ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމަށް ދައުލަތުން ސްޕްރީމް ކޯޓުގައި އެދުނު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

މިއަދު އޮތް ފަހު އަޑު އެހުމުގައިވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ މިމައްސަލާގައި ދައުލަތާއި، ފުލުހުންނާއި ދައުވާ ރައްދު ކުރާ ފަރާތަށްވެސް ގިނަ ސުވާލުތަކެއް ކުރިމަތި ކޮށްފައެވެ. މިއަދުގެ އަޑު އެހުމުގައި ދައުލަތުން ވަނީ މިމައްސަލާގައި އެދުނު ގޮތަށް ހުރިހާ އެކައުންޓްތައް ފްރީޒް ކުރަން އެދިފައެވެ. އަދި 8 އެކައުންޓުގައިވެސް ހުރި ފައިސާ ރޯލް ކުރުމުން އެ ފައިސާތަކާއިމެދު ސުވާލު އުފެދޭކަމަށް ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިސް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރައީސް ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާތަކުގެ މައްސަލަ ތަހުގީގް ކުރަމުންދޭތޯ ސުވާލު ކުރައްވާފައެވެ. ފުލުހުން ވިދާޅުވީ މިހާރުވެސް ރައީސް ޔާމީންގެ އަށް އެކައުޓެއްގައި ހުރި ފައިސާތަކުގެ ދެ މައްސަލައެއް ތަހުގީގް ކުރަމުންދާކަމަށެވެ. ނަމަވެސް އެއީ ކޮން ދެ މައްސަލައަކާއި ގުޅުންހުރި ފައިސާތަކެއް ކަމެއް ފުލުހުން ވިދާޅު ވެފައި ނުވެއެވެ.

ފުލުހުންގެ މިވާހަތަކާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ ފުލުހުން އެހެން ވިދާޅުވި ނަމަވެސް އެއްވެސް ބޭންކެއްގައި ހުރި އެމަނިކުފާނުގެ ފައިސާތަކުގެ ތަހުގީގެއް ނުކުރައްވާކަމަށެވެ. ނަމަވެސް ފުލުހުން ވަކި މައްސަލައަކާއި ގުޅިގެން ވަރަށް ޖެނެރަލް ތަހުގީގެއް ހިންގަމުންދާކަމަށާއި، ވަކި ކަމާއި ގުޅިގެން އެއްވެސް އެކައުންޓެއްގައި ހުރި ފައިސާގެ ތަހުގީގެއް ފުލުހުން ހިންގަމުން ނުދާކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ޙުސްނުއްސުޢޫދުވަނީ ދައުލަތުގެ ވަކީލުންނާއި އަދި މިމައްސަލަ ތަޙްޤީގުކުރި އިންވެސްޓިގޭޝަން އޮފިސަރުންނާއިވެސް ސުވާލު ކުރަށްވާފައެވެ. އެގޮތުން ޝަރީއަތާއި ހިއްސާކުރެއްވި މައުލޫމާތުން ހިފަހައްޓަން ބޭނުންވާ ފައިސާ ނުވަތަ ދައުލަތަށް ލިބެނެޖެހޭކަމަށް ތުހުމަތުކުރެވޭ ފައިސާއަކީ އެއް މިލިއަން ޑޮލަރުކަން ޔަގީންވެފައިވާއިރު އެއަށްވުރެ ބޮޑު އަދަދެއް ފްރީޒްކުރަން އެދުނީ ކީއްވެތޯވެސް ފަނޑިޔާރު ޙުސްނުއްސޫޢޫދު ވަނީ ސުވާލު އުފައްދަވާފައެވެ.

މިއަދުގެ އަޑުއެހުމުގައިވެސް މިމައްސަލާގައި ދަޢުލަތާއި މައްސަލަ ރައްދުވާ ފާރާތުން އިސްތިއުނާފާއިގުޅޭ ނުކުތާތައް ހާމަކުރެއްވުމުން މައްސަލަބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިސް ފަނޑިޔާރު ޙުޞްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަަދުވަނީ ދަޢުލަތަށް ސުވާލުތަކެއް އަމާޒުކުރައްވާފައެވެ. މިއަދުގެ އަޑު އެހުމަށްފަހު ދެން މިމައްސަލާގައި އޮންނާނީ ހުކުމް ކުރާ އަޑުއެހުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން