ކޯވިޑް-19 އާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި މެދުކަނޑާލާފައިވާ "ޤާނޫނީ ވަކީލުންނާ ބައްދަލުވުން ހަމަޖެއްސުމާ ގުޅޭ އުސޫލު" ގެ ދަށުން ޤާނޫނީ ވަކީލުން ޖަލަށް ޒިޔާރަތްކޮށް، ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަ ޖައްސައިފި އެވެ.

ކަރެކްޝަނުން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވަކީލުންނާ ބައްދަލުވުން ހަމަޖެއްސުމާ ގުޅޭ އުސޫލު ގެ ދަށުން ޤާނޫނީ ވަކީލުން ޖަލަށް ޒިޔާރަތްކޮށް، ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރުން މެދުކަނޑާލާފައިވާ އޮތް އޮތުން ނިމުމަކަށް ގެނެސް މާދަމައިން ފެށިގެން އެ ފަރާތްތަކުގެ ޤާނޫނީ ވަކީލުން ޖަލަށް ޒިޔާރަތްކޮށް، ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ވާކަމަށެވެ.

އަދި މާފުށީ ޖަލަށާއި އައްސޭރި ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކުން އެޗް.ޕީ.އޭ އިން ނަގަންޖެހޭ ހުއްދަ ނަގަންޖެހޭނީ އެފަރާތަކުން އަމިއްލައަށް ކަމަށާއި ޖަލަށް ޒިޔާރަތްކުރުމުގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށްވެސް ކަރެކްޝަނުން ވަނީ އަންގާފައެވެ.

މީގެ އިތުރުން ވީޑިއޯ އަދި ފޯނު ކޯލް މެދުވެރިކޮށް ބައްދަލުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ އުސޫލާ އެއްގޮތަށް ޖަލުގައި ތިބި ފަރާތްތަކާ ޤާނޫނީ ވަކީލުން ބައްދަލުކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެއްވެސް ޖަލަކުން ކޮވިޑް-19 ގެ ކޭސްއެއް ފެނިއްޖެ ނަމަ ޖަލަށް ޒިޔާރަތްކޮށްގެން ބައްދަލުކުރުމުގެ އިންތިޒާމް މެދުކަނޑާލެވޭނެ ކަމަށްވެސް ކަރެކްޝަނުން ހާމަކުރެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން