ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަމާ މެދު ގޮތެއް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޕީޕީއެމްގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ކުރީގެ ފިލްމީތަރި ޤާނޫނީ ވަކީލު އަސްއަދު ޝަރީފެވެ. ދާންދޫ ދާއިރާގެ މެންބަރު މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ނިންމައިދިނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، ޔައުޤޫބު އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިޤާލީ ކައުންސިލުގެ މެންބަރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ ޔައުގޫބްގެ މައްސަލަ ހުށަހެޅުއްވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ރ. އަށް ބަލާއިރު މެމްބަރުކަމުގެ ޝަރުތު ގެއްލިފައިވާތީ ކަމަށެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި މެމްބަރުކަން ގެއްލޭ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ ދަރަނި ނުދެއްކުމާއި އެއް އަހަރަށް ވުރެ ދިގު ޖިނާއީ ހުކުމެއް އައުމާއި ފަނޑިޔާރަކަށް ވުމެވެ. ދައުލަތުގެ އެހެން މަގާމުތައް އަދާކުރުމަކީ މަނާ ކަމެއް ކަމަށް 73 ވަނަ މާއްދާގެ ރ. ގައި އޮތަސް، އެ ހާލަތުގައި މެމްބަރުކަން ގެއްލޭނެ ކަމެއް ނުވަތަ ނޫންކަން އެ މާއްދާއަކު ނެތެވެ.

ޔައުގޫބް ވަނީ، އޭނާގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަން ފެށުމުން އެ އިންސްޓިޓިއުޓުން އިސްތިއުފާ ދެއްވައިފަ އެވެ. ދިފާއުގައި މިހާތަނަށް ވިދާޅުވެފައި ވަނީ އެ މަގާމު ގަބޫލުކުރެއްވީ އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ގާނޫނީ ލަފާ ލިބިވަޑައިގަތުމުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން