ރައީސް އިބްރާހިމް މުހަންމަދު ސޯލިހް
ރައީސް އިބްރާހިމް މުހަންމަދު ސޯލިހް
ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔެއަށް މި ވަގުތު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމުގައި އ.ދ.ގެ ދައުރާއި، އެ ޖަމުޢިއްޔާގެ ޗާޓަރުގެ މުހިންމުކަން ވަރަށް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

އ.ދ.އަށް 75 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ވަރޗުއަލްކޮށް ބޭއްވި ޚާއްޞަ ޖަލްސާގައި ރައީސް އިބްރާހީމް ދެއްވި ޚިތާބުގައި ވިދާޅުވީ އ.ދ.އަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށެވެ. އެ ޖަމުޢިއްޔާގެ ގުނަންތަކުގެ ބޭނުން ރާއްޖެއިން ހިފަމުންދަނީ ބައިނަލްއަޤްވާމީ މުޖުތަމަޢާއިއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، މައްސަލަތަކާއި ދަތިތަކަށް ހައްލު ހޯދުމަށްކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، މޫސުމީ ބަދަލުތަކުން ފެށިގެން ނިރުބަވެރިކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާއި، ވިޔަފާރީގެ ދާއިރާގެ އިތުރުން ސަރަޙައްދީ ގުޅުންތައް ހަރުދަނާކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެ މަނިކުފާނުގެ ޚިޠާބުގައި އަލިއަޅުއްވައިލެއްވިއެވެ.

މި ވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތައްކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް ވިދާޅުވީ، މި ބަލިމަޑުކަމުން އަރައިގަތުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރާ އެކައްޗަކީ އ.ދ.ގެ ޗާޓަރު ކަމަށެވެ. އަދި، ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި ޢަމަލު ކުރަމުންދާ ސިޔާސަތުތަކަކީ، އެ ޗާޓަރުގައި އެކަށައަޅާފައިވާ އަސާސްތަކާއި އެއްމަގުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް ވިދާޅުވީ، މި ވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މަސައްކަތަކީ ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގެ ބުރަ މަސައްކަތް ކަމަށެވެ. އަދި މި ކަމުގައި ރާއްޖެ ފަދަ މި ބަލީގެ ނުރައްކާތެރިކަން ބޮޑެތި ޤައުމުތަކަށް، އެ ޤައުމުތަކުގެ އިޤްތިޞާދު ނަގަހައްޓައި ސިނާޢީ ދާއިރާތައް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ މުޖުމަތަޢުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ގައުމުތަކާއި ކޮނޑާ ކޮނޑުޖައްސަވާ އެކުއެކީގައި ބައިނަލްއަގުވާމީ އެކުވެރިންނާއެކީ މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން މިތިބީ ތައްޔާރަށް. ހަމަ މިފަދައިން މިހާރު ފެތުރެމުންދާ ބަލިމަޑުކަމާއި އަދި ކުރިއަށް ދިމާވެދާނެ ކަންކަމުން އަރައިގަތުމަށް ވެސް އެކުއެކީގައި މަސައްކަތް ކުރައްވަން ރާއްޖެއިން މިތިބީ ތައްޔާރަށް." ރައީސް ވިދާޅުވިއެވެ.

އަދި، މިކަމާއި، ދުނިޔެއަށް ކުރިމަތިވެފައިވާ މި ފަދަ އެހެނިހެން މައްސަލަތަކާއި ކުރިމަތިލައި، އެ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢާއި ގުޅިގެން މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް އ.ދ.ގެ ސަލާމަތީ މަޖިލީހުން ނިންމާފައި ވަނީ 1965 ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު ފާސްކުރި އެ މަޖިލީހުގެ ރިޒޮލޫޝަން 212 ގެ ދަށުންނެވެ. ދިވެހިރާއްޖެއަކީ އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ ދެ މަސް ފަހުންކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އ.ދ.ގެ މެންބަރު ޤައުމެއްގެ މަޤާމު ރާއްޖެއަށް ލިބުމަކީ، އަދި އެ މަޤާމުގައި ދެމިއޮތުމަކީ ރާއްޖެއަށް ލިބިފައިވާ ޝަރަފެއް އަދި ފަޚުރެއްކަމުގައެވެ.

ދިވެހިރާއްޖެއަށް ރަސްމީކޮށް އ.ދ.ގެ މެންބަރުކަން ލިބުނީ 1965 ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އ.ދ. ވުޖޫދަށް އައިސްފައިވަނީ 1945 ވަނަ އަހަރު އެމެރިކާގެ ސެންފްރެންސިސްކޯގައި ބޭއްވި ސެންފްރެންސިސްކޯ ކޮންފަރެންސްގައެވެ. އަދި، އެ ޖަމުޢިއްޔާގެ ޗާޓަރަށް އަމަލުކުރަން ފަށާފައި ވަނީ 1945 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން