ރިޝްވަތު ހުށަހަޅާ ކުންފުނިތަކަށް އަޅަންޖެހޭ ފިޔަވަޅު އެއްވެސް ސަރުކާރަކުން ނާޅައި ފެނިގެންދަނީ އެފަދަ ކުންފުނިތަކަށް އިތުރު ޕްރޮޖެކްޓްތައް ހަވާލުކުރާ މަންޒަރު ކަމުގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ޒިކުރާ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކުރުމުގެ މައްސަލާގައި ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ.އަޙްމަދު ޒިޔާދުގެ މައްޗަށް ދަޢުވާކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ފްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައާއި ގުޅިގެން އުޝާމް ވިދާޅުވީ މިފަދަ މައްސަލަތަކަކީ ދެފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތުން ބައިވެރިވެގެން ހިންގާ އަމަލުތައް ކަމަށެވެ.

މިފަދަ ކޮރަޕްޝަންތައް ހުއްޓުވޭނީ ރިޝްވަތު ހުށައަޅާ ފަރާތާއި، ރިސްޝަވަތު ނަގާ ފަރާތާއިމެދުވެސް ޤާނޫނީ ފިޔަވަޅު އެޅިގެންކަމަށް އުޝާމް ވިދާޅުވިއެވެ. ނަމަވެސް ހުރިހާ ސަރުކާރެއްގައިވެސް ފެނިގެންދަނީ ކޮރަޕްޝަން ހިންގުމަށްޓަކައި އެންމެ ފުރަތަމަ މިކަން މަގުފަހިކުރާ ފަރާތާއިމެދު އެއްވެސް ފިޔަވަޅެއް އެޅުމެއްނެތި އެ ކުންފުނިތަަކަށް ސަރުކާރުގެ އިތުރު ޕްރޮޖެކްޓްތައްދީ އިތުރު ފައިސާ ލިބޭނެ ގޮތް މަގު ފަހިކޮށްދޭތަންކަމަށެވެ. މިހެން މިކަންދާހާ ދުވަހަކު މިގޮތަށް ރާވައިގެން ބައި އަޅައިގެން ހިންގޭ ވައްކަން ނުހުއްޓުވޭނެކަމަށް މެމްބަރު އުޝާމް ވިދާޅުވިއެވެ.

"ކޮރަޕްޝަން ހުއްޓުވޭނީ ރިޝްވަތު ހުށަހަޅާ ފަރާތްތަކަށްވެސް ހަރުކަށި އަދަބުދީގެން. އެއްވެސް ސަރުކާރެއްގައި މިފަދަ ކުންފުނިތަކުގެ މައްސަލަތައް ބަލާ ފިޔަވަޅު އަޅާތަނެއް ނުފެނޭ. އޭގެ ބަދަލުގައި މިފެންނަނީ އަނެއްކާވެސް އުސޫލުން ބޭރުން އެކުންފުނިތަކަށް ޕްރޮޖެކްޓްތައް ހަވާލުކުރާތަން." މެމްބަރު އުޝާމް ވިދާޅުވިއެވެ.

އޭސީސީން ބުނީ ޒިކުރާ މިސްކިތް ޢިމާރާތްކުރުމަށް ޙަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން އެކޮމިޝަނުގެ ތަޙުޤީޤުން ހާމަވެފައިވާކަމަށެވެ. އެގޮތުން، 1439ވަނަ އަހަރުގެ ރަމަޟާންމަހުގެ ކުރިން ޒިކުރާ މިސްކިތް ބޭނުންކުރެވޭ ވަރަށް އެ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އެދި ދެފަހަރެއްގެ މަތިން އޭރުގެ އިސްލާމިކް އެފެއަރޒް މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވާފައިވާކަމަށެވެ.

އެހެން ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ހުއްދަ ނުލިބެނީސް، ތިން ޕްރޮޕޯސަލެއްގެ މަޢޫލޫމާތު ހިމަނައި އެ ތިންފަރާތުގެ ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް، މި ޕްރޮޕޯސަލްތަކުގެ މަޢުލޫމާތު ރައީސުލްޖުމުހުރިއްޔާގެ އޮފީހަށް އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވަނީ މި ޕްރޮސެސްއަކީ ކޮމްޕެޓިޓިވް ޕްރޮސެސްއެއްކަން ދައްކަންކަމަށް ތަޙްޤީޤަށް ޤަބޫލުކުރެވޭކަމަށް އޭސީސީން ބުނެފައި ވެއެވެ.

އަދި އެ ޕްރޮޕޯސަލް ތަކަކީ ކޮންގޮތަކަށް ހޯދާފައިވާ ޕްރޮޕޯސަލްތަކެއްކަން އެ މިނިސްޓްރީގެ ރެކޯޑްތަކުން އެނގެން ނެތްކަމަށާއި އަދި އެކަން ކުރީ މިނިސްޓްރީގައި އާންމުކޮށް ކަންކުރާ އުޞޫލާ ޚިލާފަށްކަން ތަޙްޤީޤަށް އެނގިފައިވާތީ، މަސައްކަތް ޙަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަޙުޤީޤުގައި ހޯދާފައިވާ ކިތާބީ ހެކިތަކުންނާއި، ޝަފަޙީ ހެކިތަކުން ސާބިތުކުރެވޭތީ، ޑޮކްޓަރ އަޙްމަދު ޒިޔާދުގެ މައްޗަށް ދިވެހި ރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ދައުވާކޮށް ދިނުމަށް ފީޖީ އޮފީހުގައި އެދިފައިވާކަމަށް އޭސީސީން ބުނެފައިވެެއެވެ.

މީގެ އިތުރުން ދަޢުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކޮށްފައިވާކަމަށް ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ، މިކަމުގެ ސަބަބުން ދަޢުލަތަށް ބޮޑެތި ގެއްލުން ލިބި، އެސް.ޖޭ ކޮންސްޓްރަކްޝަންއަށް ނަޖާއިޒް ފައިދާ ލިބިފައިވާތީ، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ޑރ. އަހްމަދު ޒިޔާދުގެ މައްޗަށް ދައުވާކޮށް ދިނުމަށްވެ އޭސީސީންވަނީ އެދިފައެވެ.

ކުރީގެ މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދުގެ އިތުރުން އޭރު އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށްހުރި އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުވާ ކުރުމަށްވެސް އޭސީސީން ވަނީ ޕީޖީއަށް ފޮނުވާފައެެވެ. އޭސީސީން ބުނީ އެސް.ޖޭ ކޮންސްޓްރަކްޝަންއަށް މި މަޝްރޫޢު ޙަވާލުކުރުމަށް އޭނާ މަސައްކަތްކޮށްފައިވާ ކަމަށާއި އެގޮތުން ޒިކުރާ މިސްކިތް ޢިމާރާތްކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި އެސް.ޖޭ ކޮންސްޓްރަކްޝަންއާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް، ބިން ޙަވާލުކުރާ ލިޔުމުގައި ސޮއިކޮށް، ޒިކުރާ މިސްކިތް ހުރި ބިން އެސް.ޖޭ ކޮންސްޓްރަކްޝަންއާ ޙަވާލުކޮށްފައިވަނީވެސް އޭނާ ކަމަށެވެ.

މީގެ އިތުރުން އިބްރާހީމް ޢަބްދުﷲ ސަޢީދު އާއި އެސް.ޖޭ ކޮންސްޓްރަކްޝަންއާ ދެމެދު މަސްލަޙަތު ފުށުއަރާފަދަ ގުޅުން އޮންނަކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާ ކަމަށާއި ކަމާގުޅޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓުގައި އެސް.ޖޭ ކޮންސްޓްރަކްޝަންއަށް އެ މަސައްކަތް ޙަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށްފައިވަނީ އެކުންފުންޏަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށްކަން ތަޙްޤީޤުން ސާބިތުވާތީ، އިބްރާހިމް ޢަބްދުﷲ ސަޢީދުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ ދަށުން ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް އޭސީސީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން