ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުނުވުމުގެ ބިރު އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިހެން ވިދާޅުވީ އިންޑިއާ އިން ރާއްޖެ އަށް ދިން 250 މިލިއަން ޑޮލަރުގެ ލޯނުގެ ފައިސާ އާއި ހަވާލުވުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި ގުޅިގެން ރާއްޖެ އަށް ކުރިމަތިވެފައި ވަނީ މުޅިން ތަފާތު ގޮންޖެހުންތަކެއް ކަމަށެވެ. ކޮވިޑާ ހެދި ރާއްޖޭގެ ޓޫރިޒަމް ހުއްްޓި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި ވަަރަށް ވުރެ، ލިބުނު އާމްދަނީ ވަނީ 50 ޕަސެންޓަށް ވުރެ ވެސް ދަށްވެފައިކަން މިނިސްޓަރު އަމީރު ވަނީ ފާހަގަކުރައްވާފައެވެ.

މި ހާލާތުގައި ވެސް ހިދުމަތްތައް ނުހުއްޓި ހިންގުމުގެ އިތުރުން ކޮވިޑުގެ އިގުތިސާދީ ގެއްލުމާ ކުރިމަތިވި މީހުންނަށް އެހީތެރިވާން ވެސް ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. އެގޮތުން ވިޔަފާރިތަކަށް މިހާތަނަށް 900 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކޮވިޑް ރިލީފް ލޯނުގެ ގޮތުގައި ދޫކޮށްފައިވާއިރު ވަޒީފާ ގެއްލުނު މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 67.8 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މިހުރިހާ ޚަރަދުތަކެއް ސަރުކާރުން ކުރީ ސިވިލް ސާވިސްގެ މުސާރަ ކުޑަނުކޮށް ރައްޔިތުންނަށް ސަރުކާރުން ދެމުންދާ އިޖުތިމާއީ ޚިދުމަތްތަކަށް ބޭނުންވާ ފައިސާ އުނިނުކޮށް ކަން ފާހަގަކުރައްވާފައެވެ. ސަރުކާރުގެ ތަރައްގީގެ އެެޖެންޑާ ކުރިއަށް ގެންދިއުމަށް މިހާރު ބަރޯސާ ކުރަން ޖެހިފައި އޮތީ ބޭރުން ނަގާ ދަރަންޏަށް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތަރައްގީގެ އުއްމީދީ އެޖެންޑާ ބަރޯސާކުރަން ޖެހިފައި މި އޮތީ ބޭރުގެ ދަރަންޏަށް. މި އިންވެސްޓްމެންޓްތަކުގެ ނަތީޖާ ފެންނާނީ އަދި އަހަރުތަކެއް ފަހުން." ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްްޖެ އަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި ދޭން ކަނޑައެޅި 250 މިލިއަން ޑޮލަރު (3.85 ބިލިޔަން ރުފިޔާ) ގެ ލޯނު އެހީ މިއަދު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ވަނީ ދިވެހި ސަރުކާރާއި ހަވާލުކޮށްފައެވެ. މި ހާލަތުގައި ދިވެހި ސަރުކާރަށް މި ހުރިހާ ކަމެއް ކުރެވުނީ އިންޑިއާ ސަރުކާރުގެ ބޮޑު އެހީތެރިކަމެއް ލިބިގެން ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު ވަނީ އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން