މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ: ހަތް އަހަރަށް ފަހު މިފްކޯ އިން ވަނީ މަސްގަންނަ އަގު ދޫކޮށްލާފަ
މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ: ހަތް އަހަރަށް ފަހު މިފްކޯ އިން ވަނީ މަސްގަންނަ އަގު ދޫކޮށްލާފަ
ވަކި އަގެއް ކަނޑައަޅައިގެން މަސް ގަތުން ދޫކޮށްލުމުން މިފްކޯގެ ކޭޝްފްލޯ މެނޭޖު ކުރަން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނީގެމެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

މިފްކޯ އިން މަސްގަތުމުގެ އަގު ދޫކޮށްލަން ނިއްމައިފައިވަނީ 7 އަހަރު ފަހުންނެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ  އަލަށް މި ގެންނަ ބަދަލާއެކު މިފްކޯގެ ކޭޝްފްލޯ މެނޭޖު ކުރަން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މިގެނައި ބަދަލާއެކު ބާޒާރުގައި މަހުގެ އަގަށް ބަދަލު އަންނަ ގޮތަށް ބަލައި ކޭޝް ފުލޯ އަށް މެނޭޖްކުރެވޭނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

"ފައިސާ ނުދެވި ދަތިތަކެއް ދިމާވީ ވެސް އެމަގުން އަޅުގަނޑުމެންނަށް ދެވުނީމަ. އެހެންވީމަ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން މި ބަދަލުކުރަނީ ފްލޯޓިން ޕްރައިސިން މެކޭނިޒަމް އަކަށް. އެހެންވީމަ އޭރުގަ ބާޒާރުގަ އޮންނަ އަގަކަށް ކުރިއަށް ދާނީ."  ފައުޒީ ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ވަރަކަށް ބަލައިގެން މިފްކޯއިން މަސް ގަންނަން ފަށާނީ މި މަހުގެ 24ވާ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް މިފްކޯ އިން ހާމަކުރެއެވެ. މި ބަދަލާއެކު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު އުފުލިގެންދާއިރު، އެކަމުގެ ފައިދާ ސީދާ މަސްވެރިންނަށް ލިބިގެންދާނެ ކަމަށް މިފްކޯ އިން ބުނެ އެވެ.

އައު އުސޫލުގެ ދަށުން މިފްކޯއިން މަސް ގަންނާނެ އަގުތައް ކޮންމެ ދުވަހަކު ވެސް މިފްކޯގެ ވެބްސައިޓުގައި ޝާއިއުކުރާ ގޮތަށް ވަނީ ހަަމަޖެހިފައެވެ. އަދި މި ބަދަލަށް އަމަލުކުރަން ފެށުމުން މަސްކިރުވާ ދުވަހުން ފެށިގެން ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރާނެކަމަށް މިފްކޯ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން