ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

ރޭ މެންދަމު 1:25 ގައި ނިޔާވީ މިމީހާއަކީ ޢުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް އެޗްއީއޯސީން ހާމަކޮށްފައިވެ އެވެ. މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 34ވަނަ މީހާއެވެ. މިބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 27 ދިވެއްސަކާއި 7 ބިދޭސީންނެވެ.

އެންމެފަހުން މިބަލީގައި ރާއްޖެއިން މީހަކު ނިޔާވީ މިމަހުގެ 31ވަނަ ދުވަހުއެވެ. މިއީ މިމަހުގެ މިހާތަނަށް ކޯވިޑުގައި ނިޔާވި 3 ވަނަ މީހާއެވެ. ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1424 އަށް އަރާފައިވާއިރު 686 މީހަކު މިހާރުވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންދެއެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 107 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ށ. ފުނަދޫގައި 2 މީހަކަށާއި، ގއ.ވިލިނގިލީގައި 2 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

އެޗް.ޕީ.އޭއިން ބުނީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 24 ރަށަކުންނާއި، 26 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. އެގޮތުން އަތޮޅުތަކުން 36 މީހަކަށާއި، 14 ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ބުނެފައިވެއެވެ. އަދި ރިސޯޓުތަކުން 15 ފަތުރުވެރިއަކާއި، 39 މުވައްޒަފަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެ އެޖެންސީން ހާމަކޮށްފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް 19 އަށް 9724 މީހަކު ވަނީ ޕޮޒިވްވެފައެވެ. ބަލިން ރަނގަޅުވެފައިވަނީ 8261 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން