އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރޭ ބޭއްވި ކަންމަތީ އެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެ އެކަމުގެ ސަބަބުތައް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކިޔައިދެއްވައިފިއެވެ. މިގޮތުން އޭނާ ވިދާޅުވި ފުރަތަމަ ސަބަބަކީ ގާނޫނުއަސާސީ ފުނޑާލުން ކަމަށެވެ. ދެވަނަ ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީސް ހިސޯރުކޮށް، އެތަން ރައީސުލްޖުމްހޫރިއްޔާގެ "އަތްދޮށަށްލައި ބޮޓުންގެ މަޖިލީހަކަށް" ހެދުން ކަމަށެވެ.

މެންބަރު މައުރޫފު ޒާކިރު ނުހަނު ޖޯޝުގައި ވާހަކަދައްކަވަމުން، މުޅި ޝަރުޢީ ނިޒާމުވެސް ފުނޑުފުނޑުކޮށްލާފައިވާ ކަމަށާއި، މިއީ ހަގީގަތެއް ކަމަށް ރައްޔިތުން ގަބޫލުކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން، ކުދި އަދި މެދުފަންތީގެ ހުރިހާ ވިޔަފާރިއެއް ފުނޑާލައި، ދިވެހި ރައްޔިތުން ބަނޑަށް ޖައްސާފައިވާކަމަށް ވެސް އޭނާގެ ވާހަކައިގައި ވިދާޅުވިއެވެ.

"ކަރަންޓު ބިލު އިންތިހާއަށް އަގުބޮޑުކޮށްފި. ރައްޔިތުން އެތިބީ މަގުމަތިވެފައި. ރަށްރަށުގެ ރައްޔިތުން އެތިބީ ބިކަވެފައި. މިއީ ހަގީގަތް. ގޮސް ބައްލަވާ. ރާއްޖެޓީވީން ގެންނަ ޕްރޮގްރާމެއް އޮންނާނެ، އަޅުގަނޑު ހަނދާންނެތިގެން މިއުޅެނީ ނަން. 'ހާލުބެއްލެވުން' ޕްރޮގްރާމް. އެ ޕްރޮގްރާމް ތިބޭފުޅުން ބައްލަވާލެއްވީމާ ރަށްރަށުގެ ރައްޔިތުން ހިތްހަމަނުޖެހިފައި ތިބި މިންވަރު ފެންނާނެ. މިވެރިކަން އަޅުގަނޑުމެން ބަދަލުކުރަން ނުކުންނަންޖެހެނީ އެހެންވެ،" މައުރޫފު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ "މުނާފިގުކަން" ކަމަށް ސިފަކުރައްވައި މައުރޫފު ވިދާޅުވީ، ކޮންމެ ތަނެއްގައި ރީތިކޮށް ވާހަކަދައްކަވައި "ތިމަންނާ މިއައީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރާށޯ" ވިދާޅުވެ، ރައްޔިތުން ރަނގަޅަށް ބަލައިގަންނަމުން އައި ޑިމޮކްރެސީގެ ހަމަތަކުން ހިނގަމުން އައި ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލާފައިވާ ކަމަށެވެ. އަދި މުޅި ދިވެހިރާއްޖޭގައި ގުދުރަތީ ގޮތުން ބެހިފައި އޮތް އަތޮޅުގެ ނިޒާމު ފުނޑާލައި، އަތޮޅު ކައުންސިލް އުވާލައި، އަނެއްކާ ކޮންމެ އަތޮޅަކަށް އަތޮޅުވެރިޔެއް ލާން ނިންމާފައިވާ ކަމީ ލާމަރުކަޒީ ނިޒާމާ ހިލާފު ކަމެއް ކަމަށް ވެސް މެންބަރު މައުރޫފު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު