ދުނިޔޭގެ 172 ގައުމު ބައިވެރިވާ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވިޑް-19 ވެކްސިން ޕްލޭން ނުވަތަ ކޯވެކްސް ވެކްސިން ޕްލޭންގައި ދިވެހިރާއްޖެއިން ވެސް ބައިވެރިވެފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކޯވެކްސް އަކީ ކޯވިޑް-19 އާއި ދެކޮޅަށް ތައްޔާރުކުރާ ވެކްސިން އެކި ގައުމު ތަކަށް ހަމަހަމަ ކަމާއެކު އަވަހަށް ފޯރުކޮށް ދިނުމަށް ހެދިފައިވާ ޕްލޭންއެކެވެ. ދުނިޔޭގެ އެކި ގައުމުތަކުން ކޯވިޑާއި ދެކޮޅަށް އުފައްދާ ވެކްސިންތަކުގެ ތެރެއިން އެންމެ ކާމިޔާބު ވެކްސިނެއް ހަމަހަމަ ކަމާއެކު ދުނިޔޭގެ ގައުމުތަކަށް ފޯރުކޮށްދޭ ކޯވެކްސް ޕްލޭން ކޯޑިނޭޓް ކުރަނީ ޖީއޭވީއައި، ސީއީޕީއައި އަދި ޑަބްލިޔޫއެޗްއޯ ގުޅިގެންނެވެ.

ދުނިޔޭގެ 172 ގައުމުން މިހާރު ބައިވެރިވާ މި ޕްލޭންގައި ރާއްޖެ ހިމެނެނީ އެހީގެ ގޮތުގައި ވެކްސިން ހިލޭ ލިބޭ އިގްތިޞާދީ ގޮތުން ދަށް ގައުމުތަކުގެ ގިންތީގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޯވެކްސް ޕްލޭންގައި ބައިވެރިވާ ގައުމު ތަކުގެ ތެރެއިން މާލީ ގޮތުން އެކަމަށް އެހީތެރިވެދޭ މުއްސަނދި 80 ގައުމެއް މި ޕްލޭންގައި ހިމެނެއެވެ. ޕްލޭންގައި ބައިވެރިވާ އަނެއް 92 ގައުމަކީ މެދުފަންތީގެ އަދި އިޤުތިޞާދީ ގޮތުން ދަށް ފަންތީގެ ގައުމުތަކެވެ. މި ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭނީ ހިލޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޯވެކްސް ޕްލޭންގައި ކޯވިޑް-19 އާއި ދެކޮޅަށް އުފައްދާ ނުވަ ވެކްސިނެއް ހިމެނޭއިރު މީގެތެރެއިން ދެ ވެކްސިން މިހާރު އުޅެނީ ތިން ވަނަ މަރުހަލާގެ ދިރާސާތަކުގައެވެ. މީގެތެރެއިން މޮޑާނާ އަސްޓްރާޒެނެކާ- އޮކްސްފޯޑް ޔުނިވަރސިޓީގެ ވެކްސިން ތިންވަނަ މަރުހަލާގެ ތަހުލީލު ތަކުގައި އެތައް ހާސް ބައެއްގެ ގަޔަށް ވެކްސިން ޖަހައިގެން ކުރިއެރުންތައް ލިބެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދަ ނިއު ޔޯކް ޓައިމްސް ބުނާ ގޮތުގައި ބައޯންޓެކް-ފިޒާސް ގެ ވެކްސިން މިހާރު ދަނީ އެއްފަހަރާ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ތަހުލީލުތައް ކުރަމުންނެވެ. މީގެއިތުރުން ޗައިނާއިން އުފައްދާފައިވާ ހަތަރު ވެކްސިންގެ ވެސް މިހާރު ކުރިއަށް ދަނީ ތިންވަނަ ފިޔަވަހީގެ ޓެސްޓް ތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން