ތިން ގާނޫނަކަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް، މިއަދު ތަސްދީގު ކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލާއި ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް ފަސްވަނަ އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލެވެ. މި ގާނޫނުތަކަށް އިސްލާހު ގެނެސްފައިވަނީ މި ސެޕްޓެންބަރު މަހުގެ ހަވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިންނެވެ.

ރައީސް ތަސްދީޤްކުރެއްވި އިޞްލާޙުގެ ބިލުތަކުގައި ވަނީ، އެ ކޮމިޝަންތަކުގެ ރައީސާއި މެންބަރުންގެ މަސްއޫލިއްޔަތުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އަދި ނުފޫޒެއްނެތި މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް ކުރިއަށްވުރެ ބޮޑަށް މި އިޞްލާޙުގައި ބާރުއަޅައި، މި ކަމަށް ޙާއްޞަ ކުރައްވައިގެން މާއްދާއެއް އިތުރުކޮށްފައިވެއެވެ. ހަމައެއާއެކު، ކޮމިޝަންގެ ޖަމާޢީ ސުލޫކީ ހަމަތަކަށާއި، މެންބަރުންގެ ޒާތީ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ވެސް މި އިޞްލާޙުގައި ބާރުއަޅައެވެ.

މީގެ އިތުރުން ކޮމިޝަނުގެ މެންބަރުންގެ މާލީ ހިސާބު ހުށަހެޅުމަށާއި، އިތުރު ވަޒީފާ އަދާނުކުރުމަށާއި، މަޞްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް މި އިޞްލާޙުގައި ބާރުއަޅައެވެ. މިގޮތުން، ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް ތަފުސީލުކޮށް މި އިޞްލާޙުގައި ފާހަގަކޮށްފައިވެއެވެ. އަދި، ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރެކޯޑުތައް ބެލެހެއްޓުމަށް ވެސް މި އިޞްލާޙުގައި އިތުރުކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލުތައް ތަސްދީޤުކުރެއްވުމާއި ގުޅިގެން ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. ހަމައެއާއެކު، މިއަދުން ފެށިގެން މި ޤާނޫނުތަކަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން