ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދު ﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދު ﷲ މައުސޫމް
ކޮވިޑާއި ގުޅިގެން ޓޫރިޒަމް ދާއިރާ އަށް އައިސްފައިވާ ހީނަރުކަމާއި ގުޅިގެން އެދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލުއިތަކެއް ލިބެންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދު ﷲ މައުސޫމް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން މީޑިޔާ އަކަށް މިރޭ ދެއްވި އެސްކުލޫސިވް އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދު ﷲ މައުސޫމް ވިދާޅުވީ ޓޫރިޒަމް ދާއިރާ އަށް އައިސްފައިވާ ހީނަރުކަމާއި ގުޅިގެން އެދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލުއިތަކެއް ލިބެންޖެހޭ ކަމަށާއި އެދޭ ލުއިތަކަކީ ދައުލަތުގެ އާމްދަނީ އަށް އަސަރުކުރާނެ ކަމެއް ކަމަށެވެ.

"އެމީހުން އިހުސާސް ކުރަމުންދާ ބުރައަށް އެބަޖެހޭ ލުޔެއް ދޭން، އެދޭ ކޮންމެ ލުޔަކީ ދަައުލަތަށް އަންނަންހުރި އާމްދަނީ އަށް އަސަރުތައް ކޮށްފާނެ ކަންތައްތައް. އެ ލުއި ނުދީ އިންޑަސްޓްރީ ރަނގަޅަށް ކުރިއަށްދެވޭ ކަން ނޯއްނާނެ. އަޅުގަނޑުމެން މިބަލަނީ އެފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަށް ފިލުވާލުމަށް ކުރެވޭނީ ކޮންކަމެއްތޯ އެބަހުރި މިސާލަކަށް ދައްކަންޖެހޭ ފީތައް ޓެކްސް ދައްކާ މިހުރިހާ ކަމަކީ ސަރުކާރުން ލުއި ދިނިއްޔާ ނޫނީ ލުއިވާނެ ކަންތަައްތަކެއް ނޫން." ޓޫރިޒަމް މިނިސްޓަރު ޑރ.މައުސޫމު ވިދާޅުވިއެވެ.

އަދި އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ބައްދަލުކުރައްވާފައިވާ ކަމަށާއި، ވަރަށް އަވަހަށް އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށް މިނިސްޓަރު ޑރ.މައުސޫމް ވިދާޅުވިއެވެ.

ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ލުއި ދިނުމާއި މެދު ޑރ. މައުސޫމް ވަކާލާތު ކުރައްވަން ފެށްޓެވިއިރު ސަރުކާރުން މިހާރުވެސް ވަނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރި ތަކަށް ބޮޑެތި ލުއި ތަކެއް ދީފައެވެ. އަދި ޓޫރިޒަމްގެ ވިޔަފާރީގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް މުސާރަ ދިނުމާއި ބައެއް ހިންގުމުގެ ޚަރަދުތައް ފޫބެއްދުމަށްޓަކައި ލުއި ލޯނު ސްކީމެއް ވެސް ސަރުކާރުން ވަނީ ތަޢާރަފުކޮށްފައެވެ. ނަމަވެސް ގިނަ ރިސޯޓްތަކުން ވަނީ މުވައްޒަފުން ވަކިކޮށް، މުސާރަތައް އުނިކޮށް މުސާރަ ނުލިބޭ ގޮތަށް ބައެއް މުވައްޒަފުން ޗުއްޓީއަށް ފޮނުވާލާފައެވެ.

ވަރަށް ފަހުން މަގާމާއި ހަވާލުވެ ވަޑައިގެންނެވި މައުސޫމް ވިދާޅުވީ އެފަރާތްތަކަށް ލުއިތަކެއް ނުލިބި ހީނަރުވެފައިވާ ޓޫރިޒަމް ކޮޅަށް ނުޖެހޭނެ ކަމަށެވެ. ރާއްޖެ އަށް ޓޫރިސްޓުން އައިސް އެނދުތައް ފުރާލުމާއި ހަމަޔަށް ދަތުރުކުރަން ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޓޫރިޒަމް އަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަންނަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ޓެކްސްތައް ބޮޑުކުރުމަކީ ރަނގަޅުގޮތެއް ނޫން ކަމަށް މިނިސްޓަރު ޑރ.މައުސޫމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން