ރައީސް ޔާމިން
ރައީސް ޔާމިން
މޮނީޓަރިން އަމުރެއް ނެތި އެކައުންޓްތަކުގެ މައުލޫމާތު ފުލުހުންނަށް ނުހޯދޭނެކަމަށާއި އެކަން ފުލުހުން ކުރީ ގާނޫނާއި ޚިލާފަށް ކަމަށް ކުރީގެ ރައީސް އަބުދު ﷲ ޔާމިން މިއަދު ވިދާޅުވެއްޖެއެވެ.

 ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކު އެކައުންޓުތައް ދޫކޮށްލަން ހައިކޯޓުން ކުރި ހުކުމާއި ގުޅިގެން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ، އެމަނިކުފާނުގެ ހުރިހާ އެކައުންޓްތަކެއް ފްރީޒުކުރި ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. އޭސީސީ އިން އަންގައިފައިވަނީ އިސްލާމިކް ބޭންކްގެ އެކައުންޓެއްގައި ހުރި ފައިސާތަކެއްގައި އެކަނި އަތް ނުލުމަށް ކަމަށާއި އެގޮތުގެ މަތިން އެ އެކައުންޓްގައި އަތްލާފައިނުވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ތުހުމަތު ކުރެވެނީ އެއް މިލިއަން ޑޮލަރަށް ކަމަށްވާއިރު އެ އެއް މިލިއަން ޑޮލަރު ދައުލަތުގެ އިދާރާއިން އެންގި ގޮތަށް އެ ހުރީ ބަހައްޓާފައި ކަން ރައީސް ޔާމިން ފާހަގަކުރެއްވިއެވެ. އޭގެ ތަހުގީގު ފުލުހުންނަށް ކުރިއަށް ގެންދެވޭނެ ކަަމަށާއި، އެހެން ނަމަވެސް އޭގެ ބޭރުން ދަތުރުކޮށް އެމަނިކުފާނުގެ ހުރިހާ އެކައުންޓެއް ބެލުމުގެ ގާނޫނީ ހަމައެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.  ރައީސް ޔާމީން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ އެއިން ލޫޕްހޯލްތައް ނަގައިގެން ދައުލަތުން އަމަލު ކުރަން ޖެހޭ ގާނޫނެއް ނޫން ކަމަށެވެ.

އެއީ ތުހުމަތުވާ މީހާގެ ގިނަ ހައްގުތަކެއް ބަޔާންކުރާ ގާނޫނަކަށްވާއިރު ގާނޫނުގައި ބުނާ ފަދައިން މޮނީޓަރިންގެ އަމުރެއް ނެތި، އެމަނިކުފާނުގެ އެކައުންޓްތައް ބަލައި، އެ ފްރީޒު ކުރަން އަމުރު ނެރުމަކީ ގިނަ ހައްގުތަކެއް ގެއްލޭ ކަމެއް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އެމަނިކުފާނު، ވިދާޅުވީ ބޭންކިން ގާނޫނުގައި ބުނާ މައުލޫމާތުތަކެއް ލިބުނު ނަމަވެސް މޮނީޓަރިން އަމުރެއް ނެތި އެކައުންޓްތަކުގެ މައުލޫމާތު ފުލުހުންނަށް ނުހޯދޭނެ ކަމަށެވެ. އެ އަމުރު ނެތި ހޯދި މައުލޫމާތުތައް ފުލުހުން ހޯދައި އެ މައުލޫމާތު އާންމުކޮށް އިއުލާންކުރި ކަމަށާއި އޭގެ ސަބަބުން ލިބުނު ގެއްލުން ބުނެދޭން ވެސް ނޭނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެކައުންޓްތައް ފްރީޒު ކުރާއިރު ތުހުމަތެއް އޮންނަން ވާނެ ކަމަށާއި އެކަން ތަހުގީގަށް ވެސް އެނގެން ޖެހޭނެ ކަމަށެވެ. އަދި، ތުހުމަތެއް އޮތްކަން އެކައުންޓްގެ ވެރިފަރާތަށް ވެސް އެނގެން ޖެހޭނެ ކަމަށެވެ. އެހެން ވިދާޅުވެ ރައީސް ޔާމީން ވަނީ އެމަނިކުފާނު އިސްލާމިކް ބޭންކްގެ ތެރެއިން ހިންގެވި މުއާމަލާތަކީ މަނީ ލޯންޑްރިން ނޫންކަން ސާބިތު ކުރެއްވުމަށް ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. 

އެސްއޯއެފުން އެއް މިލިއަން ޑޮލަރު، އިސްލާމިކް ބޭންކްގައި އޮތް އެމަނިކުފާނުގެ އެހެން ސޭވިންގ އެކައުންޓަކަށް ޖަމާކުރީ 2017 ވަނަ އަހަރު ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އޭރު އެ ފައިސާއާމެދު ތުހުމަތެއް ނެތް ކަމަށާއި އޭސީސީއިން ވެސް އެހެން އަންގާފައިވާ ކަމަށް ޔާމިން ވިދާޅުވިއެވެ. އެމަނިކުފާނުގެ ފައިސާތަކެއް އިންވެސްޓްކުރާނެ ގޮތާއި އަމަލު ކުރާނެ ގޮތް އެނގޭނީ އެމަނިިކުފާނަށް ކަމަށާއި ތުހުމަތެއް ނެތް ފައިސާއެއް ބޭނުން ކުރެއްވޭނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެެވެ.

އޭގެފަހުން އެ ފައިސާއާމެދު ތުހުމަތެއް އުފުލުނުއިރު ފައިސާތައް ހުރީ އެ އެކައުންޓަށް ޖަމާކޮށްފައި ކަމަށާއި އެހެންވެ އެހެން އެއް މިލިއަން ޑޮލަރު، އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓަށް  އޭސީސީއަށް ވެސް އެނގިގެން ޖަމާކުރެއްވީ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ދައުލަތަށް ބޭނުންވާ އެއް މިލިއަން ޑޮލަރު މިހާރު ވެސް އެ ހުރީ ދައުލަތަށް ނެގޭ ގޮތަށް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މުއާމަލާތްތަކަކީ ފައިސާގެ އަސްލު އޮޅުވާލުން ނޫން ކަމަށެވެ. އެމަނިކުފާނުގެ އެއް އެކައުންޓުން އެއް ބޭންކެއްގައި އޮތް އަނެއް އެކައުންޓަށް ފައިސާ ޖަމާކުރުން އަސްލު އޮޅުވާލުން ކަމަށް ނުވާ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ މަނީ ލޯންޑްރިންއަކީ އެންމެ މުއާމަލާތެއް ނޫން ކަމަށެވެ. އެއީ ދެމިގެންދާ ވިޔަފާރިއެއް ކަމަށާއި، ގާނޫނާ ހިލާފަށް ހޯދާ ފައިސާ، ނެރެ ލޯންޑާކޮށް އަސްލު އޮޅުވާލައި އެއީ އެތައް ފަހަރަކު ކުރާ އަމަލެއް ކަމަށް ޔާމިން ވިދާޅުވިއެވެ.

އިސްލާމިކް ބޭންކްގައި ހުރި އެއްވެސް އެކައުންޓަކުން އެހެން ބޭންކެއްގައި އޮތް އެކައުންޓަކަށް އަދި އެހެން ބޭންކް އެކައުންޓަކުން އިސްލާމިކް ބޭންކްގެ އެކައުންޓަކަށް ފައިސާ ބަދަލުކޮށްފައިނުވާނެ ކަމަށް ރައީސް ޔާމިން ތަކުރާރުކޮށް ވިދާޅުވިއެވެ. އެމަނިކުފާނު، ވިދާޅުވީ ބޭންކްތަކުން ފައިސާ ނެރެގެން ފައިސާގެ އަސްލު އޮޅުވާލަން ކުރި މަސައްކަތެއް ނޯންނާނެ ކަމަށެވެ.

އެމަނިކުފާނުގެ ހުރިހާ ފައިސާއެއް ވެސް އެވަނތް ބޭންކްތަކުގައި އެ ހުރީ ކަމަށް ޔާމިން ވިދާޅުވިއެވެ. ޕީޖީގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ އެއް ބޭންކުން އެއް އެކައުންޓުން އަނެއް އެކައުންޓަށް ޖަމާކުރުމަކީ ފައިސާގެ އަސްލު އޮޅުވާލުން ނޫން ކަމަށް ބުނާ ބުނުމަކީ ހަގީގަތެއް ނޫން ކަމަށެވެ. އެއް ބޭންކެއްގެ ތެރޭގައި ވެސް ފައިސާގެ އަސްލު އޮޅުވާލުމުގެ އަމަލު ހިންގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އޭސީސީއާއެކު އެސްކްރޯ އެކައުންޓްގެ އެއްބަސްވުމަށް ދިޔައިރު ވެސް އެއް މިލިއަން ޑޮލަރުން މަންފާ ހޯއްދަވަމުން ގެންދެވި ކަމަށާއި އެއްބަސްވީއިރު ވެސް އެ ފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމަށެވެ. އަދި އިސްލާމިކް ބޭންކްގެ އެކައުންޓްތަކުގައި ހުރި ފައިސާ އާއި ބީއެމްއެލްގެ އެކައުންޓްގައި ހުރި ފައިސާ އެއްކޮށް އޭގެން މަންފާ ހޯދުމަށް މަސައްކަތް ކުރައްވާފައިވާކަން ވެސް މިހާރު ތަހުގީގަށް ހާމަވާ މައުލޫމާތުތަކުން އެނގޭ ކަމަށް ވަކީލް ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ތަހުގީގު ކުރި ފުލުސް އޮފިސަރު ވިދާޅުވީ، ރައީސް ޔާމީންގެ މިލްކިއްޔާތުގެ ތެރެއިން ޝައްކު އުފެދުނީ ސަތޭކަ މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާއަށް ކަމަށެވެ. އަމުރަށް އެދުނުއިރު ބޭންކް ސްޓޭޓްމެންޓްތައް ހުށަހެޅި ކަމަށާއި އެހެންވެ އެ އަދަދުތައް ހުންނާނެ ކަމަށާއި، އަމުރަށް އެދުނު ފޯމްގައި ފައިސާގެ އެއްވެސް އަދަދެއް ހިމަނާފައެއް ނުވާނެ ކަމަށެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވީ އެހެންކަމުން މި މަރުހަލާގައި އާ ތަފްސީލްތަކެއް ބަލައިގަތުން ދަތި ކަމަށެވެ. އެ ފުރުސަތު ފުލުހުންނަށް ދީފައެއް ނުވެއެވެ. މިއަދުގެ އަޑުއެމުގައި އެމައްސަލައިގެ އަޑުއެހުންތައް ނިއްމާލި ކަން ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާންކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން