ދަރިވަރުންތަކެއް ސުކޫލަށް ހާޒިރުވަނީ
ދަރިވަރުންތަކެއް ސުކޫލަށް ހާޒިރުވަނީ
އަންނަ މަހު އޭލެވަލް އިމްތިހާން ފަށާއިރު ކޮވިޑް-19 އަށް ފައްސިވެފައި ތިބޭ ދަރިވަރުންނަށް ވެސް އިމްތިހާން ހޯލަށް ވަދެވޭވަރުގެ ހާލަތެއްގައި ތިބިނަމަ އޭލެވެލް އިމްތިހާން ހެދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފިއެވެ.

އެޗްއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހުސާން ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ ދަރިވަރުންނާއި، ކަރަންޓީން ކުރެވިފައިވާ ދަރިވަރުން އިމްތިހާނު ހެދުމަށް ވަކި ސެންޓަރުތަކެއް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 33 ސަރަހައްދެއްގައި މިއަހަރުގެ އިމްތިހާން ކުރިއަށް ގެންދިޔުމަށް ނިއްމާފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ.

"ރަށެއްގައި ކުއްޖަކު ޕޮޒިޓިވްވެއްޖެ ނަމަ އެކުއްޖަކަށް އިމްތިހާނު ފޯރުކޮށްދެވެނޭ ވަސީލަތްތައް ގާއިމްކުރުމަށް މިވަނީ ތައްޔާރުވެފައި، އެގޮތުން ކޮންމެ ރަށެއްގައި އެ ކުދިންނަށް ވަކިން ވަދެވޭގޮތަށް އެހެން ކުދިންނާއި މުޅިން ވަކިން އިމްތިހާން ހެދޭނެ ހޯލުތައް އަޅުގަނޑުމެން ވާނީ ކަނޑައަޅާފަ، ކަރަންޓީނުވާންޖެހޭ ދަރިވަރުން ވެސް އިމްތިހާނު ހަދަން ވަކި ހޯލެއް މިހާރު ވަނީ ގާއިމްކޮށްފައި." އިހުސާން ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ޕޮޒިޓިވްވާ ދަރިވަރުންނާއި ކޮންޓެކްޓްވެގެން ކަރަންޓީނުވާން ޖެހޭ ދަރިވަރުން އޭލެވެލް އިމްތިހާން ހެދުމަށް ދެ ހޯލެއް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އިމްތިހާން ހޯލަށް ހާޒިރުވާ ދަރިވަރުންގެ ޓެމްޕަރޭޗަރ ބެލުމާއި ގައިދުރު ކުރުން ފަދަ އެޗްޕީއޭގެ ގައިޑްލައިންގައި ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް އިހްސާން ވިދާޅުވިއެވެ. ދަރިވަރުންނާއި ކަރަންޓީންގައި ތިބޭ ދަރިވަރުންގެ އިމްތިހާނު ސެންޓަރުތަކަށް ގެންދިއުމުގެ އިންތިޒާމުތައް އެޗްއީއޯސީ އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށްދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން