ވެރިކަން ހޯދުމަށްޓަކައި ރައީސް މައުމޫނަށް މަޢާފްކޮށް ރައީސް މައުމޫނާއި ބައިއަތު ހިތްޕަވައި ލޯބިން ސެލްފީ ނެންގެވުމަށްފަހު މިއަދު ރައީސް މައުމޫނާއިމެދު ދައްކަވާ ވާހަކަތައް ރައްޔިތުން ބަލައި ނުގަންނާނެ ކަމުގައި އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

މިއަދަކީ ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދު ފަހަނަ އަޅައި ގޮސްފިކަން އެންމެ ބޮޑަށް ފާހަގަވެ، އަނިޔާއާއި ދެކޮޅަށް ދިވެހިން ތެދުވެ ރާއްޖެ ބަދަލު ކުރުމަށް ނިންމަން ނުކުތް ދުވަސްކަމަށް ވިދާޅުވެ ރައީސް މައުމޫނަށް އަމާޒުކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓާއި ގުޅިގެން އަލްހާން ވަނީ، އަނިޔާގެ ވާހަކަ ކުއްލިއަކަށް ހަނދުމަފުޅުވެގެން އެވާހަކަތައް ދައްކަވަނީ ކޮންކަމެއް ނުވެގެންތޯ ސުވާލު ކުރައްވާފައެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ހިނގައިދިޔަ ކަންތައްތަކާއި، ރައީސް މައުމޫނާއި އެކު އޮތް ހަސަދެވެރިކަން ނިމުމަކަށް ގެނެސް ވެރިކަމަށް ވަޑައިގަތުމަށް ބައިތުހިއްޕަވައި އެކަން އިއުލާން ކުރެއްވީ ރައީސް ނަޝީދުކަމަށް އަލްހާން ވިދާޅުވިއެވެ. ނަމަވެސް މިއަދު އަނެއްކާވެސް އެހަނދާންތައް ފިލައިގެން ގޮސް ރައީސް މައުމޫނުގެ އަނިޔާވެރިކަމުގެ ވާހަކަ ނަގަ ނަގައިގެން ދައްކަވަން މިއުޅުއްވަނީ ރައްޔިތުންނަށް އޮޅުވާލެއްވުމަށްޓަކައި ކަމަށް އަލްހާން ވިދާޅުވިއެވެ.

ދާދި މިދާކަށްދުވަހު ރައީސް ނަޝީދު، ރައީސް މައުމޫނާއިއެކު ސެލްފީ ނަންގަވައި ސަކަރާތްޖައްސަވާ، މަޖާކުރަށްވައި އުޅުއްވި ގޮތް ރާއްޖޭގެ ރައްޔިތުންގެ ހަނދާނުން އަދި ނުފިލާކަމަށް އަލްހާން ވިދާޅުވިއެވެ. ސިޔާސީ ގޮތުން ހާސިލް ކުރަން ބޭނުންވާ ކަންކަން ހާސިލްނުވީމާ، ހާސިލް ކުރަން ބޭނުންވާ ކަންކަން ހާސިލް ކުރުމަށް މާޒީ ހަދާން ނައްތާލައި ކުރެއްވި ކަންތައްތަކުގެ މަތީން ދިވެހި ރައްޔިތުން ހަނދާން ނުނެތޭކަމަށް އަލްހާން ވިދާޅުވިއެވެ. އަދ ރައީސް ނަޝީދަކީ ސިޔާސީ ގޮތުން ރައްޔިތުން ބަލައިނުގަންނަ ބޭފުޅެއްކަން އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވުމާއި ހަމައިން ހާމަވެގެން ގޮސްފައިވާކަމަށް އަލްހާން ވިދާޅުވިއެވެ.

"މަނިކުފާނެއް ނޫންތޯ އިއްޔެ އުޅުއްވީ ތިޔަ ވިދާޅުވާ އަނިޔާވެރިޔާ ބައިވެރިއަކަށް ހައްދަވައިގެން ވެރިކަން ލިބޭތޯ އަދި، މަޢާފް ކުރައްވާ މާ ލޯބިން ސެލްފީ ނެންގެވީ. ކޮންހާ ބޭކާރު ވާހަކައެއްތޯ ތިޔަ ދައްކަވަނީ؟ މަނިކުފާނުގެ ސިޔާސީ ހަޔާތް ވެރިކަމުން އިސްތިއުފާ ދެއްވި ހިސާބުން ނިމިއްޖެ!" އަލްހާން ވިދާޅުވި އެވެ.

އެމްޑީޕީގެ ނައިބް ރައީސްގެ މަޤާމުން އަލްހާން ވަކިކުރި ހިސާބުން ފެށިގެން އޭނާ ދަނީ ރައީސް ނަޝީދަށް އަމާޒުކޮށް ހުއްޓުމެއްނެތި ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އެގޮތުން ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ކުރާ މަސައްކަތާއި، މިނިސްޓަރ ފައްޔާޒު ވަކިކުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތަށް އަލްހާންދަނީ ވަރަށްބޮޑަށް ފާޑުވިދާޅުވަމުންނެވެ. އޭނާ ވިދާޅުވަނީ ރައީސް ނަޝީދުގެ އަމާޒުހުރީ ރައީސް ޞާލިހުގެ މައްޗަށް ބަސްކިޔޭގޮތަށް ބޮޑު ވަޒީރުކަމަށް ވަޑައިގެންނެވުމަށް ކަމަށެވެ.

ކުރިއަށް އޮތް ރާއްޖޭގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައިވެސް މާލޭގެ ގޮނޑިއަކަށް ވާދަކުރަށްވައި ފެއިލްވެ ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

މެޑާމް

20-Sep-2020

އަލްހަނޫ.. ކަލެއަށް މާ ރަނގަޅަށް އެނގޭނެ އެއީ ސިޔާސީ ގޮތުން އެކަން އޮންނަ ގޮތްކަން.. ކަލެއާއި ދަތް ދީދީ އެމްޑީޕީއާ ދެކޮޅަށް މަގުމައްޗަށް ނުކުތީ ރާއްޖޭގެ ވިޔަފާރިވެރިއަކު އަތުން ފައިސާ ކޮޅެއް ނަގައިގެން ކަން މިއީ އެންމެންނަށް އެނގޭ ކަމެއް.. ހަހްހައް ލަދުން ބޯހަލާކު



ޓްރެންޑިން