ރައްޔިތުންގެ މަޖިލީހުގެ 2017 ވަނަ އަހަރު ކޮށްފައިވާ ޚަރަދު ތަކުގެ ތެރެއިން މިލްކިއްޔާތުގެ ބަޔާނުގައިވާ 169 މިލިޔަން ރުފިޔާގެ ސައްހަ ކަމާއިމެދު އޮޑިޓަ ޖެނެރަލް ސުވާލު އުފައްދަވައިފިއެވެ.

އޮޑިޓަރ ޖެނެރަލް ސޮއިކުރައްވައި ނެރުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 2017 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވޭތުވެދިޔަ އަހަރުތަކުގައި ހަރުމުދަލުގެ ރަޖިސްޓަރީ ބަލަހައްޓަމުން އައިސްފައިވަނީ މެނުއަލްކޮށް ފޮތް ތަކުގައިކަމަށެވެ. ނަމަވެސް، އެ ރަޖިސްޓަރީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ފުރިހަމައަށް ބަލަހައްޓަމުން ނުގެންދާކަން ކުރީ އަހަރުތަކުގެ އޮޑިޓުގައި ފާހަގަކުރެވި، ހަރުމުދަލާގުޅޭ ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލަފާއަރުވާފައިވާނެކަމަށް އޮޑިޓް ރިޕޯޓްގައިި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން 2017 ވަނަ އަހަރުގެ ނިޔަލަށް އެ އިދާރާގައި ހުރި ހަރުމުދާ ހިމަނައިގެން އައު ރަޖިސްޓަރީ އެއް އެކުލަވާލައި އޮޑިޓް ކުރުމަށް 16 މާރިޗު 2019 ގައި ހުށަހަޅާފައި ވީނަމަވެސް، އޮޑިޓުގައި ހަރުމުދަލާގުޅޭ ކަންކަން ބެލިބެލުމުގައި ހުށަހަޅާފައިވާ ރަޖިސްޓަރީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރެވިފައި ނުވާކަން އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

މިކަމުގެ ސަބަބަބުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މާލީ އަހަރު 2017 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހަށް ނިންމާލިއިރު، އެއިދާރާގެ މިލްކިއްޔާތުގެ ބަޔާނުގައިވާ ޖުމްލަ 169 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސައްހަކަން ޔަޤީން ކުރެވެން ނެތްކަން އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބެލުމުގެ ދަށުގައި ހުންނަންޖެހޭ ދައުލަތުގެ މުދާ ހަމަޔަށް ހުރިކަން ޔަޤީން ކުރެވިފައި ނުވާކަމަށާއި، މުދާ ގެއްލިފައިވިޔަސް އެކަން ފާހަގަކުރެވިފައިނުވުމުގެ ފުރުސަތު އޮތުމުގެ ސަބަބުން، ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމަނާފައިވާ އަދަދުތަކާއި މާލީ ބަޔާންތަކުގައި ހިމަނާފައިވާ ހަރުމުދަލުގެ އަގު ޔަޤީންކުރެވިފައި ނުވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

އެހެންކަމުން އަލުން އެކުލަވާލައިފައިވާ ހަރުމުދަލުގެ ރަޖިސްޓަރީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާގޮތަށް، ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމެނޭ ކޮންމެ މުދަލެއްގައި މަޢުލޫމާތު ތަފްސީލްކޮށް ފުރިހަމަކޮށް މިނިސްޓްރީ އޮފް ފިނޭންސާ ހިއްސާކޮށް، ހަރުމުދަލުގެ މަޢޫލޫމާތު އަދާހަމަކުރުމަށް ވަނީ ލަފާދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން