އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާޤު
އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާޤު
ރިސޯޓް ތަކުގައިވެސް އެޓީއެމް ބަހައްޓަންވީ ކަމަށާއި، އެއީ ސްޓްރެޓެޖިކް އިންވެސްޓްމަންޓެއް ކަމަށް ދެކެލައްވާ ކަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާޤު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދާއިރު ފިރާޤު މިއަދު ވަނީ މީސް މީޑިއާގައި މެސެޖެއް ޙިއްސާކުރަށްވައި އެކަމާމެދު އޭނާގެ ވިސްނުން ހާމަކުރަށްވާފައެވެ.

އެގޮތުން ފިރާޤު ވިދާޅުވީ، ގިނަ ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަކީ މައްސަލައެއްގެ ގޮތުގައި ބަލަން ނުޖެހޭ ކަމަށާއި، އޭގެ ބަދަލުގައި އެއީ ބޭންކަށާއި އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ލިބިދާނެ ކަމެއް ކަމަށެވެ.

"ދަތުރުކުރާ ފަތުރުވެރިންގެ ދަތުރުތައް އެއްވަރަކަށް ކުރިއަށްދާއިރު، އެކްސެސިބަލް އޭޓީއެމްތައް ހުރުމުން ފަސޭހަކަމާއެކު ސީދާ ބޭންކިން ނިޒާމުން ފައިސާ ނެގޭނެއެވެ. މިއީ ފަތުރުވެރިންނަށް އިތުރު ހޭދަތައް ކުރުމަށް ފަސޭހަކަން އިތުރު ކޮށްދިނުމުގެ އިތުރުން ބޭންކަށް އިތުރު ޔޫއެސްޑީ އިންފްލޯތައް ލިބި މެނޭޖްކުރެވޭނެ ކަމެއްވެސް މެއެވެ." ފިރާޤް ވިދާޅުވިއެވެ.

ހަމައެއާއެކު ފިރާޤް ވަނީ، ގެސްޓްހައުސްތަކާއި ހޮޓަލްތަކުގައި މަޑުކުރާ ގިނަ ފަތުރުވެރިން ހޮޓަލުގެ ޕީއޯއެސް ސިސްޓަމް މެދުވެރިކޮށް ފައިސާ މާރުކުރާކަން ފާހަގަ ކުރަށްވާފައެވެ. އަދި އެހެން އެކަން ހިނގާނަމަ ބޭރު ފައިސާގެ ކޮންޓްރޯލް ހަރުދަނާ ގޮތަކަށް ނުހިންގިދާނެ ކަމަށާއި، އޭޓީއެމްތަކުގެ ޙިދުމަތް ފުޅާކޮށްގެން ބޭންކަށް މި މުޢާމަލާތްތައް މޮނިޓަރ ކުރެވޭނެ ކަމަށް ފިރާޤް ވިދާޅުވެފައިވެއެވެ.

"މިއީ އާޚިރުގައި ހާމަކަން ބޮޑުވެ، ބޭންކިންގ ނެޓްވޯކްގެ ތެރޭގައި ބޭރު ފައިސާ ދައުރުވުން އިތުރުކޮށްދޭ ކަމެކެވެ." ފިރާޤް ވިދާޅުވިއެވެ.



މީގެ އިތުރުން އޭޓީއެމްތަކުގެ ސަބަބުން ނުރަސްމީ ކޭޝް ޗެނަލްތަކަށް ބަރޯސާވުން މަދުވެ، ނިޒާމަށް އިތުރު އިތުބާރު އުފެދި، ބޭންކިން ދާއިރާއަށާއި ލޯކަލް ވިޔަފާރިތަކަށް ވެސް ދިގު މުއްދަތުގެ ފައިދާތަކެއް ލިބިގެން ދާނެކަމަށް ފިރާޤް ވިދާޅުވެފައިވެއެވެ.

"ފަތުރުވެރިންނަށް އެއީ އެމީހުންގެ ފައިސާ ރައްކާތެރިކަމާއެކު ލިބޭނެކަން އެނގި އިތުބާރު އިތުރުކޮށްދޭ ކަމެކެވެ. ބޭންކަށް ބޭރު ފައިސާގެ ހިފެހެއްޓުމެއް ބިނާކޮށްދޭ ކަމެކެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކި ހިސާބުތަކުގައި އޭޓީއެމް ބެހެއްޓުމަކީ ހަމައެކަނި އަމަލީ ފިޔަވަޅެއް ނޫނެވެ. މުސްތަގުބަލަށް ސްޓްރެޓެޖިކް އިންވެސްޓްމަންޓެއް ކަމަށް ވެސް ދެކެމެވެ. ރިސޯޓުތަކުގައި ވެސް ބެހެއްޓޭނަމަ ބަހައްޓަންވެސް ވީއެވެ." ފިރާޤްގެ މެސެޖް ނިންމަވާ ލައްވަމުން ވިދާޅުވެފައިވެއެވެ.

ފިރާޤް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު