ބީއެމްއެލްގެ އޭޓީއެމް
ބީއެމްއެލްގެ އޭޓީއެމް
ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ފ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބަހައްޓައިފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ، ފ. ދަރަނބޫދޫ އާއި، މަގޫދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފައިވާ ކަމަށެވެ.

މިރަށްރަށުގައި އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެރަށްރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

"ފ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 24 ގަޑިއިރު ޚިދުމަތް ލިބޭނެ އެންމެ ޒަމާނީ ފެންވަރުގެ ސެލްފް-ސަރވިސް އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މިއީ އަމިއްލަ ރަށުގައި ތިބެގެން ފަސޭހައިން ވާސިލުވެވޭނެ ބޭންކިންގ ޚިދުމަތެއް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ބޭންކުން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ބީއެމްއެލް އިން ވަނީ، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗާއި، 170 ސެލްފްސަރވިސް ބޭންކިންގ ސެންޓަރާއި، 228 އޭޓީއެމް ޤާއިމު ކޮށްފައެވެ.

އަދި ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން މަޢުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު