ރައީސް އިބްރާހިމް މުހަންމަދު ސޯލިހް
ރައީސް އިބްރާހިމް މުހަންމަދު ސޯލިހް
ދިވެހިރާއްޖެއިން އަބަދުވެސް ޔޫއެންގެ ޗާޓަރގައި ހިމެނޭ މުހިންމު ކަންތައްތައްތަކަށް ބޯލަބާނެކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ މެންބަރު ގައުމަކަށް ދިވެހިރާއްޖެ ވީފަހުން 55 އަހަރު ފުރުން  ފާހަގަކުރުމުގެ ގޮތުން ފޮނުއްވި މެސެޖެއްގައެވެ. ރައީސް އިބްރާހީމް ފޮނުއްވި މެސެޖްގައި ވިދާޅުވީ، 26 ޖުލައި 1965 ވަނަ އަހަރު މިނިވަންކަން ލިބުމާއެކު، ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެވޭނޭ ކަމާމެދު ބޭރު ދުނިޔެއިން ޝައްކު ކުރަމުން ގެންދިޔަ ކަމަށެވެ. އެހެންނަމަވެސް، ރާއްޖެއިން ޔޫއެންގެ މެންބަރު ގައުމަކަށް ވުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ޔޫއެންގެ މެންބަރުކަން ސެކިއުރިޓީ ކައުންސިލުން ރާއްޖެއަށް ދިންކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.



ރައީސް ވިދާޅުވީ ޔޫއެންގެ މެންބަރު ގައުމެއްގެ ގޮތުގައި 55 އަހަރު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު އުފަލެއްކަމަށާއި ސެކިއުރިޓީ ކައުންސިލްގެ އެ ނިންމުން އަބަދުވެސް ރާއްޖެއިން ބަލައިގަންނާނޭ ކަމަށެވެ. ފާއިތުވި 55 އަހަރުގެތެރޭގައި ރާއްޖެއަށް ލިބުނު ކުރިއެރުންތައް ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ރާއްޖެއަކީ ކުދި ގައުމުތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި އެއް ގައުމުކަމަށެވެ.

އެގޮތުން، ބޭރުގެ އެހެން ގައުމުތަކާއި ގުޅިގެން މޫސުމީ ބަދަލުތަކާއި، ކޮވިޑް-19 ފަދަ މުހިންމު ކަންތައްތަކުގައި ރާއްޖެއިން އިސްނަގައިގެން މަސައްކަތް ކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަށް ލިބުނު ކޮންމެ ފުރުސަތެއްގެ ބޭނުންވެސް ހިފާފައިވާކަމަށާއި، ޔޫއެންގެ އިންސާނީ ހައްގުތައް ރައްކާތެރިކުރާ ކައުންސިލްގެ މެންބަރުކަން 2 ފަހަރު ކުރުމަކީ އޭގެ މިސާލެއް ކަމަށް ރައީސް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.  މި އަހަރަކީ ޔޫއެން އުފެދުނުތާ 75 އަހަރުވެސް ފާހަގަކުރާ އަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން