މަޖިލީހުން އެދިގެންވެސް ފްލެޓް ލިސްޓު ދިނުމަށް އިންކާރުކޮށް އެކަމާއި ދެކޮޅު ހަދައި އެލިސްޓް ނުދިންމީހަކު މިއަދު އެކަމާއި ގުޅިގެން އަނގަހުޅުވަން ލަދުވެތިވާން ޖެހޭނެ ކަމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅު ވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދިންއިރު ދިރިއުޅުމުގެ ހާލަަތަށް ދެމަފިރިންނަަށް ޕޮއިންޓްދިނީ ތަފާތުކޮށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރ މުއިއްޒު ވިދާޅުވެ އެކަމާއި ގުޅޭގޮތުން ދެއްކެވި ވާހަތަކުގެ ރައްދުގައި ރޮޒޭނާ ވިދާޅުވީ ފްލެޓް ލިސްޓް އާންމު ކޮށްލަންވެސް ކެރި ވަޑައި ނުގެންނެވި ބޭފުޅަކު މިއަދު ލިސްޓް އާންމުކޮށް ހަމަހަމަ އުސޫލުން ކަންކަން ކުރަމުން ދާތީ ކަންބޮޑުވާތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.

ފްލެޓް ލިސްޓާއި ގުޅިގެން ރައީސް ޔާމީންގެ ވެރިކަމުގައި އެތައްބައެއްގެ ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ޝަކުވާ ކުރުމުން ރައްޔިތުންގެ މަޖިލީހުން އޭރު ފްލެޓްތަކުގެ ލިސްޓާއި އެކަން ހިނގަދިޔަ ގޮތް ހޯދަން އެދި އެކަމުގެ މައުލޫމާތަށް އެދުމުން ކަންތައް ކުރެއްވި ގޮތް މިއަދު ހަނދާނަށް ގެނައުން މާ ރަނަގޅުވާނެކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.

"މި ސަރުކާރުން ލިސްޓް ނެރެފަ، ކަންބޮޑުވުން ފާޅުކުރުމުގެ ފުރުސަތު އެބަދޭނުން. މުއިއްޒު އަށް ތި ލިސްޓުން އެއްޗެއް އެބަ އޮޅުން ފިލާ ތޯ؟ ހަނދާން އެބަހުރިތޯ މުއިއްޒު ހުސް ނަންބަރު ޖަހާފަ ނެރުނު ލިސްޓް؟ މަޖިލީހުން އެދިގެންވެސް އޭގަ ތިބި ބައެއްގެ ނަން ނުދިން. ލަދުކޮބާ، މިއަދު އަނގަ ހުޅުވަން" ރޮޒޭނާ މުޢިއްޒުއަށް މަލާމާތުގެ ބަސްތައް ރަށްދު ކުރަށްވަމުން ވިދާޅުވިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގެ ދަފްތަރު ކެޓްގަރީގެ ދަށުން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމުކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެެއްގައި ޑރ. މުއިއްޒު ވިދާޅުވީ އެކުގައި އެއްތަނެއްގައި އުޅޭ ދެމަފިރިންނަށް އެކަކު އަނެކަކަށް ތަފާތުކޮށް ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓްދީފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ނެރުނު ލިސްޓުގައި އެކަން ވަރަށް ބޮޑަށް ދިމާވެފައިވާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރާ ކަމަށް ވެސް ޑރ.މުއިއްޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން