އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިއަދު ކޮންޓެންޓް ކްރިއޭޓަރުންނާއި ފިލްމު ޕްރޮޑިއުސަރުންނަށް އަމާޒުކޮށްގެން އައު ފައިނޭންސިންގ ޚިދުމަތެއް ތަޢާރަފުކޮށްފިއެވެ.

މި ޚިދުމަތުގެ ދަށުން 500,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

ކްރިއޭޓިވް އިކޮނޮމީ ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމަށް މަގުފަހިކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ އެސްޑީއެފްސީގެ ޚިދުމަތުގެ ދަށުން ކޮންޓެންޓް އުފައްދާ ފަރާތްތަކަށާއި ފިލްމު އުފައްދާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެފަރާތްތަކުގެ އުފެއްދުންތެރި މަސައްކަތްތައް ތަރައްޤީކުރުމަށާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދެވޭނެއެވެ.

ކޮންޓެންޓް ކްރިއޭޓަރ ފައިނޭންސިންގެ ދަށުން ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުން، އިންފްލުއެންސަރުން، އަދި ވީޑިއޯގްރާފަރުންނަށް ރަހުނަކާ ނުލައި 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭއިރު، ރަހުނެއް ހުށަހަޅައިގެން 500,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ހޯދުމުގެ ފުރުސަތު ލިބޭނެކަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ.

އެސްޑީއެފްސީން ބުނީ އަހަރަކު 9.5 އިންސައްތައިގެ ފައިދާ ރޭޓެއްގައި، ގިނަވެގެން 5 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފެސިލިޓީ އަނބުރާ ދެއްކުމުގެ ފުރުސަތު ލިބޭނެކަމަށެވެ. މި މުއްދަތުގެ ތެރޭގައި، 6 މަސް ދުވަހަށްވުރެ ދިގުނޫން ގްރޭސް ޕީރިއަޑެއްވެސް ހިމެނެއެވެ. މި ފައިނޭންސިންގ މެދުވެރިކޮށް އިކުއިޕްމަންޓް ހޯދުމާއި، ޕްރޮޑަކްޝަން ޚަރަދުތައް ހަމަޖެއްސުމާއި، ކްރިއޭޓިވް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ޚަރަދުތައްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް އެސްޑީއެފްސީން ހާމަކޮށްފައިވެއެވެ.



"ކްރިއޭޓިވް އިކޮނޮމީއަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުންދާ ދާއިރާތަކުގެ ތެރެއިން އެއް ދާއިރާއެވެ. އަދި ދިވެހި ޒުވާނުންނަކީ މި ހަރަކާތުގެ އެންމެ ކުރީ ސަފުގައި ތިބި ބައެއް. މި ފައިނޭންސިންގ ފެސިލިޓީއާއެކު، އަޅުގަނޑުމެން ބޭނުންވަނީ ކޮންޓެންޓް ކްރިއޭޓަރުންނާއި، ފިލްމު އުފައްދާ ފަރާތްތަކާއި، ޑިޖިޓަލް ކްރިއޭޓަރުންނަށް، ދުނިޔޭގެ މަސްރަހުގައި ދިވެހިންގެ ކްރިއޭޓިވިޓީ ދައްކުވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ލިބޭނެކަން ކަށަވަރުކުރުން. މިއީ ހަމައެކަނި ފައިނޭންސިންގ ޕްރޮޑަކްޓެއް ނޫން، މިއީ ހުނަރުވެރިކަމާއި، އައު ކްރިއޭޝަންސް އަށް ފުރުސަތު ފަހިކޮށްދީ އަދި ރާއްޖޭގެ އިޤްތިޞާދުގެ މުސްތަޤްބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް" އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.

އެސްޑީއެފްސީގެ ވެބްސައިޓް މެދުވެރިކޮށް މި ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު