ރާއްޖޭގެ މައި ބަނދަރު
ރާއްޖޭގެ މައި ބަނދަރު
މިއަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ އިންފްލޭޝަން 3.8 ޕަސެންޓަށް އަރައިފިއެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ހުރީ 3.8 ޕަސެންޓުގައެވެ. އަދި ކާބޯތަކެތީގެ އިންފްލޭޝަން ހުރީ ފަސް ޕަސެންޓުގައި ކަމަށް ހިސާބުތަކުން ދައްކައެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ބޮޑަށް އިންފްލޭޝަން އުފުލިފައިވަނީ ރެސްޓޯރެންޓްތަކުގެ އަގުތަކާއި ކުލީގެ ދާއިރާއިންނެވެ. އެ ދާއިރާތަކުން އަގުތައް އުފުލެން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ކަމަށް ހިސާބުތަކުން ދައްކައެވެ.

މިމުއްދަތުގައި ކާބޯތަކެތީގެ އަގު 4.6 އިންސައްތައިން އުފުލިފައިވާއިރު، މަހުގެ އަގުތައް ވަނީ 6.4 އިންސައްތަ އިތުރުވެފައެވެ. ނަމަވެސް އަހަރުގެ ފުރަތަމަ ކުއާޓާގައި 29.5 ޕަސެންޓުގައި ހުރި އިންފްލޭޝަން ދެވަނަ ކުއާޓާގައި އިންފްލޭޝަން ވަނީ 29.4 އިންސައްތައަށް ދަށްވެފައެވެ.

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހަށް ވުރެ 40 ގުނަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހުގެ އެ ދާއިރާތަކުގެ އިންފްލޭޝަން ހުރީ 0.7 ޕަސެންޓުގައި ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކައެވެ.

ހިސާބުތައް ދައްކާގޮތުން މި މުއްދަތުގައި މުއާސަލާތީ ހިދުމަތްތަކުގެ އަގުތައް ވަނީ 5.3 އިންސައްތައިން ދަށަށް ގޮސްފައެވެ. އަދި ދަތުރުފަތުރުގެ ހިދުމަތްތަކުގެ އަގުތައްވެސް ވަނީ 0.1 އިންސައްތަ ދަށަށް ގޮސްފައެވެ.

ރާއްޖޭގެ އިންފްލޭޝަން 3.8 އިންސައްތަ އަށް އަރާފައިވާއިރު، މަރުކަޒީ ބޭންކުން އިޤްތިޞާދަށް އިތުރު ފައިސާ ނެރުމަކީ ތަކެތީގެ އަގު ބޮޑުވެ، ދިވެހި ރުފިޔާ އިތުރަށް ބަލިކަށިވާނެ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން މީގެކުރިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު