ނޫސްވެރިން މިއަދު ކުރިއަށް ގެންދިޔަ އިޙްތިޖާޖުގެ ތެރެއިން
ނޫސްވެރިން މިއަދު ކުރިއަށް ގެންދިޔަ އިޙްތިޖާޖުގެ ތެރެއިން
ނޫސްވެރިން އުލުބައިންދަން ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް ގޮވާލި މައްސަލަ ފުލުހަށް ހުށައަޅައިފިއެވެ.

ދިވެހި ނޫސްވެރިންގެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާވެރިނުވުން ހިމެނޭއިރު، ޕީއެންސީގެ ޕީޖީ ލީޑަރ ފަލާހް މަޖިލީހުގައި ދެއްކެވި ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ކަމަށެވެ.

އަދި އެކަމަކީ ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނަށް އެކަމުގެ ސަބަބުން ބިރުވެރިކަމުގެ ތެރެއަށް ވެއްޓޭ ކަމަށާއި އެއީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަށް ގައުމު ވެއްޓިގެން ހިނގައިދާނެ ފަދަ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އެހެންކަމުން، އެމްޖޭއޭއިން ވަނީ ފަލާހްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އަޅައިދޭން ފުލުހުންގެ ކިބައިން އެދިފައެވެ.



އެމްޖޭއޭ އިން މިމައްސަލަ ފުލުހަށް ހުށައަޅާފައިވާއިރު، އިއްޔެ ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ޕީއެންސީގެ ޕީޖީ ލީޑަރ ފަލާހު ވިދާޅުވީ، ނޫސްވެރިން ލާންވީ ޖަލަކަށް ނޫން ކަމަށާއި އުލުބައިދަންވީ ކަމަށެވެ. ދިވެހިބަހުގެ ރަދީފުގައި ބުނާ ގޮތުން، އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މެރުމަށް ހަދާ ގޮތެކެވެ. އެގޮތުން، އުލު ބައިންދާއިރު، ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދާ ކަމަށް ރަދީފުގައިވެއެވެ.

“މީޑިއާ ގެންގޮސް ޖަލަކަށް ނޫން. އުލުބައިންދަންވަނީ. އުލުބައިންދަންވީ.” ދައުރުން ބޭރުގައި އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ފަލާހު ވިދާޅުވިއެވެ.

ނޫސްވެރިން އުލުބައިންދަން ފަލާޙް ގޮވާލުމުން އެކަމާ ދެކޮޅަށް ބަސް ބުނުމަށް ކުރީގެ ނޫސްވެރިން ކަމަށްވާ، މިހާރުގެ މިނިސްޓަރ ޚަލީލާއި، މިނިސްޓަރ އަސްވާޑު މިއަދު ވަނީ ދެކޮޅު ހައްދަވާފައެވެ.

އަދި ފަލާހުގެ ވާހަކަތަކާ ދެކޮޅަށް ބަސް ވިދާޅުވި ސްޕޯޓްސް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އިބްރާހިމް ސައީދު (ކޭޑު) މިއަދު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު