މާފުށީ ޖަލުގައި 2003 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އޭރުގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ބަޑިޖަހަން އަމުރު ނުކުރައްވާކަމަށް ބްރިގޭޑިއާ ޖެނަރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އިއްޔެއަކީ ރައީސް މައުމޫންގެ ވެރިކަމާއި، އަނިޔާއާއި ދެކޮޅަށް ދިވެހި ރައްޔިތުން ނުކުމެ އެންމެ ބޮޑު މަސައްކަތެއް ފެށި ދުވަސް ކަމުގައި ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަތަކަށް އިޝާރާތްކުރަށްވައި އިބްރާހިމް ދީދީވަނީ އެވާހަކަ ތަކަށް ރައްދު ދެއްވާފައެވެ. އިބްރާހީމް ދީދީ ވަނީ އެދުވަހު ބަޑިޖަހަން މެދުވެރި ހާދިސާގައި ކަންކަން ހިނގައިދިޔަ ގޮތާއި ގުޅޭގޮތުން ކުރަމުންދަނީ ބޭކާރު ބަހުސެއްކަމަށް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އިއްޔެއަކީ ޖަލުގައި ބަޑިޖަހައި އީވާން ނަސީމު މަރާލައި އެ އަނިޔާއާއި ދެކޮޅަށް ދިވެހި ރައްޔިތުން ތެދުވި ދުވަސްކަމަށެވެ. ރައީސް މައުމޫންގެ އަނިޔާވެރިކަން އިންތިހާއަށް ގޮސް ރައްޔިތުން އެ އަނިޔާއާއި ދެކޮޅަށް ނުކުތް ތާރީހީ ދުވަހަކީ އިއްޔެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

"މިއަދަކީ (ސެޕްޓެމްވަރ 19 ވަނަ ދުވަސް) ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދު ފަހަނައަޅައި ގޮސްފިކަން އެންމެ ބޮޑަށް ފާހަގަވި އެއް ދުވަސް. އަނިޔާއާއި ދެކޮޅަށް ދިވެހިން ތެދުވެ ރާއްޖެ ބަދަލު ކުރުމަށް ނިންމަން ނުކުތް ދުވަސް. ޖަލުގައި އީވާން ނަސީމް ގައިގައި ތަޅާމަރާލި ދުވަސް. މާތް ﷲ މަރުހޫމަށް ސުވަރުގެ މިންވަރު ކުރައްވާށި." ރައީސް ނަޝީދު ވިދާޅު ވިއެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ޚިޔާލު ފާޅުކުރި ބައެއް ފަރާތްތަކުން ވަނީ މިކަން އިންސާފްވެރިކަމާއިއެކު ބަލަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. މިކަމާއި ގުޅިގެން އިބްރާހީމް ދީދީ ވިދާޅުވީ އެކަން ހިނގިގޮތް އެގެން ޕީޖީ އޮފީހުގައި މިހާރުވެސް ހުންނާނެކަމަށެވެ. އަދި އެދުވަހުގެ އެހާލަތުގައި ބަޑިޖެހުމަށް ރައީސް މައުމޫން އަމުރު ނުކުރައްވާކަމަށް ވެސް އިބްރާހީމް ދީދީ ވިދާޅުވެފައިވެއެވެ.



"އެކަންވަނީ ތަހުގީގް ކުރެވިފަ އެބަޔާންތައް ޕީޖީ އޮފީހުގަ ހުންނާނެ. ކުށްވެރިވި މީހުންނަށް ވަނީ ފިޔަވަޅު އެޅިފަ. އަޅުގަނޑު ނެތިން ޓުވިޓާގަ ތިކަން ޑިސްކަސް ކުރަން ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމް އެ ދުވަހު ބަޑިޖަހަން އަމުރުފުޅު ނުކުރައްވާ." ބްރިގޭޑިއާ ޖެނަރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވި އެވެ.

ޖަލުގައި ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް އުމުރުން 19 އަހަރުގެ ހަސަން އީވާން ނަސީމް، 2003 ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ރޭ މަރުވި ހާދިސާގެ ތުހުމަތުގައި ދައުލަތުން ދައުވާކުރީ 12 މީހެއްގެ މައްޗަށެވެ. އޭގެ ތެރެއިން އޭނާ މަރާލުމުގެ ކުށް ސާބިތުވެގެން އަށް މީހެއްގެ މައްޗަށަށް މަރުގެ ހުކުމް އިއްވާފައިވެ އެވެ. އަދި އޭނާ މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެގެން އެކަކުގެ މައްޗަށް ޖިނާއީ ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ.

ނަމަވެސް އެ މައްސަލާގައި ޝާމިލްވެގެން މަރަށް ހުކުމް ކުރި މީހުންގެ ތެރޭގައި ހިމެނޭ މއ. ދިހި، އާދަމް މުހައްމަދުގެ ކުށެއް ނެތް ކަމަށް 2006 ވަނަ އަހަރު ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އޭނާއަކީ އޭރުގެ އެންއެސްއެސް ކެޕްޓަން ކަމުގެ ރޭންކުގައި ހުންނެވި އަދި މާފުށީ ޖަލުގެ ސިކިއުރިޓީ ބަލަހައްޓާ ޔުނިޓުގެ އޮފިސަރު އިންޗާޖުގެ މަގާމުގައި ހުންނެވި ވެރިޔާ އެވެ.

އީވާން މަރާލުމުގެ ކުށް ސާބިތުވެގެން 2005 ވަނަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު މަރަން ހުކުމް އިއްވި އަށް މީހުންނަކީ އޭރު ޖަލުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން ދިޔަ އެންއެސްއެސް، މިހާރުގެ އެމްއެންޑީއެފްގެ ޕްރައިވެޓުން ކަމަށްވާ ހ. ހިރަވެރި, ބަދުރު މުހައްމަދާއި، ސ. ފޭދޫ ޔެލޯ ހައުސް މުހައްމަދު ޝިއުނީޒާއި، ސ. ހުޅުދޫ އިރުދޭމާގޭ އަބްދުﷲ އިބްރާހީމާއި، ނ. ހޮޅުދޫ ބަގީޗާގޭ އިބްރާހިމް ރަމީޒާއި، މ. ކޮޅުފުށީ އަސްރަފީގޭ އަހުމަދު ނިޔާޒާއި، ވ. ކެޔޮދޫ ހިޔަލީ ގުލްޝަން ޝިޔާދު މުފީދާއި، މ. މުލަކު އަލަމާގޭ މުހައްމަދު މަންސޫރާއި، ތ. ތިމަރަފުށީ އިރުވައިގޭ އަހުމަދު ރިޔާޒެވެ. އީވާން މަރާލުމުގައި ބައިވެރިވުމުގެ ކުށުގައި, 2005 ވަނަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު ޖިނާއީ ކޯޓުން މަރަން ހުކުމް އިއްވީ ތ. ތިމަރަފުށީ ވިލާޑިލައިޓް އަބުދުﷲ ހަސަންގެ މައްޗަށެވެ.

ސިފައިންގެ އަނިޔާތަކުގައި އީވާން މަރުވެގެންދިޔަ ހާދިސާއާ ގުޅިގެން 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު 20، ވަނަ ދުވަހު މާފުށީ ޖަލުގައި ކުށްވެރިންނާއި ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ސިފައިން ބަޑި ޖެހުމާ ގުޅިގެން ތިން މީހަކު މަރުވި އެވެ. އެއީ މ. ބިންއުނިމާގޭ އަބްދުﷲ އަމީނާއި ގއ. ވިލިނގިލީ ޖަނަވަރީމާގޭ އަހްމަދު ޝިޔާޒާއި ޅ. ނައިފަރު ސިނަމާގޭ އަލީ އަސްލަމެވެ. އަދި މި ހަމަލާތުގައި 16 މީހުންނަށް އެކިވަރުގެ އަނިޔާވެފައިވެ އެވެ.

އިބްރާހީމް ދީދީގެ މި ވާހަކަ ތަކާއި ގުޅިގެން ރައީސް މައުމޫން ވަނީ ކަމުގެ ހަގީގަތް ހާމަކޮށްދެއްވިީތީ އިބްރާހީމް ދީދީއަށް ޝުކުރު އަދާކުރައްވައި ޓްވީޓެއް ވެސް ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

އާޒިމްބެ

22-Sep-2020

މީ މިފަހަކަށް އައިސް އަހަރެމެންގެ ތެރެއިން ފެންނަމުން ނުދާ ސިފައެއް! ކަމުގެ ޙަޤީޤަތް ދެންވޮޑިގެންވަނީ ﷲ! އިބްރާހީމް ދީދީ އެ ވުދާޅުވި ވިދާޅުވުން ވިދާޅުވުމަށް އޮތް ނުފޫޒެއް ބާރެއް ނުވިސްނެ! އެކަމަކު އެވިދާޅުވި ވިދާޅުވުން އެ ވިދާޅުވީ، ތިމާއަށް އެނގިފައިވާ ޙަޤީޤަތެއް އެނޫން ގޮތަކަށް ފުރޮޅިގެންދާ ވަގުތުތަކުގައި އެ ޙަޤީޤަތް އެނގޭ މީހުން އެކަން ހާމަކޮށްދިނުމަކީ ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރެއްވޭތީ ވިދާޅުވި ވިދާޅުވުމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެ!



ޓްރެންޑިން