ޑިމޮކްރަސީގެ ބޭނުން އެންމެ ބޮޑަށް ބޭނުންވެ، އޭގެ ބޭނުން އިތުރުވަނީ އުނދަގޫ ދަތި ދުވަސްތަކުގައި އޭގެ ބޭނުން ހެޔޮ ގޮތުގައި ކޮށްގެންކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްވި ހިތާބާއި ގުޅިގެން ޑރ.ޝަހީދު ވިދާޅުވީ ޑިމޮކްރަސީއަކީ ހަމައެކަނި އަމާންކަމާއި އޮމާންކަމާއި އެކު އޮންނަ ދުވަސްތަކުގައި ބޭނުންކުރެވޭ ނިޒާމަކަށް ވާނަމަ އޭގެ ބޭނުން ނުކުރެވޭނެ ކަމަށެވެ. މި ނިޒާމަކީ ކޮންމެ ހާލަތަކަށްވެސް ފައްކާވެ ބޭނުން ކުރެވޭ ގޮތަށް އޮތް ނިޒާމަކަށް ވާއިރު، ނިޒާމުގެ އަސްލު މާނާގައި އޭގެ ބޭނުން ކުރެވޭނީ އުނދަގޫ ދަތި ދުވަސްތަކުގައިވެސް ޑިމޮކްރަސީ ނަގަހައްޓައި ދެމެހެއްޓިގެންކަމަށް ޑރ.ޝަހީދު ވިދާޅުވި އެވެ.

"ޑިމޮކްރަސީއަކީ އަމާން އޮމާން ދުވަސްތަކަށް އެކަނި ބޭނުން ނިޒާމެއްނޫން. ދަތި ދުވަސްތަކަށް ޑިމޮކްރަސީގެ ބޭނުން އަދި މާބޮޑު." ޑރ.އަހުމަދު ޝަހީދު ވިދާޅުވިއެވެ.

ދުނިޔޭގެ ޑިމޮކްރަސީ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްވި ޚިތާބުގައި ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ޑިމޮކްރަސީން ކަށަވަރުކޮށްދޭ ކިތަންމެ ޙައްޤެއް، އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިގަތުމަށް ހުރަސްތަކާއި ދަތިތަކެއް މެދުވެރިވެފައި ވީނަމަވެސް، މި ޙާލަތުގައިވެސް ސަރުކާރުން ގަދައަޅައި މަސައްކަތް ކުރަމުން މި އަންނަނީ، ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި އުޞޫލުތައް ނަގަހައްޓައި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއެކު، އިންސާނީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރި ކޮށްދިނުމަށް ކަމަށެވެ.

"އެންމެ އިސް ޙައްޤު ކަމުގައިވާ، ފުރިހަމަ ޞިއްޙަތެއްގައި ދިރިހުރުމުގެ ޙައްޤަށް އުނިކަމެއް އަޔަނުދިނުމަކީ، މި ޙާލަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތެވެ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޚިތާބުގައި ޑިމޮކްރަސީގެ ފުރިހަމަ މަންފާ އަލުން އަނބުރާ ހޯދުމަށްޓަކައި، އެންމެން ގަދައަޅައި މަސައްކަތް ކުރަންވީ، ކޯވިޑް-19ގެ ނުރައްކަލުން ވީއެންމެ އަވަހަކަށް މިންޖުވުމަށްކަމަށާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ފަރުދީ ޒިންމާގެ ދައުރު ފުޅާކޮށް، އިޖުތިމާޢީ ގައިދުރުކަމަށް އިސްކަން ދިނުމަކީ މިއަދު އެންމެ ބޮޑަށް ސަމާލުކަން ދޭންވީ އެއް ކަންތައް ކަމުގައި ވިދާޅުވިއެވެ.

ކޯވިޑާއި ގުޅިގެން މިހާރު މިއޮތް ދަތި ހާލަތުގައި ޑިމޮކްރެސީ އޭގެ އެންމެ ފުރިހަމަ މާނައިގައި ހިންގަން ހުރަސް ތަކެއް ހުރިކަން ރައީސް އިބްރާހީމް ފާހަގަ ކުރަށްވާފައި ވީނަމަވެސް ޑރ. ޝަހީދު ވިދާޅުވަނީ ޑިމޮކްރެސީ އަކީ ދަތި އުނދަގޫ ދަނޑިވަޅުގައި އޭގެ ބޭނުން މާ މުހިންމު އެއްޗެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން