ކޯވިޑް-19 އާއިއެކު މުޅި ދުނިޔެ ބަންދުވެ ދަތުރު ފަތުރު ނުކުރެވޭ ހާލަތަށް ދިޔައިރުވެސް ދިވެހިންގެ އެކުވެރި ޤައުމުތަކުގެ ދޮރުތައް ދިވެހިންނަށް ބަންދު ނުވާނެކަމުގެ ފުރިހަމަ މިސާލު އިންޑިއާއިން ދައްކުވައި ދީފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އިންޑިއާ ސަރުކާރުން ބަޖެޓު ސަޕޯޓްގެ ގޮތުގައި ދޭ 250 މިލިއަން ޑޮލަރުގެ މާލީ އެހީ ދިވެހި ސަރުކާރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި މިރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ ކޯވިޑް-19 ގެ ހާލަތަކީ މުޅި ދުނިގެ ކުރަންޖެހުނު ވަރަށް ހިތްދަތި އުނދަގޫ ތަޖުރިބާއެއްކަމަށެވެ. އެއީ އެއްޤައުމާ އަނެއް ޤައުމުގެ މެދުގައި ކުރަމުންދިޔަ ދަތުރުތައް ހުއްޓި މުދަލާއި ތަކެތި ފޯރުކޮށް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދުވަސް ވަރެއް ކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

"މުޅި ދުނިޔެ ބަންދު ކުރިޔަސް، މުޅިދުނުޔޭގެ ވައިގެ ބަނދަރު ހުއްޓުމަކަށް އަޔަސް ބޯޑަރުތައް ބަންދު ކުރިޔަސް އެޤައުމުތަކުން ދިވެހި ރާއްޖެއަށް ހުޅުވާލާފައިވާ ރަހުމަތްތެރިކަމުގެ ދޮރުތައް ބަންދު ނުކުރާނެކަން ދައްކައިދީފި. ދިވެހިންނަށް އެޤައުމުތަކުގެ ރައޔިތުންގެ ހިތުގައި އޮތް ލޯބި ބަންދު ނުކުރެވޭނެކަން އަންގައިދީފި. އިންޑިޔާއަކީ މިސާލު ދައްކައި އަބަދުވެސް އެންމެ ގާތް އެކުވެރިޔާ." މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުމުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދޭ 250 މިލިއަން އެމެރިކާ ޑޮލަރު (3.85 ބިލިއަން ދިވެހި ރުފިޔާ) ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އެވެ.

އިންޑިއާއިން 250 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފައިވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ އިގްތިސާދީ ގެއްލުންތައް ކުޑަކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އެކަމަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ. 250 މިލިއަން ޑޮލަރުގެ އެހީ އިންޑިއާ ސަރުކާރުން ފޯރުކޮށްދެނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް، ޓްރެޒަރީ ބޮންޑް ގަނެގެންނެވެ. މިއީ ކޮވިޑް-19ގެ ޙާލަތު ދިމާވިފަހުން ޤައުމަކުން ރާއްޖެއަށް ފޯރުކޮށްދޭ އެންމެ ބޮޑު އެހީއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދުވަނީ ތިން ބަހުން ވާހަކަ ދައްކަވާފައެވެ. ދިވެހި ބަހުންނާއި، ހިންދީ ބަހުންނާއި އިނގިރޭސިބަހުން މިނިސްޓަރ ދެއްކެވި ވާހަތަކުގައި އަލި އަޅުވާލައްވާފައިވަނީ ކޯވިޑް19 ގެ ހާލަތުގައި އެކުވެރިކަމާއި ޚާރިޖީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި ދޭދޭ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރ ވަނީ ވާހަކަ ދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސީއީއޯގެ އިތުރުން ފޮރިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން