ބީއެމްއެލް އިން ޗައިނީސް ޔުއާން އެކައުންޓް ތަޢާރަފްކުރުން
ބީއެމްއެލް އިން ޗައިނީސް ޔުއާން އެކައުންޓް ތަޢާރަފްކުރުން
ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓް ތައާރަފް ކޮށްފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި މާލީ މުޢާމަލާތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިއަދު ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކުރި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން ކަރަންޓް އެކައުންޓް ހުޅުވޭ ގޮތް ހަމަޖެއްސުމާއި، ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން އިންޓަރނޭޝަނަލް ޓްރާންސްފަރ (ޓީޓީ) ފޮނުވުމާއި ޗައިނީސް ޔުއާން އިން ރާއްޖެއަށް ފައިސާ ލިބޭ ގޮތް ހަމަޖެއްސުމާއި، އިމްޕޯޓް ކުރާ ފަރާތްތަކާއި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ޗައިނީސް ޔުއާން އިން އެލްސީ ހެދޭ ގޮތް ހަމަޖެއްސުމެވެ.

ހަމައެއާއެކު ބީއެމްއެލްއިން ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ވިސާ އަދި މާސްޓަރކާޑު ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ވީޗެޓް ޕޭއަށް އެޑްކޮށް ޗައިނާގެ މަރޗަންޓުންނަށް ފައިސާ ދެއްކޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ޕޭމަންޓް ޕްލެޓްފޯމްގައި ދިވެހިންނަށް ފަސޭހައިން ފައިސާގެ މުއާމަލާތް ކުރުމަށް ހުޅުވިގެންދާ ފުރުސަތެއް ކަމަށާއި، ކަސްޓަމަރުންނަށް ޔޫއެސްޑީ ޑެބިޓް، ޔޫއެސްޑީ ކްރެޑިޓް އަދި ޓްރެވަލް ކާޑުތައްވެސް ވީޗެޓް ޕޭއަށް އެޑްކުރެވޭނެ ކަމަށް ބީއެމްއެލްއިން މަޢުލޫމާތުދެއެވެ.

އޭގެއިތުރުން ފުރަތަމަ ފަހަރަށް، ކަސްޓަމަރުންނަށް ވީޗެޓް ވޮލެޓަށް ޗައިނީސް ޔުއާން އިން ފައިސާ ލިބޭ ގޮތް ހަމަޖައްސައި، ވޮލެޓްގައި ހުންނަ ޗައިނީސް ޔުއާން ބޭނުން ކޮށްގެން ޗައިނާގައި ފައިސާ ދެއްކޭނެ ކަމަށާއި ވީޗެޓް ވޮލެޓް މެދުވެރިކޮށް އެހެން ފަރާތްތަކަށް ޓްރާންސްފަރވެސް ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

"މިއަދަކީ ރާއްޖޭގެ މާލީ ދާއިރާ ޒަމާނީކުރުމުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް. ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިޞާދާއި އެންމެ ގިނައިން ބޭނުންކުރާ އެއް ޕްލެޓްފޯމާ ގުޅުވާލުމުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ. މި ޚިދުމަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ވިޔަފާރި މުޖުތަމަޢުއަށް ހަރުދަނާކަމާއެކު ވިޔަފާރިކުރެވި، އަދިފަރުދުންނަށް މިހާތަނަށް ނުލިބޭވަރުގެ ފަސޭހަތަކެއް ލިބިގެންދާނެ. މިއީ އައު އީޖާދީ ހައްލުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ރަމްޒެއް." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޔުނިއަންޕޭ ކާޑުތައް ބީއެމްއެލް އިން ދޫކުރަން ފަށާނެ ކަމަށްވެސް މި ރަސްމިއްޔާތުގައި ވަނީ ހާމަކޮށްފައެވެ. މި ކާޑު ފަރުދުންނަށާއި ވިޔަފާރިތަކަށް ދޫކުރާއިރު، މި ކާޑަކީ ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމުގައި ބަލައިގަންނަ، ގްލޯބަލް ޕޭމަންޓް ނެޓްވަރކްގައި ބޭނުންކުރެވޭނެ ކާޑެއް ކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.

ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ކޮންގް ޝިއަންގްވާ، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު އަދި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ ބޯޑު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު