ނޭޕާލްގެ މުޒާހަރާތަކުގެ ތެރެއިން-
ނޭޕާލްގެ މުޒާހަރާތަކުގެ ތެރެއިން-
ނޭޕާލްގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޖަލާނާތު ޚަނާލްގެ ގޭގައި ހުޅުޖަހާ އަންދާލި ހާދިސާގައި އޭނާގެ އަނބިމީހާ ވެސް ފިހިގެން މަރުވެއްޖެއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެގައުމުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން، ގިނަ ބަޔަކު އެއްވެ ޗިޓްރަކާރު ގޭތެރޭގައި ތާށިކޮށް އެ އިމާރާތުގައި އަލިފާން ރޯކޮށްލުމާ ގުޅިގެންނެވެ.

އާއިލާއާ ހަވާލާދީ ރިޕޯޓުތަކުގައި ބުނީ ޗިޓްރަކާރުގެ ހާލު ސީރިއަސްވެ، ކިރްތީޕޫރު ބާން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ލިބުނު އަނިޔާތަކުގެ ސަބަބުން ފަރުވާ ދެނިކޮށް އޭނާ މަރުވެފައިވާ ކަމަށެވެ.

އެ ހާދިސާގާއި ކުރީގެ ބޮޑުވަޒީރު ޖަލާނާތު ޚަނާލަށް ވެސް އަނިޔާތަކެއް ލިބުނު ކަމަށް ރިޕޯޓުގައި ވެއެވެ. ނަމަވެސް އެކަން ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ސަރުކާރާ ދެކޮޅަށް ނޭޕާލްގައި ކުރަމުންދާ މުޒާހަރާތަކުގައި, ނޭޕާލުގެ ގާނޫނު ހަދާ މަޖިލީގާއި ބައެއް މިނިސްޓްރީތައް ހިންގާ ކަތުމަންޑޫގެ ސިންގް ދަރުބާރާއި ރިޔާސީ ގެކޮޅު ކަމަށްވާ ޝީޓަލް ނިވާސް ފަދަ ގައުމުގެ އެންމެ މުހިންމު ބައެއް އިމާރާތްތަކުގައި ވަނީ އަލިފާން ރޯކޮށްފައެވެ.

މި މުޒާހަރާތަކާ ގުޅިގެން ޕްރެޝަރު ބޮޑުވެ އެގައުމުގެ ބޮޑުވަޒީރާއި ރައީސް މިހާރު ވަނީ އިސްތިއުފާދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު