ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ނޫ އިޤްތިސާދު ކަމަށާއި އެކަންތައް ހާސިލުކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދައިގެންކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެ އެވެ.

ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެސަރޓިފިކޭޝަން (ޔޫ.އެން.ސީ.ސީ.ޑީ) އާއި ކޮމަންވެލްތް ގުޅިގެން ބޭއްވި ހައިލެވެލް މިނިސްޓީރިއަލް ބައްދަލުވުމުގައި ވާހަކަ ދައްކަމުން މިނިސްޓަރ ހުސެއިން ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ނޫ އިޤްތިސާދު ކަމަށާއި އެކަންތައް ހާސިލުކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދައިގެންކަމަށެވެ. އަދި ތިމާވެށި ރައްކާތެރިކުރުމަށް މިހާރުވެސް ރާއްޖެއިން ގިނަގުނަ ކަންތައްތައް ކުރަމުންގެންދާކަން ފާހަގަކުރަމުން މިނިސްޓަރ ވިދާޅުވީ ޤުދުރަތީގޮތުން ޚާއްސަ ސިފަ ލިބިފައިވާ ތަންތަން ހިމާޔަތްކުރަމުން ގެންދާކަމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ދެއްކެވި ވާހަކައިގައި ވިދާޅުވީ ދުނިޔެ ހޫނުވުމާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަ ހުދުވުމުގެ އިތުރުން މޫދުގެ ބައެއް ދިރުންތައް ނެތިދިއުން ފަދަ ކަންތައްތަކާއި ރާއްޖެފަދަ ޖަޒީރާ ޤައުމުތަކާއި ކުރިމަތިލާންޖެހޭ ކަމަށާއި އެހެންކަމުން ޕެރިސް އެގްރީމަންޓުގައި ވާގޮތަށް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީސް އަށްވުރެ އިތުރުވިޔަނުދިނުމަށް ހުރިހާ ޤައުމުތަކުގެވެސް އެއްބާރުލުން ބޭނުންވާކަމަށެވެ.

އަދި މި ކަންތައްތައް ހާސިލުކުރުމަށާއި ރާއްޖޭގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެކަށީގެންވާ ފައިސާގެ އެހީ ބޭނުންވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލާއިރު ރާއްޖެ ފަދަ ބިންތިރި ޤައުމަކަށް މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންވާ ފައިސާގެ އެހީ ނުލިބޭނަމަ ދިމާވާނެ ގެއްލުންތަކާއި ގުޅޭގޮތުން މިނިސްޓަރ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ ތިމާވެށްޓާބެހޭ ވަޒީރުންނާއި، ތިމާވެށްޓާބެހޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ އިސްވެރިންނާއި އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުންވެސް މަންދޫބުން ބައިވެރިވިއެވެ.

ޔޫއެންގެ 75 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑިޒަރޓިފިކޭޝަން (ޔޫއެންސީސީޑީ) އަދި ކޮމޮންވެލްތް ސެކްރެޓޭރިއެޓް ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޔޫ އެން ސީ ސީ ޑީ އާއި ކޮމަންވެލްތް ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު މެމްބަރު ގަމުގެތަކުގެ މެދުގައި މަޝްވާރާކުރެވުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން