ކުރީގެ ނައިބުރައީސް އަހްމަދު އަދީބުގެ މައްސަލަތައް ބާޠިލްކުރި ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލް ރަޝީދުގެ، ސަސްޕެންޑްގެ މުއްދަތު ހަމަވެގެން ދިޔައިރުވެސް ޖޭއެސްސީއަށް މިކަމުގައި ގޮތެއް ނިންމިފައި ނުވާކަމަށްބުނެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ޖޭއެސްސީއަށް ފާޑުވިދާޅު ވެއްޖެއެވެ.

ޖޭއެސްސީގެ މަސައްކަތްތައް އެކަށީގެންވާ ގޮތަށް ނުކުރެވޭތީއާއި، ޤާނޫނީ އިމުން ބޭރުން ބައެއް ކަންކަން ކުރަމުންދާތީއާއި، ބާރާއި ނުފޫޒު ބޭނުންކޮށްގެން ކަންކަން ނިންމަމުންދާ ކަމަށް ތުހުމަތު ކުރާ މައްސަލާގައި ޖޭއެސްސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ހައިލަމް ވިދާޅުވީ ޖޭއެސްސީން ބަލަމުންދާ މައްސަލަތައް ކަނޑައަޅާ ތާރީހުތަކަށް ނުނިމި ދިގުލައިގެން ދިއުމަކީ މިއަދު އާންމުވެފައިވާ ކަމެއްކަމަށެވެ.

ޤާޟީ އިސްމާއިލް ރަޝީދުގެ މައްސަލަ ބެލުމަށް ކަމަށްބުނެ އޭނާ ދެ މަސް ދުވަހަށް ސަސްޕެންޑްކޮށް ގޭގައި ބަހައްޓައިގެން އުޅޭތާ ދެމަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް ޖޭއެސްސީއަށް މިކަމުގައި ގޮތެއް ނިންމިފައި ނުވާކަމަށް ހައިލަމް ވަނީ ވިދާޅުވެފަ އެވެ.

"ޤާޟީ އިސްމާޢީލް ރަޝީދުގެ 60 ދުވަހުގެ ސަސްޕެންޝަންގެ މުއްދަތު މިއަދަށް ހަމަވިއިރު އަދިވެސް ޖޭއެސްސީއަށް އެ މައްސަލާގައި ގޮތެއް ނިންމޭ ވަރެއް ނުވި." ހައިލަމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ކުރީގެ ނައިބުރައީސް އަހްމަދު އަދީބުގެ މައްސަލަތައް ބާޠިލްކުރި ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލް ރަޝީދު، 2 މަސްދުވަހަށް ސަސްޕެންޑްކޮށްފައި ވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހުގަ އެވެ. ޖޭއެސްސީއިން ބުނެފައިވަނީ ޤާޟީ އިސްމާޢީލް ރަޝީދު ސަސްޕެންޑްކުރީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފާޅުކަންބޮޑު ގޮތެއްގައި ކަނޑައެޅިގެން ޚިލާފަށް އޭނާ ޢަމަލުކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެކޮމިޝަނުން ތަޙްޤީޤުކުރަމުންދާތީކަމަށެވެ.

މިފިޔަވަޅު އެޅުއްވީ، އެމައްސަލައިގެ ބާވަތަށާއި، އެމައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ހެއްކަށާއި، މި މައްސަލަ ތަޙުޤީޤުކުރާއިރު ޤާޟީ އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަޙުޤީޤުކުރުމަށް އެޅިދާނެ ހުރަހަކަށާއި ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށްކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

މި މައްސަލާގައި ޤާޟީ އިސްމާޢީލް ރަޝީދު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކުރެއްވިކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކުގެ ތަފްޞީލް މިމައްސަލަ ތަޙްޤީޤުކޮށް ނިމުމުން ޢާންމުކުރައްވާނެކަމަށްވެސް ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން