2013 ވަނަ އަހަރުގެ ކުރިން ހުށަހެޅުނު ހުރިހާ މައްސަލަތަކެއް މިހާރު ބަލައި ނިމިފައިވާކަމަށް ކްރިމިނަލް ކޯޓުން ހާމަކުރައްވައިފި އެވެ.

ކްރިމިނަލްކޯޓުގައި ނުނިމި އެތައް އަހަރެއްވެފައިވާ މައްސަލަތައް ނިންމުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލައި އެކޯޓަށް ހުށައަޅާފައިވާއިރު ގިނަދުވަސްވީ މައްސަލަތައް ނިންމުމަށް އެކޯޓުން ދަނީ ވަރަށް ބޮޑު އިސްކަމެއް ދީގެން މަަސައްކަތް ކުރަމުންނެވެ. އެކޯޓުން މިއަދު ހާމަކުރި ގޮތުގައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އަވަހަށް މައްސަލަ ނިންމައި ގިނަ ދުވަސްވީ މައްސަލަތައް މަދު ކުރުމަކީ އެ ކޯޓުން މިހާރު ވަރަށްބޮޑު އިސްކަމެއް ދީގެން ކުރަމުންދާ ކަމެއްކަމަށެވެ.

"ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މައްސަލަތައް އަވަސްކުރުމަށް މިކޯޓުން ދަނީ މަސައްކަތް ކުރަމުންނެވެ. ގިނަ ދުވަސްވެފައިވާ މައްސަލަތައް މަދުކުރުމަށް ކުރެވުނު މަސައްކަތުން، 2013 ވަނަ އަހަރުގެ ކުރިން ހުށަހެޅުނު ހުރިހާ މައްސަލަތައް މިހާރުވަނީ ނިންމާފައެވެ." ކްރިމިނަލް ކޯޓުން މިއަދު ކުރި ޓްވީޓްގައި ވެއެވެ.

ކްރިމިނަލްކޯޓުގައި ނުނިމި އެތައް އަހަރެއްވެފައިވާ މައްސަލަތައް ނިންމުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލައި އެކޯޓަށް ހުށައަޅާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފަ އެވެ.

ކޯޓްތަކުގައި ނުނިމިހުރި މައްސަތަކުގެ ތެރެއިން ކްރިމިނަލް ކޯޓްގައި ހުރި މައްސަލަތަކާއި އެމައްސަލަތަކަށް ހައްލުގެނައުމަށް ކުރައްވަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީޖީ ޝަމީމް އޭރު ވިދާޅުވީ ޝަރީއަތް ނުނިމި 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 55 އަށްވުރެ ގިނަ މައްސަލަ ކްރިމިނަލްކޯޓްގައި އޮތް ކަމަށެވެ.

ކްރިމިނަލް ކޯޓްގައިހުރި މައްސަލަތައް އަވަސްކޮށް މައްސަލަތައް ނިންމުމަށް މަސައްކަތް ކުރާނެ ޕްލޭނެއް އެކުލަވާލައި އެޔަށް އަމަލުކުރަމުންދާއިރު އެކޯޓްގައި 3 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 300 އަށްވުރެ ގިނަ މައްސަލަ ފުނިޖެހިފައިވާކަމަށާއި މިމައްސަލަތައް އަވަސްކުރުމަށް 9 ފަނޑިޔާރުންނަށް ޚާއްސަ ތާވަލެއްގެ ދަށުން މަސައްކަތް ކުރެވިއްޖެނަމަ މިމައްސަލަތައް 2 މަސް ދުވަހުގެ ތެރޭގައި ނިންމޭނެކަމަށް ޕީޖީ ޝަމީމްވަނީ އޭރު ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން