގީގުތަކުން އެގިފައިވެއެވެ.

އެމް.އޭ.ސީ.އެލްއިން ސީ ޕްލޭން އޮޕަރޭޓަރުންނަށް ލައުންޖް ހަދަން މިހާރު ކުއްޔަށްދޭން މަޝްވަރާކޮށްފައިވާ އަކަމީޓަރަކަށް ދިހަ ޑޮލަރުގެ ރޭޓަކީ، އެމް.އޭ.ސީ.އެލްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުރި އެހެން އިމާރާތްތަކުން ޖާގަ ކުއްޔަށް ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއްކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

އައު ސީ ޕްލޭން ޓަރމިނަލާ ގުޅިގެން އިމާރާތްކުރާ އެމް.އާރް.އޯ ފެސިލިޓީއަކީ، 12,746 އަކަމީޓަރުގެ ބޮޑުމިނުގެ ފެސިލިޓީއެއްކަމަށާއި، މިއީ ސީ ޕްލޭން ޓަރމިނަލް ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރާ ހަމައެކަނި އެމް.އާރް.އޯ ފެސިލިޓީކަމާއި، އަދި އެމް.އާރް.އޯ ފެސިލިޓީ އަކީ ފަސް މިލިއަން ހަތަރުސަތޭކަ ފަސްދޮޅަސް އެއްހާސް ނުވަސަތޭކަ ފަންސާސްދެ ޑޮލަރަށް ކޮންޓްރެކްޓްކޮށްގެން ޤާއިމްކުރާ ތަނެއްކަމަށްވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން