ޒަހީނުއްދީން ސަޢީދު   22 ސެޕްޓެމްބަރު 2020 - 23:2
ކޮވިޑް-19ގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވެފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 283.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުދި އަދި މެދުފަންތީގެ 1،720 ފަރާތަކަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ. މިމަހުގެ 17 ވަނަ ދުަވހުގެ ނިޔަލަށް 3،456 ފަރާތުން ލޯނަށް އެދި ހުށަހަޅާފައިވާއިރު 557 ފަރާތެއްގެ އެޕްލިކޭޝަން އެކި ސަބަބުތަކާހުރެ ރިޖެކްޓް ކޮށްފައިވާކަން ފިނޭންސް މިނިސްޓްރީއިން ފާހަގަ ކޮށްފައި ވެއެވެ.

އެސްޑީއެފްސީ މެދުވެރިކޮށް މިހާތަނަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ 227 ވިޔަފާރިއަކަށް 51.9 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާއިރު ދަތުރުފަތުރުގެ ދާއިރާ އަށް 19.2 މިލިއަން ރުފިޔާ ދޫކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، އަމިއްލަ މަސައްކަތްކުރާ 1،671 މީހަކު ލޯނު އެހީއަށް އެދުނުއިރު އޭގެ ތެރެއިން 575 ފަރާތަކަށް، 17.2 މިލިއަން ރުފިޔާ ދޫކުރަން މިހާތަނަށް ވަނީ ނިންމައިފައެވެ. އަދި އަމިއްލަ މަސައްކަތްކުރާ 283 އަންހެނަކު ލޯނަށް އެދި ހުށައަޅާފައިވާއިރު މީގެ ތެރެއިން 103 މީހަކަށް، ޖުމްލަ 3.1 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ފިނޭންސް މިނިސްޓްރީ އިން ވަނީ ނިއްމާފައެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި މިހާތަނަށް 79.2 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ. މި އަދަދަކީ މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ދޫކޮށްފައިވާ ފައިސާގެ އަދަދު ތަކެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 7،742 މީހުން ވަނީ އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށައަޅާފައެވެ. ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި ނޯޕޭ ލީވް ދީފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިނުމަށް ނިންމާފައި ވަނީ މަހަކު 5000 ރުފިޔާގެ އެލަވަންސެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން