"އެހެން މީހުންނަށް އަނިޔާކޮށް، މީހާގެ މުޅި ހަޔާތް ބަރުބާދު ކޮށްލާއިރު" އަނިޔާގެ ވާހަކަ ދައްކަވަން ރައީސް ނަޝީދު މިއަދު ލަދު ގަންނަން ޖެހޭނެކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިރުގެ މަޤާމުން ސަސްޕެންޑް ކޮށްފައިވާ ޝުއައިބް އަލީ، ފުރަހަނި ޝުޢައިބު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތަކާއި، ސަރުކާރުން ވެފައިވާ ވައުދުތައް، ޚާއްސަކޮށް ބޯހިޔާވަހިކަމުގެ ވައުދު ފުއްދެމުން ނުދާތީ އެކަމާއި ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދެވި ޝުއައިބް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިރުގެ މަޤާމުން ސަސްޕެންޑް ކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ. ޝުޢައިބް މަގާމުން އެކަހެރި ކުރީ ރައީސް ނަޝީދުގެ އަމަލުތައް ބަހައްޓަވާ ގޮތާއި މެދު ހިޔްހަމަ ނުޖެހިގެން ފާޅުގައި އެވާހަކަ ދައްކަވަން ފެށްޓެވުމުންނެވެ. އޭނާ ސަސްޕެންޑް ކުރުމާއި ގުޅިގެން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެ އެއްވެސް ފަރާތަކަށް ރަށްދެއް ދެއްވައި ހައްދަވާފައެއް ނުވެއެވެ.

ނަމަވެސް މިއަދު ރައީސް ނަޝީދު ރައީސް މައުމޫނަށް އަމާޒުކުރަށްވައި ކުރެއްވި ޓްވީޓަށް ރަށްދު ދެއްވައި އެމްޑީޕީގެ ތެރެއިން އޭނާއާއިމެދު ކަންކުރި ގޮތުން އުފެދިފައިވާ އުދާސްތައް ވަނީ ބަންޑުން ކޮށްލައްވާފައެވެ. ޝުޢައިބް ވިދާޅުވީ މައުމޫންގެ އަނިޔާވެރިކަމުގެ ވާހަކަ ނަޝީދު ދައްކަވާއިރު، މިއަދު ނަޝީދުގެ އަނިޔާވެރިކަން މާބޮޑަށް އިތުރުވެފައިވާކަމަށެވެ. ނަޝީދަކީ "ގިބުލަކަމަށް" ނުދެކޭ މީހުން މަޤާމުތަކުން އެކަހެރިކޮށް މަސްއޫލިއްޔަތު ތަކުން ދުރުކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އަނިޔާގެ ވާހަކަ ދައްކަން ރައީސް ނަޝީދަކީ އެއްވެސް ހާލެއްގައި ރަނގަޅު ބޭފުޅެއް ނޫންކަމަށް ޝުޢައިބް ވިދާޅުވިއެވެ. އަނިޔާވެރިކަމާއި އިންސާފުވެރިކަމަކީ އެކަމާއި ދެކޮޅަށް ވަކާލާތުކޮށް ތިމާގެ ބަހާއި އަމަލުން އެކަން ދައްކާ މީހުންކަމަށާއި، ރައީސް ނަޝީދު ފެނިގެންދަނީ ދެކޮޅަށް ބަހެއް ބުނާ ކޮންމެ މީހަކީ ރައީސް ނަޝީދުގެ ބާރާއި ނުފޫޒުން އެކަހެރި ކޮށްލެވޭ މީހަކަށް ހަދަމުންދާ މީހެއްގެ ގޮތުގައި ކަމަށް ޝުޢައިބު ވިދާޅުވިއެވެ.

"މަނިކުފާނުގެ އަނިޔާވެރިކަން މައުމޫނަށްވުރެ މިއަދު މިވަނީ ބޮޑުވެފަ. މަނިކުފާނަކީ "ކަލާނގެ" ކަމަށް ޤަބޫލު ނުކުރާ މީހަކަށް މަނިކުފާނުގެ ބާރު ފޯރުވާ ހުރިހާ މުއައްސަސާ އަކުން ފުރައްސާރަކޮށް އަނިޔާ ކުރަމުން ތިޔަ ގެންދަވަނީ. އަނިޔާވެރިކަމޭ ވިދާޅުވާން ލަދު ކޮބައިތޯ؟" ޝުއައިބް ވިދާޅުވެފައި ވެއެވެ.

ޝުޢައިބު މަގާމުން ސަސްޕެންޑްކުރީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ދުރުކުރުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމަލުކުރައްވާ ގޮތުން އެ މަނިކުފާނާ މެދު ފިޔަވަޅު އަޅައިދޭން އެދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ. ޝުއައިބު ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށް އެދި ސިޓީއެއް ފޮނުއްވީ ފައްޔާޒް މަގާމުން އެކަހެރިވެ ވަޑައިގަތުމަށް އެދިވަޑައިގެން ހަސަން ލަތީފަށް ނަޝީދު ސިޓީއެއް ފޮނުއްވުމުންނެވެ.

އެމްޑީޕީން ބުނީ ފިޔަވަޅު އަޅާ ކޮމެޓީ އަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ ކޮމެޓީގެ ނައިބު މުގައްރިރުކަމުންނާއި މެމްބަރުކަމުން ޝުއައިބު އެއްފަރާތް ކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ޝުއައިބު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ ސަސްޕެންޑްކުރީ ނަޝީދާއި ރައީސް އިބްރާހިމް މުހަައްމަދު ސޯލިހްގެ ކާޓޫނެއް ކުރައްސަވައިގެން ޓްވީޓް ކުރެއްވި މައްސަލައާ ގުޅިގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

މެޑާމް

20-Sep-2020

ޝުއައިބުވެސް ހަގީގަތް ގަބޫލުކުރަން ޖެހޭނެ ދޯ؟ އީރާނުގައިވެސް ރޫހާނީ ލީޑަރާ ދެކޮޅަށް ތެދުވާ މީހުން ކަތިލަނީކަމާއި ސަޢުދީގައި މުޙައްމަދާ ދެކޮޅަށް ތެދުވާ ނޫސްވެރިޔާވެސް ކުދިކޮށް ކޮށާ ކާޅަށް ކާންދެނީކަން ޝުޢައިބު ކަހަލަ މީހަލަށް މިހަ ދުވަހު ނޭނގި ތިޔަ ތާނގައި އުޅުނީމާ ހިތާމަ ކުރަން..



ޓްރެންޑިން