ޙަސަން ކަލާމް
ޙަސަން ކަލާމް
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ނޮން އެގްޒެކްޓިވް ޑިރެކްޓަރއެއްގެ ގޮތުގައި ޙަސަން ކަލާމް އައްޔަންކޮށްފިއެވެ.

އެސްޑީއެފްސީން މިއަދު ބުނީ ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އިސްލާމިކް ބޭންކިންގ އޮފިސަރގެ މަގާމު އަދާކުރައްވަމުން ގެންދަވާ ޙަސަން ކަލާމް އަކީ ފައިނޭންޝަލް ސަރވިސަސް އަދި ބޭންކިންގ އިންޑަސްޓްރީގައި 13 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ.

"އޭނާ އަކީ އެ ބޭންކުގެ އިސްލާމިކް ބޭންކިންގ ހިދުމަތްތައް ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކޮށްދެއްވާފައިވާ ލައިސެންސްޑް ޝަރީޢާ އެޑްވައިޒަރެކެވެ." އެސްޑީއެފްސީން މަޢުލޫމާތު ދީފައިވެއެވެ.

ހަމައެއާއެކު އެސްޑީއެފްސީން ބުނީ، ކަލާމް ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އައި.އެން.ސީ. އީ.އައި.އެފް) އިން މާސްޓަރސް ޑިގްރީ އިން އިސްލާމިކް ފައިނޭންސް ހާސިލުކުރައްވާފައި ކަމަށެވެ. އަދި ކަލާމަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް އިސްލާމިކް ފައިނޭންސް ޕްރޮފެޝަނަލްސްގެ ސީނިއަރ އެސޯސިއޭޓް މެންބަރެއް ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

މިއާއެކު އެސްޑީއެފްސީގެ ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވަނީ މުހައްމަދު ޝަރީފް، ބަދުރުއްދީން ހަސަން، ފާތިމަތު ފާރިހަތު ވަހީދު، ހަސަން ކަލާމް، ފާތިމަތު އަޒްމާ، އަހްސަލް މުހައްމަދު އަދި ފާތިމަތު ޔަމްނާއެވެ.

ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްޑީއެފްސީ އުފެއްދީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންނެވެ. އެސްޑީއެފްސީން ދަނީ މައިގަނޑު 7 ދާއިރާއަކުން ލޯނު ދޫކުރަމުންނެވެ. އެއީ ހަރުމުދާ، ދަނޑުވެރި ނަފާ، ވިޔަފާރި އެހީ، ރަށު ފަތުރު، ކަނޑުފަޅު ނަފާ، ފަށާވިޔަފާރި އަދި ވިޔަފާރި ތަރައްޤީ ލޯނެވެ.

އެކުންފުނި ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ވަނީ މިދިޔަ ޖުލައިމަހު ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު