މައްސަލާގައި ހައްޔަރުކުރި 2 މީހުން
މައްސަލާގައި ހައްޔަރުކުރި 2 މީހުން
ބްލެކްމެއިލްކޮށްގެން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މި ދެ މައްސަލައާ ގުޅިގެން އޮގަސްޓު މަހުގެ 2 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒު ލުތުފީ (32އ) އާއި، މާލެ މއ. ޔެލޯޑައިމަންޑް، އާމިނަތު ފައިނާޒް (33އ) ކަމަށެވެ.

މިދެމީހުންގެ ތެރެއިން މުހައްމަދު ފަވާޒު ލުތުފީ ހައްޔަރުކޮށްފައިވަނީ ބްލެކްމެއިލްކޮށް ބިރުދައްކައި ފައިސާ ހޯދި މައްސަލައާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ. އަދި އާމިނަތު ފައިނާޒް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިދެމީހުން ހައްޔަރު ކޮށްފައިވާއިރު، އޮރިޔާންކާޑު ހުރިކަމަށް ބުނެ ދިވެހި ފިރިހެނަަކަށް ބިރުދައްކައި ބްލެކްމެއިލްކޮށް އެ މީހާގެ އަތުން އެކި ދުވަސްމަތިން ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފަައިވާ މައްސަލަ 2024 ޑިސެމްބަރު 19 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

“މި މައްސަލާގައި ތުހުމަތުކުރެވޭ މުހައްމަދު ފަވާޒް ލުތުފީ ހުޅުމާލޭގައި ދިރިއުޅޭ ކަަމަށް ބެލެވޭ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު ސިމްކާޑުތަކަކާއި މޯބައިލް ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުޕެކެޓަކާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައި ވެ އެވެ. އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް، އާމިނަތު ފައިނާޒް ލައިގެންހުރި އަންނައުނު ތެރެއިން ފެނިފައި ވެއެވެ.” ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 7 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ބްލެކްމެއިލްކޮށްގެން ފައިސާ ހޯދާފައިވާ މައްސަލައާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު