ކޯވިޑް 19 ގައި ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ޖެހި ހިސާބުތަކާއިއެކު ބަލި ކޮންޓްރޯލްކޮށް އަދަދުތައް މަދު ކުރުމަށް ސިއްހީ ދާއިރާގެ މާހިރުންނާއި ކަމާބެހޭ އިދާރާތަކުން ދެއްވި އިރުޝާދުތަކަށް ގިނަ ރައްޔިތުން ފުރިހަމައަށް އިޖާބަ ދީ ބޯލަނބަމުން ދިއުމުގެ ނަތީޖާ، އަދަދުތަކުން މިއަދު މިވަނީ ފެންނަން ފަށާފައެވެ. މަހެއްހާ ދުވަސް ވަންދެން 200އާއި ކައިރީގައި ހުރި ފައްސިވާ މީހުންގެ އަދަދުތައް މިއަދު ދަށްވަމުން ދާކަމުގެ ހެޔޮ ނިޝާންތަކާއެކު ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް މިވަނީ ލިބެންފަށާފައެވެ. ކޯވިޑްގެ އަދަދުތަކުން މިއަދު ފެންނަން ފަށާފައިވާ މި ނަތީޖާ އެންމެ ފުރިހަމަ ވެގެން ގޮސް އެއް އަކުރުގެ އަދަދަކަށް ތިރިކޮށްލުމަށް މި ހާރު ތިޔަ ކުރައްވާ ހިތްވަރާއި ކެތްތެރިކަން އަދިވެސް އިތުރުކޮށްލައްވަނިކޮށް އެއީ ނުކުރެވޭނެ ކަމެއް ނޫންކަން އަޅުގަނޑުމެންނަށް މިވަނީ ކިތަންމެ ރަނގަޅަކަށްވެސް އެނގި ސާބިތުވެފައެވެ.

ކޯވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ މިދިޔަ މަހުގެ މެދު ތެރެއިން ފެށިގެން މިމަހުގެ 15 އާއި ހަމަޔަށް ވަރަށް ބޮޑަށް އުފުލިގެން ގޮސްފައެވެ. ކޯވިޑް-19ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން ރޭގަނޑު 10 އަކުން ފަތިހު 5 ޖެހުމާހަމައަށް ބޭރުތެރޭ އުޅުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.

އަދި މުޅީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މާސްކް އެޅުން މަޖުބޫރުކޮށް އެއްވުންތަކާއި، ކުޅިވަރުތަކާއި އެނޫންވެސް ގިނަ މީހުން އެއްވެ ބާއްވާ ކަންކަން ނުބޭއްވުމަށް ވަނީ އަންގާފައެވެ. ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މިކަމަށް ދެއްވި ފުރިހަމަ އިޖާބައާއި، ދެއްވި އެއްބާރުލުމުގެ ސަބަބުން މިއަދު އަނެއްކާވެސް ޞިއްހީ ބޭފުޅުންގެ އަންދާޒާ ތަކާއި އެއްގޮތަށް ބަލި ފެތުރޭ ނިސްބަތް މިވަނީ ވަރަށް ބޮޑަށް މަދު ކުރެވިފަ އެވެ.

ކޮންމެ ދުވަހަކު 100 އިން މަތީގައި ހުރި އަދަދުތައް މިހާރުދަނީ ވަރަށް ބޮޑަށް ތިރިވަމުންނެވެ. އެއާއެކު ބަލީގައި ފަރުވާ ދެމުންދާ މީހުންގެ އަދަދުވެސް ވަނީ ބޮޑުތަނުން ދަށްވެފައެވެ. ހޮސްޕިޓަލުގައި ފަރުވާ ދޭ މީހުންގެ އަދަދުތައްވެސް ދަނީ ތިރިވަމުންނެވެ. ނަމަވެސް މިއީ އެއްވެސް ވަރަކަށް ފަރުވާ ކުޑަކޮށް ބަލީގެ ނުރައްކާ ދިޔައީކަމަށް ބަލަންވީ ވަގުތެއްނޫންވެ. އަދިވެސް މިފެންނަ ނަތީޖާ ތަކަކީ ސިއްހީ މާހިރުން އެންމެ ހިތްހަމަ ޖެހޭ އަދަދު ތަކަކަށް ނުވި ކަމުގައި ވިޔަސް އެބޭފުޅުންގެ ވާހަކަ ތަކުން ވެސް ރައްޔިތުންގެ ކިޔަމަންތެރިކަމާއި ބަސް އެހުމުގެ ނަތީޖާ ވަރަށް ރަނގަޅުކަން އެގެންދަވަނި ފާހަގަ ކުރައްވަމުންނެވެ.

ޞިއްހީ މާހިރުން އެދިވަޑައިގަންނަވަނީ އަދިވެސް މިގޮތުގައި ހިތްތިރި ކޮށްލައްވައިގެން ކެތްތެރިވެލައްވައިގެން ދުވަސްކޮޅަކު މަޑުކޮށްލުމަށެވެ. ޞިއްހީ މާހިރުންދެއްވާ އިރުޝާދުތަކަށް ބޯލެބުމަކީ އަދިވެސް އެންމެ ރަނގަޅު ގޮތެވެ. ބައްޔަކީ އަދި މިހާތަނަށްވެސް އެއްވެސް ފަރުވާއެއް ހޯދިފައިނުވާ ބައްޔަކަށްވާއިރު، ގައިދުރުކަން އިސްކުރުމާއި، މާސްކް އެޅުމާއި، ގިނަގިނައިން އަތް ދޮވުމާއި ކޮންމެހެން ގެއިން ބޭރަށް ނުކުންނަން ޖެހޭފަދަ ޒަރޫރީ ބޭނުމެއް ނެތިއްޔާ އާންމުން އެއްވާ ތަންތަނަށް ނުކުމެވަޑައި ނުގެން ގޭގައި ތިއްބެވުމާއި އާންމު ސާފްތާހިރުކަމަށް އިސްކަން ދިނުމަކީ މިހާލަތުގައިވެސް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަންކަމެވެ.

ކުޑަތަންކޮޅެއްވެސް ފަރުވާކުޑަކޮށްލައި، ބަލި ނެތި ދިޔައީކަމަށް ގަބޫލް ކޮށްފިނަމަ އަނެއްކާވެސް ބަލީގެ ނުރައްކާ ބޮޑުވެ ކޮންޓްރޯލް ނުވާ ހިސާބަށް ދިއުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. މި ހަގީގަތް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެދަނީ ހާމަވަމުންނެވެ.



މާލެ ސަރަހައްދުގައި ކޯވިޑް-19ޖެހޭ މީހުންގެ އަދަދު މަދުވާންފަށާނެ ކަމަށް އަންދާޒާ ކުރެވެނީ މިމަހުގެ ފަހުކޮޅުން ފެށިގެން ކަމަށް ޕަބްލިކް ހެލްތު އެކްސްޕަރޓް ޑރ. ޝީނާ މޫސާވެސް ވަނީ ވިދާޅުވެފައެވެ. މީޑިއާތަކުން ފަށާފައިވާ "ކޯވިޑް-19 ހުއްޓުވާނީ އަހަރެން" ކެމްޕެއިންގެ ތެރެއިން ގެނެސްދިން ޕްރޮގްރާމެއްގައި ޑރ. ޝީނާ މޫސާ ވިދާޅުވީ ކޯވިޑް-19 މާލެއިން ފުރަތަމަ ފެނުނު ހިސާބުން ފެށިގެން މިބައްޔަށް ފަރުވާދިނުމުގެ ކަންކަން އިންތިޒާމުކުރުމަށްޓަކައި މާލެ ސަރަހައްދު ފުރަބަންދުކުރުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދިން ލުއިތަކަށްފަހު ކުރިން އަންދާޒާކުރެވުނު މިންވަރަށްވުރެ ބޮޑަށް ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށެވެެ.

"މާލެ ސަރަޙައްދުގެ ސިޓުއޭޝަން ދަންނަވަންޏާމު މިހާރު މިއޮތީ ވަރަށް ބޮޑަށް ސްޕްރެޑްވެފަ ދެން މިދާ ޓްރެޖެކްޓްރީއަކަށް ގޮސްފަ ދެން ތިރިވާނީ. ތަންކޮޅެއްކުރިން އޮގަސްޓްމަހުގައި އަޅުގަނޑު ހިއްސާކޮށްލި ޕްރޮޖެކްޝަންތަކެއް. އެހެންވީމާ އެސްޓިމޭޓްކުރެވޭ ސެޕްޓެމްބަރ ފަހުކޮޅަށް ޓްރެޖެކްޓްރީއަކަށް ގޮސްފައި ދެން ތިރިވާނީ. އެެހެންވީމަ އަދި މިލެވަލްގައި ދުވަސްކޮޅެއް ހިފަހައްޓާނެ އެކަމަކު، މިމަހުގެ ފަހުކޮޅަށް އަންދާޒާކުރެވެނީ ދަށްވާން ފަށާނެކަމަށް ޓެރެޖެކްޓްރީ ތިރިވާން ފަށާނެކަމަށް." ޑރ. ޝީނާ ވިދާޅުވިއެވެ.

ޞިއްހީ މާހިރުންނާއި ކަމާއިބެހޭ ފަރާތްތަކުގެ އިރުޝާދާއެކު ބަލި ކޮންޓްރޯލް ކުރުމައްޓަކައި ރާއްޖޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ މިބަލީގައި މަރުވާ މީހުންގެ އަދަދު ވީހާވެސް މަދުކޮށް، ބަލި ފެތުރުން ކޮންޓްރޯލްކޮށް އާންމު ދިރިއުޅުމުގެ ކަންކަންވެސް ކުރިއަށްދާނެފަދަ ގޮތަކަށް ބަލައިގެން އަޅާފައިވާ ފިޔަވަޅުތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން