އިންޑިއާ ކާގޯ ފެށީގެ ޚިދުމަތް މިއަދު ވަނީ ރަސްމީ ކޮށް ފަށާފައި
އިންޑިއާ ކާގޯ ފެށީގެ ޚިދުމަތް މިއަދު ވަނީ ރަސްމީ ކޮށް ފަށާފައި
އިންޑިއާ އާއި ރާއްޖެ އާއި ދެމެދުގައި މިއަދު ފެށި ކާގޯ ފެރީގެ ޚިދުމަތުގެ ސަބަބުން އިޤްތިސާދީގޮތުން މުޅިން އާ ހަރުފަތަކަށް ރާއްޖެއަށް ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ފުރަތަމަ ދަތުރު އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވީ މިއަދު މި ފެށުނީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ތެރެއިން މުހިންމު މަސައްކަތެއްކަމަށެވެ. އެގޮތުން މިއީ މާލެއަށް ބަރޯސާވުން ކުޑަކޮށް، އަތޮޅުތަކުގެ ރަށްތަކަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމަށް ފަށާ މަސައްކަތެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޚާއްސަކޮށް އިޤްތިސާދީގޮތުން މުޅިން އާ ހަރުފަތަކަށް ރާއްޖެއަށް ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ. އަދި މިއީ ދެ ޤައުމުގެ ވިޔަފާރިގެ ގުޅުން އިތުރަށް ބަދަހިވެ، މެރިޓައިމް ދާއިރާ ފުޅާކުރުމަށްވެސް ހުޅުވިގެން ދިޔަ ދޮރެއްކަމަށް މިނިސްޓަރު ނަހުލާ ފާހަގަކުރެއްވިއެވެ.

"މިގޮތަށް ވަކި ޤައުމަކުން ސީދާ އަތޮޅުތަކުގެ ރަށަކަށް މުދާ އެތެރެކޮށް ބޭރުކުރެވޭގޮތަށް ފެށި ފުރަތަމަ ޚިދުމަތް މި ފެށުނީ. އުންމީދަނީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް މިފަދަ އިޤްތިސާދީ ފަހިގޮތްތައް ހޯދައިދިނުން." ނަހުލާ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް ފޮނުވުމުގެ ފުރުސަތު ފުޅާ ދާއިރާއެއްގައި ލިބޭނެ ކަމަށާއި، އަދި އިންޑިއާ މެދުވެރިކޮށް ޔޫރަޕަށް އެކްސްޕޯޓްކުރުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ. އަދި ހެޔޮއަގުގައި މުދާ އެތެރެކުރުމާއި، އައު ވިޔަފާރިތައް އުފެދި މުޅި އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޝިޕިންގ ސްރީ މަންސުޙް މަންދަވިޔާ ވިދާޅުވީ މިފެށި ޚިދުމަތަކީ މުޅިން އަލަށް ފެށުނު ޚިދުމަތަކަށް ވީނަމަވެސް، ކުރިއަށް އޮތްތާނގައިވެސް މި ދާއިރާ އިތުރަށް ފުޅާކުރުމުގައި އިންޑިއާއިން އެހީވާނެކަމަށެވެ. ކާގޯ ފެރީގެ ޚިދުމަތް ފެށިގެން އަންނައިރު، އިންޑިއާއިން ވަނީ ޚިދުމަތް ސަބްސިޑައިޒްކޮށް 3މިލިއަން ޑޮލަރު ޚަރަދުކުރުމަށް ނިއްމާފައެވެ.

ޝިޕިންގ ކޯޕަރޭޝަން އޮފް އިންޑިއާގެ މި ބޯޓު ކުޅުދުއްފުއްޓަށް ބަނދަރުކުރާނީ މިމަހުގެ 26ވަނަ ދުވަހުއެވެ. އަދި 28 ގައި މާލެއަށް ބަނދަރުކުރާ ގޮތަށް ހަމަޖެހިފައިވާއިރު މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން