ޒަހީނުއްދީން ސަޢީދު   21 ސެޕްޓެމްބަރު 2020 - 3:2
ކަޅުބިލަމަސް ގަނެވޭނެ އެންމެ ދަށް އަގު މުރާޖައާކޮށް އާ އަގެއް ކަނޑައަޅައި އެކަން ސަރުކާރުން މިއަދު އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒު، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ބުނީ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިޒް މުރާޖައާކޮށް އާ އަގުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ކަޅުބިލަ މަހާއި ރީނދޫ އުރަހަ ކަންނެލި، 1.5 ކިލޯ އަދި އެއަށްވުރެ ބަރު މަސް ގަނެވޭނެ އެންމެ ދަށް އަގަކީ ކިލޯއެއް 13 ރުފިޔާ ކަމަށް ކަނޑައަޅާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީއިން ބުނެ އެވެ. މީގެއިތުރުން ކަޅުބިލަ މަހާއި ރީނދޫ އުރަހަ ކަންނެލި، 1.5 ކިލޯ އިން ދަށުގެ މަސް ގަނެވޭނެ އެންމެ ދަށް އަގަކީ 5.15 ރުފިޔާ ކަމަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ކަޅުބިލަ މަހުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން މަސްވެރިންގެ އަތުން މަސް ގަނެ، ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް މިނިސްޓްރީއާއެކު ސޮއިކޮށްފައިވާ ކުންފުނިތަކުންނާއި މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ހުއްދަ ދީފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ފްލޯ ޕްރައިޒް ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

ސިޔާސަތަކީ ފުޅާ ދާއިރާއެއްގައި އެކްސްޕޯޓް ކުރުމަށް މަސްގަންނަ ފަރާތްތަކަށް ހިނގާ ސިޔާސަތެކެވެ. މަސް ކައްކާ ހިއްކާ ފަރާތްތަކާއި އެ ނޫންވެސް ކަޅުބިލަމަސް ގަންނަ އެހެނިހެން ފަރާތްތަކުން ފްލޯ ޕްރައިޒް ސިޔާސަތަށް އަަމަލު ކުރާކަށް ނުޖެހޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ހަތް އަހަރަށް ފަހު، މަސްވެރިންގެ އަތުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސް ގަންނަމުން ދިޔަ އަގުގެ ކޮންޓްރޯލް ދޫކޮށްލަން ނިއްމާފައިވާ ކަން ވަނީ އިއުލާންކޮށްފައެވެ. އެ ނިއްމުމަށް އަމަލުކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން