މިއަދަކީ ރައީސް މައުމޫންގެ ވެރިކަމާއި، އަނިޔާއާއި ދެކޮޅަށް ދިވެހި ރައްޔިތުން ނުކުމެ އެންމެ ބޮޑު މަސައްކަތެއް ފެށި ދުވަސް ކަމުގައި ވިދާޅުވެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ރައީސް މައުމޫނުގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރު އެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނަށް އަމާޒުކޮށް ދޭތެރެ ދޭތެރެއިން ފަހަކަށް އައިސް ބަހުގެ ހަމާލަތަށް ދެއްވަމުން ގެންދަވާ ރައީސް ނަޝީދު މިއަދު ވިދާޅުވީ މިއަދަކީ ޖަލުގައި އީވާނަ ނަސީމު މަރާލައި އެ އަނިޔާއާއި ދެކޮޅަށް ދިވެހި ރައްޔިތުން ތެދުވި ދުވަސްކަމަށެވެ. ރައީސް މައުމުންގެ އަނިޔާވެރިކަން އިންތިހާއަށް ގޮސް ރައްޔިތުން އެ އަނިޔާއާއި ދެކޮޅަށް ނުކުތް ތާރީހީ ދުވަހަކީ މިއަދުކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

"މިއަދަކީ ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދު ފަހަނައަޅައި ގޮސްފިކަން އެންމެ ބޮޑަށް ފާހަގަވި އެއް ދުވަސް. އަނިޔާއާއި ދެކޮޅަށް ދިވެހިން ތެދުވެ ރާއްޖެ ބަދަލު ކުރުމަށް ނިންމަން ނުކުތް ދުވަސް. ޖަލުގައި އީވާން ނަސީމް ގައިގައި ތަޅާމަރާލި ދުވަސް. މާތް ﷲ މަރުހޫމަށް ސުވަރުގެ މިންވަރު ކުރައްވާށި." ރައީސް ނަޝީދު ވިދާޅު ވިއެވެ.

ޖަލުގައި ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް އުމުރުން 19 އަހަރުގެ ހަސަން އީވާން ނަސީމް، 2003 ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ރޭ މަރުވި ހާދިސާގެ ތުހުމަތުގައި ދައުލަތުން ދައުވާކުރީ 12 މީހެއްގެ މައްޗަށެވެ. އޭގެ ތެރެއިން އޭނާ މަރާލުމުގެ ކުށް ސާބިތުވެގެން އަށް މީހެއްގެ މައްޗަށަށް މަރުގެ ހުކުމް އިއްވާފައިވެ އެވެ. އަދި އޭނާ މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެގެން އެކަކުގެ މައްޗަށް ޖިނާއީ ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ.

ނަމަވެސް އެ މައްސަލާގައި ޝާމިލްވެގެން މަރަށް ހުކުމް ކުރި މީހުންގެ ތެރޭގައި ހިމެނޭ މއ. ދިހި، އާދަމް މުހައްމަދުގެ ކުށެއް ނެތް ކަމަށް 2006 ވަނަ އަހަރު ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އޭނާއަކީ އޭރުގެ އެންއެސްއެސް ކެޕްޓަން ކަމުގެ ރޭންކުގައި ހުންނެވި އަދި މާފުށީ ޖަލުގެ ސިކިއުރިޓީ ބަލަހައްޓާ ޔުނިޓުގެ އޮފިސަރު އިންޗާޖުގެ މަގާމުގައި ހުންނެވި ވެރިޔާ އެވެ.



އީވާން މަރާލުމުގެ ކުށް ސާބިތުވެގެން 2005 ވަނަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު މަރަން ހުކުމް އިއްވި އަށް މީހުންނަކީ އޭރު ޖަލުގެ ސަލާމަތީ ކަންތައް ބަލަހައްޓަމުން ދިޔަ އެންއެސްއެސް، މިހާރުގެ އެމްއެންޑީއެފްގެ ޕްރައިވެޓުން ކަމަށްވާ ހ. ހިރަވެރި, ބަދުރު މުހައްމަދާއި، ސ. ފޭދޫ ޔެލޯ ހައުސް މުހައްމަދު ޝިއުނީޒާއި، ސ. ހުޅުދޫ އިރުދޭމާގޭ އަބްދުﷲ އިބްރާހީމާއި، ނ. ހޮޅުދޫ ބަގީޗާގޭ އިބްރާހިމް ރަމީޒާއި، މ. ކޮޅުފުށީ އަސްރަފީގޭ އަހުމަދު ނިޔާޒާއި، ވ. ކެޔޮދޫ ހިޔަލީ ގުލްޝަން ޝިޔާދު މުފީދާއި، މ. މުލަކު އަލަމާގޭ މުހައްމަދު މަންސޫރާއި، ތ. ތިމަރަފުށީ އިރުވައިގޭ އަހުމަދު ރިޔާޒެވެ. އީވާން މަރާލުމުގައި ބައިވެރިވުމުގެ ކުށުގައި, 2005 ވަނަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު ޖިނާއީ ކޯޓުން މަރަން ހުކުމް އިއްވީ ތ. ތިމަރަފުށީ ވިލާޑިލައިޓް އަބުދުﷲ ހަސަންގެ މައްޗަށެވެ.

ސިފައިންގެ އަނިޔާތަކުގައި އީވާން މަރުވެގެންދިޔަ ހާދިސާއާ ގުޅިގެން 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު 20، ވަނަ ދުވަހު މާފުށީ ޖަލުގައި ކުށްވެރިންނާއި ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ސިފައިން ބަޑި ޖެހުމާ ގުޅިގެން ތިން މީހަކު މަރުވި އެވެ. އެއީ މ. ބިންއުނިމާގޭ އަބްދުﷲ އަމީނާއި ގއ. ވިލިނގިލީ ޖަނަވަރީމާގޭ އަހްމަދު ޝިޔާޒާއި ޅ. ނައިފަރު ސިނަމާގޭ އަލީ އަސްލަމެވެ. އަދި މި ހަމަލާތުގައި 16 މީހުންނަށް އެކިވަރުގެ އަނިޔާވެފައިވެ އެވެ.

ފަހަކަށް އައިސް ރައީސް ނަޝީދު މައުމޫނަށް އަމާޒުކޮށް މިފަދަ ވާހަކަތައް ދައްކަވަމުން ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތަށް ފާޅުގައި ރައީސް މައުމޫން ދެކޮޅު ހައްދަވާކަން ހާމަކުރެއްވި ހިސާބުންނެވެ. ރައީސް ނަޝީދު އެދުވަހަށްފަހު ރައީސް މައުމޫނާއި ދެކޮޅަށް ދޭތެރެ ދޭތެރެއިން ބަހުގެ ހަމަލާތައް ރައްދު ކުރަމުން ގެންދަވާކަން ވަނީ ފާހަގަ ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ކަލޯބެއްޔާ

22-Sep-2020

މިއަދަކީ މި ގައުމުން އިސްލާމު ދީން ފޮހެލުމުގެ ނިޔަތުގައި ކެނެރީގޭ ނަޝީދު މަސައްކަތް ފަށައި މި ގައުމު އިޖްތިމާއީ ފޭރާން ވިދާލުމުގެ ނުބައި ނުލަފާ މަސައްކަތް އިންޑިއާ އާއި އިނގިރޭސި ވިލާތުން ރިސްވޜު ގެ ވޮތުގައި ފައިސާ ނަގއިގެން ފެށިދުވަސް


-1

ކިނބޫ

22-Sep-2020

ދުވަހަކު ނުދެކޭފަދަ އަނިޔާވެރިކަމަކަށް މިއަދު މިތިބީ ހޔށަހޮޅިފަ. އަލުންބަލުން އަނިޔާއާ ދެކޮޅަށް ނުކުމެ އަނިޔާވެރިން ހިފާ އަނދަގޮނޑި ކޮށްލަން ޖެހޭ.



ޓްރެންޑިން