ޑރ. އަހުމަދު ޝަހީދު
ޑރ. އަހުމަދު ޝަހީދު
ސެޕްޓެމްބަރ މަހުގެ ފުރަތަމަ ދެ ހަފްތާގައި ކޮވިޑް ފެތުރޭ މިންވަރަށް އެދެވޭ ރަނގަޅު ބަދަލުތަކެއް އައިސްފައިވާކަމަށާއި، އެހެން ނަމަވެސް ބަލިޖެހުނު މީހުންގެ ނަންބަރުތައް ދަށްވެފައިވާ ކަމަށް ބުނަން އަދި މާ އަވަސް ކަމަށް ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ބަލި ކޮންޓްރޯލްކުރުމުގައި ކޮންމެ ހަފްތާއަކުވެސް މޮނިޓަކުރާ ކަންތައްތަކަށް ބަލާއިރު އޯގަސްޓްމަހާ އަޅާބަލާއިރު ސެޕްޓެމްބަރ މަހުގެ ފުރަތަމަ 2 ހަފުތާގައި އެދެވޭ ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުންގެ އިންސައްތަ އޯގަސްޓްމަހު އުޅުނީ 18 އާއި 20 އިންސައްތައާއި ދެމެދުގައި ކަމަށާއި، ނަމަވެސް ފާއިތުވި 2 ހަފްތާގައި އެ ޢަދަދު 13 އިންސައްތައިގައި ހިފެހެއްޓިފައިވާކަމަށް ޑރ.ޝަހީދު ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ކަނޑައަޅާފައިވާ ޖާގަތައް ބޭނުންކޮށްފައިވާ މިންވަރު ނުވަތަ ބެޑް އޮކިއުޕެންސީ ހުރި މިންވަރަށް ބަލާއިރު އޯގަސްޓްމަހު ކޭސްތައް އެންމެ އިތުރުވި ދުވަސްވަރު އެ މިންވަރު 80 އިންސައްތައިގައި ހުރިކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ. ނަމަވެސް ސެޕްޓެމްބަރ މަހުގެ ފުރަތަމަ 2 ހަފްތާގައި ހުރިގޮތަށް ބަލާއިރު އެ ޢަދަދުވެސް ދަށްވެ، އެޑްމިޓްކުރެވޭނެ ޖާގަ އިތުރުކުރެވިފައިވާކަމަށާއި، އެއީ ކުރިއެރުމެއް ކަމުގައި ޑރ.ޝަހީދު ވަނީ ފާހަގަ ކުރައްވާފައެވެ. މި ހުރިހާކަމަކަށް ބަލައި ކޮންމެ ހަފްތާއަކުވެސް އެޕިޑަމިކް މޮނިޓަރކުރުމުގައި ދޭ ޖުމްލަ ސްކޯރ މިދިޔަ އޯގަސްޓްމަހާ އަޅާބަލާއިރު، ސެޕްޓެމްބަރ މަހުގެ ފުރަތަމަ 2 ހަފްތާގައި ދަށްކުރެވިފައިވާކަމަށް ޑރ.ޝަޙީދު ވިދާޅުވިއެވެ.

"އަދިވެސް ނަންބަރުތައް ދަށައް ދަނީއޭ ބުނަން ތަންކޮޅެއް އަވަސް، މިހާރު އެ އަދަދުތައް ސްޓޭބަލްވާ ކަމުގެ ނިޝާންތަކެއް އެބަފެނޭ، އެކަމަކު ކޮންސިސްޓްކޮށް ދަށަށް އަންނަނީއޭ ބުނަން ތަންކޮޅެއް އަވަސް. މިހާރު އެޗްޕީއޭ އިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅު ތަކަށް އަދި ދުލެއް ދެވޭކަން ނޯއްނާނެ. ރައްޔިތުން ވެސް މިފިޔަވަޅުތަކާއި މެދު އެއްގޮތަކަށް ވެސް ފަރުވާ ކުޑަކޮށްގެން ކަަމަކު ނުދާނެ. މިއަދަދު ތަކާއި މީހުންގެ އަމަލުތަކާއި މިވަނީ ވަރަށް ބޮޑަށް ގުޅިފައި."ޑރ.ޝަޙީދު ވިދާޅުވިއެވެ.

މިވަގުތު މުހިންމީ ބަލި ފެތުރުން ކޮންޓްރޯލްކުރުމުގައި މި ލިބޭ ކުރިއެރުން މިގޮތުގައި ދެމެހެއްޓުންކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކަކީ އެބައްޔަށް ދާއިމީ ހައްލެއް ނޫން ކަމަށާއި އެފިޔަވަޅުތައް އަޅާފައިވަނީ ކޮވިޑާއެކު ދިރިއުޅުން ކުރިއަށް ގެންދިޔުމަށްޓަކައި ރައްކާތެރިވުމުގެ ގޮތުން ކުރާ ކަންތައްތަކެއްގެ ގޮތުގައި ކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.

"އަދަދުތައް ދަށަށް ދިޔުމަކީ ކުރީގައި އުޅުނު އާންމު ހާލަތަށް ރައްޔިތުން އައުމެއް ނޫން. ބައްޔަށް ދާއިމީ ހައްލެއް ލިބެންދެން އެބަޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ކުރިއަށް ގެންދަން." ޑރ.ޝަހީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން