އިންސާނީ ކަރާމާތައް އިސްކަންދީގެން ގައިދީން އިސްލާހުކޮށް އަލުން މުޖުތަމައަށް ނެރުމުގެ މަސައްކަތަށް އެންމެ މުހިންމުކަމަކީ ޤާބިލް އޮފިސަރުން އުފެއްދުން ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެޖެ އެވެ.

ޔޫއެންއޯޑީސީން ހިންގާ ދިވެހި ކަރެކްޝަން އޮފިސަރުންގެ ޓްރެއިނިން ޕްރޮގުރާމާއި ގުޅޭގޮތުން މިނިސްޓަރ އިމްރާން ވިދާޅުވީ މިއީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވިގެންދާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. މަންޑޭލާ ރޫލްސްއާއި އެއްގޮތަށް ޖަލުތަކުގެ ކަންކަން ބައްޓަން ކުރުމަށްޓަކައި މިހިންގޭ ޕްރޮގުރާމަކީ މުހިންމު ޓްރައިނިން ޕްރޮގުރާމެއްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަ ކުރައްވާފައެވެ.

ޖަލުތަކުގައި ތިބޭ ގައިދީންނަށް އިންސާނީ ކަރާމަތަށް އިސްކަންދީގެން ދޭންޖެހޭ ތަމްރީނާއި، މައުލޫމާތު ދެވޭނީ އެކަމަށް ޤާބިލް އޮފިސަރުން ތިބެގެންކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. އަދި މިހާރު މިހިންގޭ އޮފިސަރުން ތަމްރީން ކުރުމުގެ ޓްރެއިންނިން ޕްރޮގުރާމާއިއެކީގައި ޤައިދީން އިސްލާހުކޮށް މުޖުތަމައަށް ނެރުމަށް ރަނގަޅު މައުލޫމާތުތަކާއި ތަޖުރިބާތަކެއް ލިބިގެންދާނެކަމަށެވެ.

"އަނެއްކާވެސް ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމު ފިޔަވަޅެއް. އިންސާނީ ކަރާމާތަށް އިސްކަންދީގެން ގައިދީން އިސްލާހުކޮށް އަލުން މުޖުތަމައަށް ނެރުމުގެ މަސައްކަތަށް އެންމެ މުހިންމުކަމަކީ ޤާބިލް އޮފިސަރުން އުފެއްދުން. މި ތަމްރީންތަކުން އެކަމަށް މަގުފަހި ވެގެންދާނެ." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ރާއްޖޭގެ ޖަލުތަކުގައިވެސް ނެލްސަން މަންޑޭލާ ރޫލްސް ތަޢާރަފްކޮށް އެޔަށް އަމަލުކުރަންވަނީ ފަށާފައެވެ. އަދި އެރޫލްސްތަކަށް ފުރިހަމައަށް ޢަމަލުކުރަން ފެށުމުން ޖަލުތަކުގެ ވަރަށްގިނަ ކަންކަން އިޞްލާހުވެގެންދާނެކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ޖަލުތަކުގައި ތިބޭ މީހުންނާ މެދު ޢަމަލުކުރަންޖެހޭ ގޮތާއި ކަންކަން އިންތިޒާމުކޮށް ބަހައްޓަންޖެހޭ ގޮތުގެ މިންގަނޑުގެ ގޮތުގައި ނެލްސަން މަންޑޭލާ ރޫލްސްގެ ނަމުގައި އެކުލަވާލާފައިވާ އުސޫލު ދިވެހި ބަހަށް ތަރުޖަމާކޮށް ޢާއްމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ ފަރާތަކުންވެސް އަހުލުވެރިވެ މިކަމަށް ދޭ ސަމާލުކަން އިތުރުކުރުމެވެ. 43 ސަފްޙާގެ މި ފޮތުގެ ދިވެހި ތަރުޖަމާ މިހާރު މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ވެބްސައިޓުގައިވަނީ ޢާއްމުކޮށްފައެވެ.

"ނެލްސަން މަންޑޭލާ ރޫލްސް،" މި ފޮތަކީ ދެކުނު އެފްރިކާގައި ހިނގަމުންދިޔަ ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް މަންޑޭލާ ކުރެއްވި މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން މަންޑޭލާގެ ޝަރަފުގައި ލިޔެފައިވާ ފޮތެކެވެ. ދެކުނު އެފްރިކާގައި އޮތް "އެޕާތައިޑް" ނުވަތަ ނަސްލީ ތަފާތުކުރުމުގެ ވެރިކަމާއި ދެކޮޅަށް ކުރެއްވި މަސައްކަތުގެ ތެރެއިން ނެލްސަން މަންޑޭލާ 27 އަހަރު ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. މި ފޮތުގައި ޤައިދީންނާއި މެދު އިންސާފާއި، އިންސާނީ ކަރާމާތް ނުގެއްލޭ ގޮތައް ޢަމަލުތައް ބަހައްޓާނެގޮތް ވަރަށް ތަފްޞީލުކޮށްވަނީ ލިޔެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން