ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދުނިޔޭގެ އެންމެ ބޮޑަށް ކޯވިޑް ފެތުރެމުންދާ ޤައުމުތަކަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ކަރަންޓީންނުވެ އޮފީސް މަސައްކަތަކަށް ނުކުންނެވުމުން ކޯވިޑްގެ ނުރައްކަލެއް ނެތްކަމަށާއި، ކޯވިޑްގެ ނުރައްކާ އޮތީ ރައްޔިތުންގެ ސަބަބުންކަމަށް ރާއްޖޭގެ ޚާރިޖީވަޒީރުކަމާއި ދައުލަތުގެ އިސް އެތައް މަގާމުތަކެއް ފުރުއްވާފައިވާ މުހައްމަދު ހުސެއިން ޝަރީފް، މުންދު ވިދާޅު ވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދިއުމަށް ފަހު އެނބުރި ގައުމަށް އައުމުން 14 ދުވަހު ކަރަންޓީނުގައި ހުންނަން ޖެހެއެވެ. ނަމަވެސް މިމަހުގެ 19 ވަނަ ދުވަހު މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އަމިއްލަފުޅު ކަމެއްގައި މިނިސްޓަރު ޝާހިދު ކުރެއްވި އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގަ އެވެ.

ޝާހިދު މި ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެން ކަރަންޓީންވުމެއްވެސް ނެތި ބޮޑެތި އިވެންޓްތަކުގައި ބައިވެރިވެ ވަޑައިގެން އޮފީސް މަސައްކަތަށް ނުކުމެ ވަޑައިގެން އުޅުއްވާތީ ގިނަބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިއާއިއެކު އެޗްޕީއޭއިން ވަނީ މިނިސްޓަރ ޝާހިދު ހިމާޔަތް ކުރަށްވައި އެކަމަށް ރަށްދު ދީފައެވެ. އެޗްޕީއޭއިން ބުނީ މިނިސްޓަރ ޝާހިދު އިވެންޓްތަކަށް ވަޑައިގެންފައިވަނީ އެޗްޕީއޭގެ ޚާއްސަ ހުއްދައެއްގެ ދަށުންކަމަށެވެ. ނަމަވެސް މިއީ ކޯވިޑް 19 ރާއްޖެއިން ފެނުނުފަހުން މިފަދަ ޚާއްސަ އިނާޔަތެއް ލިބުނު ފުރަތަމަ ބޭފުޅާކަން ފާހަގަ މޮށްލެވެއެވެ.

ޝާހިދުގެ ދަތުރާއި ގުޅިގެން މުންދު ވިދާޅުވީ ވަކި ބޭފުޅަކަށްވުމުން ކޯވިޑްގެ ނުރައްކާނެތިފައި ވަކި ބައެއްގެ ސަބަބުން ކޯވިޑްގެ ނުރައްކާ އޮންނަކަމަށް މިހާރު ސާފް ވެފައިވާކަމަށެވެ. އަދި ރާއްޖޭގައި ބަލީގެ ނުރައްކާ އޮތީ ރައްޔިތުން މަގުތަކަށް ނުކުންނާތީ އެކަނިކަމަށްވެސް މުންދު ވިދާޅުވިއެވެ.

"މިނިސްޓަރ ޝާހިދު. ކިހިނެއްތަ ހެއްދެވީ؟ 19 ސެޕެޕްޓެމްބަރުގަ ދެއްތޯ ޑުބާއީ މެދުވެރިކޮށް އެމިރޭޓްސް އިން އެނބުރި މާލެ ވަޑައިގަތީ؟ އަނެއްދުވަހު ހެނދުނު ތިޔަ ހުންނެވީ ބޭރުބަހުން ސަނާ ވިދާޅުވާން އޮފީހުގެ މީހުން އެއްކުރައްވައިގެން! ކޮވިޑް ނުރައްކާ އޮންނަނީ ރައްޔިތުން ނިކުމެ އުޅުނީމާ އެކަނިތޯ؟" މުންދު، ޝާހިދުއަށް ސުވާލަތަކެއް ކުރިމަތި ކުރައްވަމުން ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ޝާހިދު ވަޑައިގެންނެވި ޤައުމަކީ އިންތިހާއަށް ކޯވިޑް ފެތުރި ބަލީގެ ނުރައްކާތެރިކަން އޮތް ޤައުމެއް ކަމަށެވެ. އެތައް މިލިޔަން ބަޔަކަށް ބަލި ޖެހި ފަރުވާ ހޯދަމުންދާ އިރުވެސް އެޤައުމުން އެނބުރި ވަޑައިގެންނެވުމުން ކުޑަމިނުން ކަރަންޓީންވެސް ވާން ނުޖެހުމަކީ މިސަރުކާރުގެ ތަފާތު ކުރުން ހާމަވާ ކަމެއްކަމަށް މުންދު ވިދާޅުވޮއެވެ.

"އަނެއްކާ ތިޔަ ވަޑައިގަތީ އެއްގޮތަކަށްވެސް ކޯވިޑް ނެތް ތާކުން ވިއްޔާ! ބޮޑުބެ މެން ރަށުގައި ބަލި ޖެހުނީ އެންމެ 5.48 މިލިއަން މީހުންނަށް ވިއްޔާ. އެޗްޕީއޭ އިން އެކަމަށް ރިޢާޔަތް ކުރައްވާފަތާ އޮންނާނީ. ނިޔަތް ރަނގަޅު ވާނެއެއްނު." މަލާމާތުގެ ރާގަކަށް މުންދު ވިދާޅުވި އެވެ.

އިންޑިއާއިން ރާއްޖެއަށް ދޭން ނިންމި، 250 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 3.8 ބިލިއަން ރުފިޔާ) ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ބައެއް ވަޒީރުންނާއި އިންޑިއާ ސަފީރު އަދި ހައިކޮމިޝަންގެ ބައެއް އިސްވެރިން ވެސް މިހަފުލާގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އިދިކޮޅުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ޝާހިދު ރާއްޖެ ވަޑައިގެންނެވީ މިމަހުގެ 19 ވަނަ ދުވަހު ދުބާއީމަގުން އައި އެމިރޭޓްސް އެއާލައިންގެ ފްލައިޓެއްގައި ކަމަށެވެ. ނަމަވެސް ސްޓޭޓް ބެންކު އޮފް އިންޑިއާއަށް ޓްރެޒަރީ ބޮންޑް ވިއްކައިގެން ބޮޑު ލޯނެއް ނެގުމާއި ގުޅުންހުރި ރަސްމިއްްޔާތެއްގައި އެތަށް ބަޔަކާއެކު މިނިސްޓަރު ޝާހިދު ބައިވެރިވެ ވަޑައިގެންފައިވާ ކަކަށް އޮދިކޮޅުމް ނެރުނު ބަޔާނުގައި ވެއެވެ. މިއީ ރައްޔިތުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާ ޝާހިދު އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފުވެވަޑައިގަތުމަކީ އެތައް ބަޔަކު ނުރައްކަލަށް ހުށައެޅިފައިވާ ކަމެއް ކަމަށް އިދިކޮލޅުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


14

ޢަލީ

24-Sep-2020

މޮޔަފުޅުވީތޯ



ޓްރެންޑިން